ތާއީދުކުރައްވަނީ ރާއްޖޭގައި ރިޔާސީ ނިޒާމެއް އޮތުމަށްކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް މިއަދު ހާމަކުރައްވައިފިއެވެ.
މަހްލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރިޔާސީ ނިޒާމާމެދު ގެންގުޅުއްވާ ވިސްނުންފުޅަށް ތާއީދުކުރާ ކަމަށެވެ. އަދި މި ވަގުތާއި ހާލަތަށް ބަލާއިރު އެންމެ ރަނގަޅު ގޮތަކީ ރިޔާސީ ނިޒާމެއްގައި ކުރިއަށްދިއުން ކަމުގައި ދެކެވަޑައިގަންނަވާކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފްގެ އިތުރުން ތިން ވަޒީރަކު ވަނީ ބަރުލަމާނީ ގެންނަން ދެކޮޅު ހައްދަވައިފައެވެ. އެއީ އެމްޑީޕީގެ ޗެއާޕާސަން އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލާއި ހޯމް މިނިސްޓަރު އިމްރާނާއި ފޮރިން މިނިސްޓަރު ޝާހިދެވެ.
ބަރުލަމާނީ ނިޒާމު ގެނައުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އެ ޕާޓީގެ ކޮންގްރެސްއަށް ޤަރާރެއް ހުށަހަޅުއްވާފައިވާއިރު, ރައީސް ޞާލިޙް ވަނީ އެ ޤަރާރު ފާސްވާނެކަމަށް ނުބެލެވޭ ކަމަށާއި, ޤަރާރު އަނބުރާ ގެންދެވުމަށް ވެސް ގޮވައިލައްވާފައެވެ.
ބަރުލަމާނީ ނިޒާމު ގެނައުމަށް ތާއީދު ނުކުރައްވާ ކަމަށް ހާމަކުރައްވައި ރައީސް ޞާލިޙް އިތުރަށް ވިދާޅުވީ މިއީ ނިޒާމު ކަނޑައަޅަން މަސައްކަތް ކުރަންވީ ވަގުތު ނޫން ކަމަށެވެ. އަދި ވަގުތު މުހިންމީ ޤައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.