ޚަބަރު ސިޔާސީ

ނަޝީދަކީ އެއްކަމެއްގައި ދެ ގޮތެއް ނުވެ ހުރި މީހެއްކަމަށް ބުނުމުން ސަމީރުގެ ވަރުގަދަ ރައްދެއް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރު. ފޮޓޯ: މިހާރު

ބަރުލަމާނީ ނިޒާމު ގެނައުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން ޤާނޫނުއަސާސީން ލިބިފައިވާ ފުރުސަތު މީގެ ކުރިން ބޭނުންނުކުރައްވައި, މިއަދު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ލައްވައި އެކަން ކުރައްވަން ރައީސް މުޙައްމަދު ނަޝީދު އުޅުއްވަނީ އިޚްލާސްތެެރިވީމަތޯ ސުވާލު ކުރައްވައި ރައީސް އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރު ރައްދު ދެއްވައިފިއެވެ.

Ads by Hajj Corporation

ސަމީރު މިހެން ވިދާޅުވެފައިވަނީ, ‏ފެށުނީއްސުރެ އެއް ވާހަކައެއް ދައްކާ މީހާއާއި، ދެއިރު ދެ ދަޅަޔަށް ވާހަކަ ބަދަލުކުރާ މީހާގެ ތެރެއިން، ތެދުވެރިކަން ބޮޑީ ކާކުގެ ކަން އެކަކަށް ވެސް ނޯޅޭނެކަމަށް ވިދާޅުވެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) މިއަދު ކުރައްވާފައިވާ ޓުވީޓެއްގެ ސްކްރީން ޝޮޓް ހިއްސާކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.

ސަމީރު ވިދާޅުވީ ''‏އެއް ގޮތެއްގައި އެއްކަމެއްގައި ދެ ގޮތެއް ނުވެ ހުރި މީހަކަށް'' އަމިއްލަ އިޚްތިޔާރުގައި ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް 2008 އިން 2012 އަށް ވެރިކަމުގައި ފުރުސަތު ލިބިވަޑައިގަތް ކަމަށެވެ. ނަމަވެސް ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޏ) ގައި ލިބިފައިވާ ފުރުސަތުގެ ބޭނުން ނުކޮށް މިއަދު ރައީސް ޞާލިހް ލައްވައި އެ ކުރުވަން އުޅެނީ އިޚްލާޞްތެރިވީމަތޯ ސަމީރު ސުވާލު ކުރެއްވިއެވެ.

ބަރުލަމާނީ ނިޒާމު ގެނައުމަށްވުރެ މި ވަގުތު ރަނގަޅީ ޤައުމުގައި ހުރި މައްސަލަތައް އިސްލާހުކުރުން ކަމަށާއި, ރާއްޖެއަށް އަދިވެސް ރަނގަޅީ ރިޔާސީ ނިޒާމުކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. އަދި އެ މަނިކުފާނު ވަނީ ރައީސް ނަޝީދު އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅުއްވި ޤަރާރު އަނބުރާ ގެންދަވަން ވެސް ގޮވައިލައްވާފައެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ އެމްޑީޕީގެ ގިނަ މެންބަރުން އެދޭ ގޮތަކީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ފެންނަަ ނުފެންނަ ވޯޓަކަށް ދިއުންކަމަށާއި, ރައްޔިތުންގެ ގާތުގައި އެހުމަކީ އެކަކަށް ވެސް އިންކާރު ކުރެވޭނެކަމެއް ނޫން ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!