ޚަބަރު

ތަމްރީނަކަށް ދިވެހި ނޫސްވެރިން އިންޑިއާއަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

"އިން ސާރވިސް ޓްރެއިނިންގ އޮފް އެޓިޑާރސް އެންޑް ޖާނަލިސްޓްސް އޮފް މޯލްޑިވްސް" ގެ ނަމުގައި އިންޑިއާގެ "އެމިޓީ ޔުނިވަރސިޓީ، (ނޮއިޑާ)" އިން އިންތިޒާމްކުރާ 8 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ދިވެހި އެޑިޓަރުންނާއި ނޫސްވެރިންގެ ވަފުދެއް މިއަދު މެންދުރު އިންޑިއާ އަށް ފުރައިފިއެވެ.

Ads by STELCO

މި ޓްރެއިނިންގ ޕްރޮގްރާމް ބައިވެރިންގެ ގޮތުގައި މި ނޫސް، އޭދަފުށި ޓައިމްސް، ވަގުތު ނޫސް، ޕަބްލިކް ސާރވިސް މީޑިއާ، ގާފު އޮންލައިން، ސަން އޮންލައިން، ތިލަދުން، ވީޓީވީ، އޭއޯ ނިއުސް، އަދަދު ނޫސް، އަރި އޮންލައިން، ރާއްޖެ ޓީވީ، އާފަތިސް ނޫސް، އަވަސް އޮންލައިން، އެމްވީޓީވީ، މިހާރު ނޫސް އަދި ދެން އޮންލައިން ހިމެނޭ ގޮތަށް ޖުމްލަ 20 ފަރާތެއް މި ވަފުދުގައި ހިމެނެއެވެ.

މި ތަމްރީނު ޕްރޮގްރާމްގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ޖާނަލިޒަމް އެތިކްސް، މީޑިއާ ދާއިރާގެ މުހިއްމު ޤާނޫނުތައް، ނޫސްވެރިކަމުގެ ބެސްޓް ޕްރެކްޓިސް، ކޮންފްލިކްޓް ހާލަތްތަކުގައި ރިޕޯޓުކުރާނެ ގޮތް، ކުއްލި ހާލަތްތަކުގައި ރިޕޯޓުކުރުމުގައި ސުލޫކީ މިންގަނޑު، ސިޓިޒަން ޖާނަލިޒަމް، ވީޑިއޯ ޖާނަލިޒަމް، މޯބައިލް ރިޕޯޓިން، ކޮމިއުނިޓީ ބްރޯޑްކާސްޓިން، އިންވެސްޓިގޭޓިވް ޖާނަލިޒަމް، އިންތިހާބުތަކުގައި ރިޕޯޓްކުރާނެ ގޮތްތައް، ޢާންމު މަޞްލަޙަތު ހިމެނޭ މުހިންމުކަންކަން ފީޗަރ ރިޕޯޓެއްގެގޮތުގައި ގެނެސްދޭނެގޮތް، ޑިޖިޓަލް ޖާނަލިޒަމްގެ ދުނިޔޭގައި ޓްވިޓާގެ މުހިއްމުކަން، އޯޑިއަންސް އެންގޭޖްކޮށްގެން ހަބަރު/ރިޕޯޓްގެނެސްދޭނެގޮތް،

މީޑިއާގެ މިނިވަންކަމުގެ ހުދޫދުތައް، ހޭޓް ސްޕީޗް، މީސް މީޑިއާގެ މުހިއްމުކަން، ފޭކް ނިއުސް އަދި ފެކްޓް ޗެކިން އުކުޅުތައް، މީޑިއާ ލިޓްރަސީގެ މުހިއްމުކަން، ޚަބަރު ފެތުރުމުގައި ޘަޤާފީ ހުރަސްތަކާއި ކްރިޓިކަލް ތިންކިންގ ކުޅޭ ދައުރު އަދި ނޫސްވެރިންގެ ޕްރޮފެޝަނަލް ސްކިލްސް ތަރައްޤީކުރެވޭނެ ގޮތްތަކާއި ގުޅޭ މައުލޫމާތު ސެޝަންތައް ހިމެނިގެންދާނެއެވެ.

އަދި މީގެ އިތުރުން އިންޑިއާގެ އެކި މީޑިއާ ހައުސްތަކަށާއި ސަރުކާރުގެ އެކި މުއައްސަސާތަކަށް ބައިވެރިން ޒިޔާރަތްކޮށް، އެތަންތަނުގެ އެޑިޓަރުން/ސީނިއާރ ނޫސްވެރިން/މަސްއޫލުވެރިންނާއި ބައްދަލުކޮށް މައުލޫމާތާއި ތަޖުރިބާ ހޯދުމުގެ ސެޝަންތަކެއް ރޭވިފައިވެއެވެ. އަދި މި ދަތުރުގެ ބައިވެރިން ޕްރެސް ކައުންސިލް އޮފް އިންޑިއާ، ޕްރަސާރް ބާރިތީ، ދޫދާޝަން ކެންދުރާ، ނޭޝަނަލް ކެޕިޓަލް ރީޖަން އަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެ ޕްރޮގްރާމަކީ މީޑިއާގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ ގޮތުން މީޑިއާ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ދަށުން އިންޑިއާ ސަރުކާރުގެ އައިޓެކް ޕްރޮގްރާމުގެ ދަށުން ލިބުނު ފުރުސަތެއް ކަމަށް އެ ކައުންސިލުން ބުންޏެވެ. އެ ޕްރޮގްރާމުގެ ހެޑް އޮފް ޑެލިގޭޝަންގެ ގޮތުގައި މީޑިއާ ކައުންސިލްގެ މެމްބަރު މުހައްމަދު ޝާފިއު ހަރަކާތްތެރިވާއިރު ޑެޕިއުޓީ ހެޑް އޮފް ޑެލިގޭޝަންގެ ގޮތުގައި ހަރަކާތްތެރިވާނީ ކައުންސިލް މެމްބަރު މުއިއްޒު އިބްރާހިމް އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!