ޚަބަރު

ދެ ދުވަސްތެރޭ ބްރިޖް ޕްލެޓްފޯމް ފުންކުރެވޭނެ: އެފްކޮންސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފޮޓޯ: އަވަސް

ވިލިމާލެ ފަރަށް އަރާފައިވާ ތިލަމާލެ ބްރިޖްއަޅާ ޕްލެޓްފޯމް އެތަނުން ނެގުމަށް ވާން ޖެހޭ ތައްޔާރީތައް ވެފައިވާ ކަމަށާއި އެތަނުން ޕްލެޓްފޯމް ކުރިޔަށް އޮތް ދެ ދުވަހުގެ ތެރޭގައި ނެގޭނެ ކަމަށް އެ މަޝްރޫއު ހިންގަމުން އަންނަ އިންޑިއާގެ އެފްކޮންސް ކުންފުނިން ބުނެފިއެވެ.

Ads by Sosun Fihaara

ތިލަމާލެ ބްރިޖް އެޅުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ފަރަށް އަރާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

އެފްކޮންސް އިން ނެރުނު ބަޔާނެއްގައި ބުނީ 11 މީހުންނާއެކު ޕްލެޓްފޯމް ފަރަށް އެރީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. އަދި ޕްލެޓްފޯމް ފުން ކުުރުމުގެ މަސައްކަތަށް ބޭނުންވާ ވަސީލަތްތައް މިހާރު މޮބިލައިޒް ކޮށްފައިވާ ކަމަށާއި، އެގޮތުން ޓަގްތަކާއި ބާޖު އަދި ކެރޭންތައް ހޯދާފައިވާ ކަމަށް ބުނެފައިވެއެވެ.

އެފްކޮންސް އިން ނެރުނު ބަޔާނެއްގައި ބުނީ ޕްލެޓްފޯމް ނެގުމުގެ މަސައްކަތް ކުރިއަށްދަނީ ފަރަށް ގެއްލުން ނުވާނެ ގޮތަކަށް ބަލައިގެން ކަމަށާއި މޫސުން ތަންދޭނަމަ ކުރިއަށް އޮތް ދެ ދުވަސްތެރޭ އެތަނުން އެ ޕްލެޓްފޯމް ނެގޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ރާޅާ އެކު ޕްލެޓްފޯމް ވިލިމާލޭގެ ފުއްޓަރުފަރާތު ފަރުގައި ޖެހޭ އަޑާއެކު ރަށަށް ލޮޅުން އިހްސާސް ކުރެވޭތީ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާ "ސޭވް ދަ ބީޗް މޯލްޑިވްސް" އާއި ވިލިމާލޭގެ އާންމުން ތަމްސީލް ކުރާ "ވިލިޖޯލި" ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެކުރިން ވިދާޅުވީ ފަރަށް ލިބުނު ގެއްލުމާއި އެކަމަށް އަރާނެ ޖުރިމަނާއެއް އެނގޭނީ އީޕީއޭގެ އެސެސްމެންޓް ނިމުމުން ކަމަށެވެ. ޕްލެޓްފޯމް ފަރަށް އެރި ނަމަވެސް ބްރިޖް މަސައްކަތަށް މަޑުޖެހުމެއް ނާންނާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖް އެޅުމަށް ބޭނުން ކުރާ ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން ޕްލެޓްފޯމް ނެގުމަށް މަސައްކަތް ނުކުރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް އިއްޔެ ކުއްލި މައްސަލައެއް ވެސް ހުށަހެޅި އެވެ. މައްސަލަ ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!