ބްރިޖް ޕްލެޓްފޯމް ނުނެގުނީ މޫސުން ތަންނުދިމުގެސަބަބުން: އެފްކޮންސް

ވިލިމާލެ ފަރަށް އަރާފައިވާ ތިލަމާލެ ބްރިޖްއަޅާ ޕްލެޓްފޯމް އެތަނުން ނެގިފައި ނުވަނީ މޫސުން އެކަމަށް ތަން ނުދިނުމުން ކަމަށް ބްރިޖް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ އެފްކޮންސް ކުންފުނިން ބުނެފިއެވެ.
މީގެ ދެ ދުވަސް ކުރިން އެ ކުންފުނިންވަނީ ދެ ދުވަސް ތެރޭ އެ ޕްލެޓްފޯމް ނަގާނެ ކަމަށް ބުނެފައެވެ. ތިލަމާލެ ބްރިޖް އެޅުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ފަރަށް އަރާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
މިއަދު ނެރުނު ބަޔާނެއްގައި އެ ކުންފުނިން ބުނެފައިވަނީ, މިދިޔަ ދެ ދުވަހުގެ ތެރޭ ޕްލެޓްފޯމް ފުން ކުރުމަށް ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް މޫސުން އެކަމަށް ތަން ނުދިނުމުގެ ސަބަބުން މަސައްކަތް ހުއްޓާލަން ޖެހުނު ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ, އެ ޓީމުން މޫސުން ވަރަށް ގާތުން ބަލަަމުން އަންނަ ކަމަށާއި މޫސުން ތަންދިންހާ އަވަހަށް މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި ފަރަށް ލިބޭ ގެއްލުން ވީހާވެސް ކުޑަކޮށް ޕްލެޓްފޯމް ނެގުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައިވެއެވެ.