ވޮލީ ކުޅެން ހުރި ޒުވާނަކު ނިޔާވެއްޖެ

ވޮލީ ކުޅެން ހުރި ޒުވާނަކު ކުއްލިގޮތަކަށް މިރޭ ނިޔާވެއްޖެ އެވެ.
ވޮލީ ކުޅެން ހުއްޓާ ކުއްލިގޮތަކަށް ނިޔާވީ އަހްމަދު އަބްދުﷲ (ޑަކީ) އެވެ. އޭނާ ނިޔާވީ އދ. މާމިގިލީގައި ކުރިއަށް ދިޔަ އދ. ދިއްދޫއާއި އދ. ދަނގެތި ކުޅުނު މެޗްގައި ކުޅެމުންދަނިކޮށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޑަކީ ،37، ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައެވެ.
ނިޔާވި ޒުވާނާ އަކީ އެއްވަނަ ޑިވިޝަންގައި ވެސް ވޮލީ ކުޅެފައިވާ ހުނަރުވެރި ކުޅުންތެރިއެކެވެ.
އދ. އަތޮޅުގެ އެންމެ މޮޅު ވޮލީ ކުޅުންތެރިޔާގެ ގޮތުގައި މަޝްހޫރު އަހުމަދު ނިޔާވިއިރު އޭނާ ވަނީ ވަރަށް ޅަ އުމުރުގައި ބައި ޕާސް އޮޕަރޭޝަނެއް ކޮށްފަ އެވެ. އެއީ ހިތުގައި ލޯވަޅު އެޅިގެން އޭރު ކުރި އޮޕަރޭޝަނެއް ކަމަށްވެއެވެ.