ޚަބަރު ސަރުކާރު

ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދިނުމަށް ރަތްމަންދޫގައި ބަނދަރެއް ހަދައިދޭނަން: ރައީސް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ފޮޓޯ: ރައީސް އޮފީސް

މ.ރަތްމަންދޫގެ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް, އެ ރަށުގައި ބަނދަރެއް ހައްދަވައި ދެއްވާނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައީސް މިހެން ވިދާޅުވީ މީމު އަތޮޅުގެ ފަސް ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ރަތްމަންދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. މިއީ އެ މަނިކުފާނު އެ ރަށަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

231 މީހުންގެ އާބާދީއެއް އޮންނަ ރަތްމަންދުއަކީ އެ އަތޮޅުގައި ބަނދަރެއް ނެތް ހަމައެކަނި ރަށެވެ. އެ ރަށުގައި ލަފާފުރުމަށް ހަދާފައިވާ ޖެޓީ ބޭނުންކުރުމުގައި ގިނަ ދަތިތަކެއް ދިމާވާކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ރައީސް ވިދާޅުވީ މި ސަރުކާރު އައިއިރު ކުދި ރަށްރަށަށްވުރެ އާބާދީ ބޮޑު ރަށްތަކަށް ދެވޭ ސަމާލުކަން ބޮޑު ކަމަށެވެ. ނަމަވެސް މި ސަރުކާރުން ބަލަނީ އެއްވެސް ރަށެއް ތަފާތުނުކޮށް ދިވެހި ކޮންމެ ރައްޔިތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ ރަތްމަންދުއަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެއް މަޝްރޫއެއްގެ ގޮތުގައި ކުރިއަށް ގެންދެވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށެވެ.

މީގެ އިތުުރުން ރައީސް ވިދާޅުވީ މިހާރު ރަތްމަންދޫގައި ހިނގަމުންދާ މަޝްރޫއުތަކުގެ ތެރެއިން ފެނުގެ މަޝްރޫޢު ޑިސެމްބަރުމަހުގައި ނިމޭއިރު, ނަރުދަމާގެ މަސައްކަތް އަންނަ އަހަރުގެ މާޗު މަހުގައި ނިމޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން މައުލޫމާތު ދެއްވާފައި ވާކަމަށެވެ. އަދި ރަތްމަންދޫގައި ފުޓްސަލްދަނޑެއް ތަރައްޤީކޮށް, ވޮލީކޯޓެއް އެޅުމުގެ މަސައްކަތް މިހާރު ބީލަމުގެ މަރުހަލާގައިވާކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރަތްމަންދޫ ފަދަ ރަށްރަށުގެ ސިއްހީ ދާއިރާގެ ތަރައްޤީއަށްޓަކައި ދަތުރުފަތުރުގެ ނިޒާމް ވަރަށް މުހިންމުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖެ ޓްރާންސްޕޯޓް ލިންކު، ހައި ސްޕީޑް ފެރީގެ ނިޒާމުން ގުޅާލެވިގެންދާއިރު، މ.އަތޮޅުގައިވެސް ހައިސްޕީޑް ދަތުރުފަތުރުގެ ނިޒާމް ޤާއިމުކުރެވިގެންދާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!