ޚަބަރު ޝަރުޢީ ދާއިރާ

ދައުލަތުން އެދިގެން މަހްލޫފްގެ ޝަރީޢަތް ކެންސަލް, އޭނާ ހުންނެވީ ރައީސް އަރިހުގައި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އިއްޔެ ދިއްގަރުގައި ކުރިއަށްދިޔަ ވޮލީ މެޗެއްގައި ރައީސް ޞާލިޙާއި މަހްލޫފު ބައިވެރިވެވަޑައިގެންނެވި. ފޮޓޯ: ރައީސް އޮފީސް

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާގެ ޝަރީޢަތް މިއަދު އަލުން ފެށުމަށް ނިންމައި ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފިއެވެ.

Ads by STELCO

ކްރިމިނަލް ކޯޓުން މައްސަލައިގެ އަޑުއެހުން ތާވަލުކުރީ މިއަދު ހެނދުނު 09:00 އަށެވެ. ނަމަވެސް އެ ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ދައުލަތުން އެދިގެން އަޑުއެހުން ކެންސަލްކޮށްފައިވާ ކަަމަށެވެ.

މަހްލޫފުގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ, ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވިއިރު މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދެއްވައި, ޕީޕީއެމްގައި ދެމި ހުރުމުގެ މުޤާބިލުގައި 33،000 އެމެރިކާ ޑޮލަރު އޭނާއަށް ލިބިވަޑައިގަތްކަމަށް ބުނާ މައްސަލައިގައެވެ. އޭސީސީން ބުނި ގޮތުގައި އެ ފައިސާ މަހްލޫފުގެ އެކައުންޓަށް ޖަމާކުރީ ޚިޔާނާތުގެ ފައިސާ ދައުރުކުރަން ބޭނުންކުރި އެސްއޯއެފްގެ ޗެކަކުންނެވެ.

މަހްލޫފްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާގެ މައްސަލަ ކްރިމިނަލް ކޯޓުން ބެލުމަށްފަހު, މި އަހަރުގެ މާޗުމަހުގެ 01 ވަނަ ދުވަހު ނިންމީ އެ މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ މައްސަލައެއް ނޫން ކަމަށެވެ.

އެ ގޮތުން ދައުލަތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މާޗު މަހުގެ 21 ވަނަ ދުވަހު ހައިކޯޓުން ޙުކުމްކުރީ ކްރިމިނަލް ކޯޓުގެ ނިންމުން ގޯސް ކަމަށާއި, މައްސަލަ އަލުން ބެލުމަށެވެ.

މަހްލޫފްގެ މައްސަލަ އަލުން ބެލުމަށް ނިންމައި އަޑުއެހުމެއް ތާވަލުކުރިއިރު އޭނާ މި ވަގުތު ހުންނެވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއެކު މ.އަތޮޅުގައެވެ. ރައީސްގެ އަރިހުގައި މަހްލޫފު އެ އަތޮޅަށް ވަޑައިގަތީ އިއްޔެގައެވެ.

Ads by Ooredoo
  1. ޝަރީޢަތުގައި މައްސަލަ ތިބޭ ވަޒީރުން ރައީސާއި އެކް ވޯލީކުޅެން މިހުންނަނީ ކޯޓަށް ހާޒިރުނުވެ !