ޚަބަރު ސަރުކާރު

ޞާލިޙް ވިދާޅުވީ ފެނަކައަށް އިތުބާރު ބޮޑުވެއްޖެކަމަށް; އައިސް ޕްލާންޓްތައް ވެސް ހަވާލުކުރަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މ.ވޭވަށުގައި އަލަށް ޢިމާރާތްކުރި އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ރައްޔިތުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ކުރާ އިިތުބާރު ބޮޑުވެފައިވާ ކަމަށާއި, އެ ގޮތުން އައިސް ޕްލާންޓްތައް ހިންގަން ވެސް އެ ކުންފުންޏާ ހަވާލުކުރަން ނިންމަވާފައިވާކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by MWSC

މ.ވޭވަށުގައި އަލަށް ޢިމާރާތްކުރި އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތުގެ އެންމެ ބޮޑު އެއް ބައިވެރިޔަކީ ފެނަކަ ކޯޕަރޭޝަން ކަމަށެވެ.

ރައީސް ވިދާޅުވީ ކަމެއް ކުރަން ބޭނުންވީމާ އެކަމެއް ކުރެވޭނެ ކަމަށާއި, ދައްކާ އެކިއެކި ބަހަނާތަކަކީ މާ ހަމަޖެހޭ، ދެކޮޅުޖެހޭ ވާހަކައެއް ނޫން ކަމަށެވެ.

''އެކަން ތިޔަބޭފުޅުންނަށް ފެނަކައާއި އެމްޓީސީސީއިން އެދަނީ ހާމަކޮށްދެމުން. ބޭނުންވަނީ އަމާޒަކާ އެކީގައި ރަނގަޅު ވިސްނުމަކާ އެކީގައި ކުރިއަށްދިޔުން. އަޅުގަނޑަށް ހަމަ ޔަޤީން ރައްޔިތުންނަށް ވެފައި މިވާ ވަޢުދުތައް، ޖަޒީރާ ތަރައްޤީގެ ވެފައިމިވާ ވަޢުދުތައް ފުރިހަމަކޮށްދިނުމުގައި، މި ދެ ކުންފުންޏާ އެކީގައި އަޅުގަނޑުމެން މިކުރާ ދަތުރުގައި ރައްޔިތުން ތިޔަ ބޭނުންވާ މަންޒިލަށް ދެވޭނެކަމުގެ ޔަޤީންކަން އަޅުގަނޑަށް މިއަދު އެބައޮތް.''

ރައީސް ވިދާޅުވީ ފެނަކައަކީ މިއަދު ރައްޔިތުންގެ އިތުބާރު ލިބިފައި އޮތް ކުންފުންޏެއް ކަމަށާއި, ކުރިން ފެނަކައާ ދޭތެރޭގައި ރައްޔިތުން އެ ދެކެމުން އައި ވިސްނުން މިއަދު ބަދަލުވެއްޖެ ކަމަށެވެ. އެ ގޮތުން މިއަދު ފެނަކައިގެ ޚިދުމަތް ގަބޫލުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަމިއްލައަށް ހިންގަމުންދާ އިންޖީނުގެތަކާއި، ކައުންސިލްތަކުން ހިންގަމުންދާ އިންޖީނުގެތައް އެ ދަނީ ހިތުން ރުހުމުން ފެނަކައާއި ހަވާލުކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަދު ކައުންސިލަކުން ހިންގާ އިންޖީނުގެއަކަށް ހުރީ އެންމެ އިންޖީނުގެއެއް ކަމަށާއި, އެއީ އުނގޫފާރުގައި ހިންގާ އިންޖީނުގެ އެކަނިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އުނގޫފާރުން ވެސް ތައްޔާރުވަމުން އެ އަންނަނީ ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި އެ އިންޖީނުގެ ފެނަކައާ ހަވާލުކުރަން ކަމަށެވެ. އެއާއެކީގައި ސްޓެލްކޯއިން މާލެއަތޮޅާއި، ވ. އަތޮޅާއި، އ. އަތޮޅުގައި ހިންގާ އިންޖީނުގެތައް ފިޔަވައި މުޅި ރާއްޖޭގެ ރައްޔިތުންނަށް ދެމުންގެންދާ ކަރަންޓުގެ ޚިދުމަތް ދެމުންގެންދާނީ ފެނަކަ ކޯޕަރޭޝަނުންކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

''ވަރަށް ބޮޑު އިތުބާރެއް އެ އުފެއްދެވީ. އެއާއެކީގައި އަޅުގަނޑުމެންގެ ވިސްނުމަކީ، ފެނަކައިގެ ޚިދުމަތް އިންޖީނުގެތަކުން ރަށްރަށުގެ ރައްޔިތުންނަށް ދެމުންދާއިރުގައި، އޭގެ އިތުރުން އިތުރު ޚިދުމަތްތައް ފެނަކަ މެދުވެރިކޮށް ރަށްރަށަށް ދިނުމަށް. އެ ގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި ހުރި އައިސް ޕްލާންޓްތައް ހިންގުން މިއަދު އަޅުގަނޑުމެން މިދަނީ ފެނަކައާ ހަވާލުކުރަމުން. ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ތެރޭގައި، ހުރިހާ އައިސް ޕްލާންޓްތަކެއް ހިންގުން ފެނަކައާ ހަވާލުކުރުމުން، އެ ޚިދުމަތް މިހާރު މެދުކެނޑިފައި ހުރި ރަށްރަށަށްވެސް ފަސޭހައިން ލިބޭގޮތަށް އެކަން ހަމަޖެހިގެންދާނެ'' ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ރަށްރަށުގެ ކަރަންޓުގެ ދަތިކަމަކީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރިމަތިވެފައި އޮތް ދަތިކަމެއް ކަމަށާއި, ނަމަވެސް ފެނަކައިން މިހާތަނަށް 141 ރަށަކަށް އާ އިންޖީނު ފޯރުކޮށްދީފި ކަމަށެވެ.އަދި މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ ޚިދުމަތް މިއަދު މިވަނީ ފެނަކައިން ބަދަލުކޮށްލަދީފައި ކަމަށެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!