ޚަބަރު ޝަރުޢީ ދާއިރާ

ރައީސް ޔާމިންގެ ޝަރީޢަތް ތާވަލުކުރެއްވުމަށްފަހު ގާާޒީ ޗުއްޓީއަށް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް ޔާމީން.. ފޮޓޯ: ރާއްޖެ.އެމްވީ

ވ.އާރަށު ކުއްޔަށް ދިނުމުގެ މުޢާމަލާތުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގ ހިންގިކަމުގެ ތުހުމަތުގައި ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމަށް ދައުލަތުން ކޮށްފައިވާ ދައުވާގެ އަޑުއެހުމެއް މިއަދަށް ތާވަލުކުރެއްވުމަށްފަހު ގާޒީ ޗުއްޓީއަށް ވަޑައިގަތުމުން އަޑުއެހުން ކެންސަލްވެއްޖެެއެވެ.

Ads by STELCO

މި މައްސަލައިގައި މި މަހުގެ 23 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި އިސް ގާޒީ އަޙްމަދު ޝަކީލު ވަނީ މިއަދުގެ 9:30 ގައި ދެ ހެކިވެރިއެއްގެ ހެކިބަސް ނެގުން އޮންނާނެ ކަމަށެވެ.

އެ ދެ ހެކިވެރިންނަކީ މި މައްސަލައިގައި ދަޢުވާ ލިބޭ ފަރާތްތަކާ ދެކޮޅަށް ދައުލަތުން ހުށަހަޅާ ދެ ހެކިންކަމަށްވާ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޒިޔަތާއި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުކަމަށް މަޢުލޫމާތު ލިބެއެވެ.

ޒިޔަތާއި އަދީބުގެ ހެކިބަސް އެއް ދުވަހެއްގައި ނަގާ ގޮތަށް ހަމަޖައްސައިދިނުމަށް ދިފާޢީ ވަކީލުން ވެސް މި މަހުގެ 15 ވަނަ ދުވަހު އޮތް އަޑުއެހުމުގައި ވަނީ އެދިވަޑައިގެންފައެވެ. އެއީ ދެ މީހުންގެ ހެކިބަސް ދެ ތާރީޚެއްގައި ނަގައިފިނަމަ އެއް ހެކިވެރިއެއްގެ ބަސްތައް ބަލައި އަނެއް ހެކިވެރިޔާގެ ބަސްތައް ވަކި ގޮތަކަށް ފަރުމާކުރުމުގެ ފުރުސަތު ލިބިގެންދާނެތީއެވެ.

މިއަދު ޝަރީޢަތް ބާއްވަން ނިންމި ނަމަވެސް ގާޒީ މިހާރު ހުންނެވީ ޗުއްޓީގައިކަމަށް މަޢުލޫމާތު ލިބެއެވެ. އަދި ޗުއްޓީގެ މުއްދަތު ހަމަވާނީ މި ފެށޭ މަހުގެ 04 އަށެވެ.

އާރަށު މައްސަލައިގައި ރައީސް ޔާމީނަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގ އަދި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ. މި މައްސަލައިގައި ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނަޢީމްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދަޢުވާއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!