އެމެރިކާގެ ސިފައިންގެ މަނަވަރުތަކެއް ޓައިވާނަށް!

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސް ނެންސީ ޕެލޯސީ، ތައިވާނަށް ދާދި ފަހުން ކުރެއްވި ޒިޔާރަތާ ގުޅިގެން، އެމެރިކާ އާއި ޗައިނާގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި ވަނިކޮށް، އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރުތަކެއް ތައިވާން ކަނޑުއޮޅި ހުރަސްކޮށް އިއްޔެދަތުރުކޮށްފި އެވެ.
ތައިވާން ކަނޑުއޮޅި އަކީ ތައިވާންގެ ހުޅަނގު އައްސޭރިން ފެށިގެން، ޗައިނާގެ އިރުމަތީ އައްސޭރިއާ ދެމެދު އޮންނަ 180 ކިލޯމީޓަރުގެ ފުޅާ ސަރަހައްދެކެވެ. ޗައިނާ އިން ދެކޭ ގޮތުގައި މިއީ ތައިވާން ކަނޑުއޮޅިއަކީ ޗައިނާގެ ދާޚިލީ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ހިމެނޭ ތަނެކެވެ. އެހެންކަމުން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުތަކުން ދަތުރުކުރާ އުސޫލުން، އެ ކަނޑުއޮޅީގެ ތެރެއިން އެއްވެސް ބަޔަކަށް ދަތުރު ނުކުރެވޭނެ ކަމަށް ޗައިނާ އިން ބުނެ އެވެ.
ޗައިނާ އަށް ގޮންޖަހައި، އެމެރިކާގެ ދެ މަނަވަރު ތައިވާން ކަނޑުއޮޅިން ދަތުރުކުރީ، އެ ކަނޑުއޮޅީގެ މައްޗަށް ޗައިނާގެ އެއްވެސް ބާރެއް ނެތްކަން ސާބިތުކޮށްދިނުމުގެ ގޮތުންނެވެ. އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ތަރުޖަމާނު ޖޯން ކިރްބީ ވިދާޅުވި ގޮތުގައި އެމެރިކާގެ ދެ މަނަވަރު ތައިވާން ކަނޑުއޮޅިން ދަތުރުކުރީ އެމެރިކާގެ ސިޔާސަތާ އެއްގޮތަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ދެ މަނަވަރުގެ މި ދަތުރަކީ މާ ކުރިން ތާވަލުކޮށްފައި އޮތް ދަތުރެއް ކަމަށެވެ. އަދި މި ދަތުރަކީ އެމެރިކާ އިން ދަމަހައްޓަމުން އަންނަ "އެއް ޗައިނާ" ސިޔާސަތު ދެމެހެއްޓުމުގެ ގޮތުން ކުރި ދަތުރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.