ދީނަށް ލޯބިކުރާ މީހުން ލާދިނިއްޔަތާ ދެކޮޅަށް ނިކުތީމަ, ހަރުކަށި ފިކުރުގެ ލޭބަލް އެޅުވުން ގޯސް: ޝިޔާމް
ފެންނަނީ މި ސަރުކާރުން އިސްލާމްދީނަށް ކުޑައިމީސް ބަސް ބުނެ ކަންކަން ކުރާ މީހުންނަށް މީހުންނަށް ޖާގަދޭ ތަން ކަމަށާއި, ދީނަށް ލޯބިކުރާ މީހުން އެކަމާ ބަހެއް ބުނީމަ ހިތްހަމަނުޖެހިގެން ހަރުކަށި ފިކުރުގެ ލޭބަލް އެޅުވުން ގޯސްކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ހަރުކަށި ފިކުރާ ދެކޮޅަށް ފައުޖެއް އުފައްދަން ގޮވާލައްވައި އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި މައްސަލައަށް ބަހުސްކުރައްވަމުން ޝިޔާމް ވިދާޅުވީ ރާއްޖޭގައި ހަރުކަށި ފިކުރު އޮތް ވާހަކައަކީ އިރުއިރުކޮޅާ ދެކެވޭ ވާހަކަތައް ކަމަށެވެ. އެ ގޮތުން ކޮންމެ ސަރުކާރަކުން ވެސް އެ ވާހަކަ ދައްކަމުން އަންނަ ކަމަށާއި, މި ސަރުކާރުގައި ވެސް އެ އަޑު މަޑެއްނޫންކަމަށް ޝިޔާމް ވިދާޅުވިއެވެ.
''ނަމަވެސް ރާއްޖޭގައި ހަރުކަށި ފިކުރަކީ ކޮބައިތޯ ދެނެގަނެ ނޫނީ ރާއްޖޭގައި ހަރުކަަށި ފިކުރު އޮތްކަން ދަނެ އެ ފިކުރުގައި މަސައްކަތް ކުރަނީ ކޮން ބައެއްތޯ އެނގި އެކަމަށް އެޑްރެސް ކުރެވުނު ސަރުކާރެއް ނުފެނޭ ޙަޤީޤަތުގަ ރައީސް ޔާމިން ސަރުކާރު ފިޔަވައި.''
ޝިޔާމް ވިދާޅުވީ މި ސަރުކާރުގައި ފެންނަނީ އިސްލާމްދީނަށް ކުޑައިމީސް ބަސް ބުނެ ކަންކަން ކުރާ މީހުންނަށް މީހުންނަށް ޖާގަދޭ ތަން ކަމަށާއި, މި ޤައުމުގައި ސެކިއުލަރިޒަމް ޢާންމުކުރަން މަސައްކަތްތަކެއް އެބަކުރެވޭ ކަމަށެވެ.
''އެ ފުރުސަތު ދޭތީ ދީނަށް ލޯބިކުރާ މީހުން އެކަމާ ބަހެއް ބުނީމަ ހިތްހަމަނުޖެހިގެން އެ މީހުން އެބަ ލޭބަލްކުރޭ އެއީ ދީނީ ހަރުކަށި މީހުންގެ ގޮތުގަ. އެއީ ގޯސް.''
ޝިޔާމް ވިދާޅުވީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި ލާދީނިއްޔަތަށް ފުރުސަތުދޭނަމަ ދީނަށް ލޯބިކުރާ މީހުން އެކަމާ ދެކޮޅަށް ނުކުންނާނެ ކަމަށެވެ.
ފަހަރެއްގައި ވެސް ހަރުކަށި ފިކުރު ރާއްޖޭގައި ނެތެކޭ ވިދާޅުނުވާ ކަމަށާއި, ލާދީނީ ފިކުރު މާ ބޮޑަށް އެބައޮތްކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. އަދި އިސްލާމްދީނާ ދެކޮޅަށް ރާވައިގެން ކަންކަން ކުރަމުންދާ މީހުން މި ސަރުކާރުގެ ނިޒާމުގެ ތެރޭގައި ''މޫ ލައިފައި'' ތިބިކަން އެނގޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ދީނަށް ފުރައްސާރަކުރި މީހުން ތިބީ އެންމެ މަތީ އޮފީސްތަކުގައި ވަޒީފާދީފައިކަމަށާއި, ނަމަވެސް އެ ވާހަކަ ދައްކާ މީހާއަކީ ދީނީ ހަރުކަށި މީހަކަށް ހަދާ ހެދުން ހުއްޓައިލަންޖެހޭކަމަށް ވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
ޝިޔާމް ވިދާޅުވީ މިއަދު ރާއްޖޭގައި އޮތް މައްސަލައަކީ ތަންފީޒީ އިދާރާތަކަށް ކަންކަން ތަންފީޒު ނުކުރެވުން ކަމަށާއި, މިއީ ޤާނޫނީ ވެރިކަމެއްކަމާމެދު ސުވާލު ވެސް އުފެދޭ ކަމަށެވެ.
''ޤާނޫނުތައް ތަންފީޒުކުރާ ތަނެއް ނުފެނޭ. ބޮޑު ކެކުރި ކުޑަ ކެކުރި އުސޫލު އަދިވެސް. މި ސަރުކާރުގަ އެ ކަންތައް އިންތިހާއަށް އޮތް ކަން މި ފެންނަނީ. ކޮއްކޮ, ބޭބެ ކުށެއްގަ ޝާމިލްވާކަމަށްވަންޏާމު އަޅައިލެވޭނެ އެއްވެސް ގޮތެއް ނޯވޭ. އޭނައަށް އަދަބުދެވޭނެ ގޮތެއް ނޯވޭ. އޭނަގެ ޙައްޤުގަ ވަކާލާތު ކުރާތަން މި ފެންނަނީ ޖެހުނު މައިކެއް ހިފައިގެން.''
ޝިޔާމް ވިދާޅުވީ ޤާނޫނު ތަންފީޒު ނުކުރެވޭ ވެށްޓެއްގައި އަމާންކަމެއް ނޯންނާނެ ކަމަށެވެ. އަދި މި ޤައުމުން ހުރިހާ ވައްތަރެއްގެ ކުށެއް އެބަ ފެންނަ ކަމަށާއި ރޭޕް ޢާންމުވެ ވައްކަން ޢާންމުވެ ލިވާތު ޢާންމުވެއްޖެކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
''މި ހުރިހާ ކަމަކަށް އޮތް އެންމެ މޮޅު ހައްލަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިހާރުން މިހާރަށް އިސްތިއުފާ ދެއްވުން.'' ޝިޔާމް ވިދާޅުވިއެވެ.