ލޯނުތައް ދެއްކޭނެ ކަމުގެ ޔަގީންކަން އެބަ އޮތް: އަމީރު
ދައުލަތް ބަނގުރޫޓުވި ކަމަކަށް ނުބައްލަވާ ކަމަށާއި، ރާއްޖެއިން ނަގާފައިވާ ލޯނުތައް ދެއްކޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިއަދުގެ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށް މިނިސްޓަރު އަމީރު ހާޒިރުކުރައްވާފައި ވަނީ 2022 ވަނަ އަަހަރުގެ ޕީއެސްއައިޕީ ބަޖެޓުގައިވާ އއ.ތޮއްޑޫގެ އާއި އއ.އުކުޅަހުގެ އާ ހެލްތު ސެންޓަރު އިމާރާތްކުރާނެ ބަޔަކު ހޯދަން ޓެންޑަރކުރަން ހެލްތު މިނިސްޓްރީ އިން ފިނޭންސް މިނިސްޓްރީ އަށް ފޮނުވާފައިވާތީ އެ މަސައްކަތް އިޢުލާން ކުރެވޭނެ އިރެއް ސާފުކުރުމަށް ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާމް ކުރެއްވި ސުވާލަކާއި ގުޅިގެންނެވެ.
މިނިސްޓަރު އަމީރު ވަނީ ދުނިޔޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރު ރާއްޖެ އަށް ވެސް ކުރަމުންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން ރާއްޖެއަށް ވެސް އިގްތިސާދުގައި ދައުރުވާ ފައިސާ މަދުވުމުގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ކޭޝްފްލޯ މެނޭޖުކޮށް، ޕަބްލިކް ސެކްޓަރު އިންވެސްޓްމެންޓްތައް މަޑުޖައްސާލުމުގެ ސިޔާސަތުތަކެއް މި ވަގުތު ސަރުކާރުން ގެންގުޅެމުންދާ ކަަމަށް އަމީރު ވިދާޅުވިއެވެ. އެހެންކަމުން ޕްރޮޖެކްޓްތައް ޓެންޑަރު ކުރުމުގެ މަރުހަލާތައް ފަށާނީ ރާއްޖެއަށް ދިމާވެފައިވާ ކޭޝްފްލޯގެ މައްސަލަ ހައްލުވުމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރާއި އިތުރު ސުވާލުކުރަން ލިބުނު ފުރުސަތުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ ދައުލަތް ބަނގުރޫޓުވެފައިވާ ކަމަށް މިނިސްޓަރު އިޢުލާންކުރައްވަނީތޯ ސުވާލުކުރައްވާފައެވެ. ޖަވާބުގައި މިނިސްޓަރު ވަނީ ދައުލަތް ބަނގުރޫޓުވެފައިވާ ކަމަށް ނުބައްލަވާ ކަމަށް ވިދާޅުވެފައެވެ.
އަޅުގަނޑު އެއްވެސް އިރެއްގައި ފާހަގައެއް ނުކުރަން ބަނގުރޫޓުވި ވާހަކައެއް. އަޅުގަނޑުމެންނަކީ މިހާރުވެސް އެންމެ ދަތި ހާލަތުގައި ވެސް 2020 ވަނަ އަހަރު ކޮވިޑާއި އެއްކޮށް ވެސް ދިވެހި ދައުލަތުން މިދިޔައީ އަޅުގަނޑުމެންގެ ދަރަނި ހަމަ ބަރާބަރަށް އަދާކުރަމުން. ޑެބްޓް ސަރވިސް ހަމަ ބަރާބަރަށް އަދާކުރަމުން. އެހެންވީމަ ކުރިއަށް އޮތްތަނުގައި ވެސް އަޅުގަނޑުމެން ނަގާފައި ހުރި ލޯނި ޑެބްޓް ސަރވިސް ކުރަމުން ގެންދެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް.މިނިސްޓަރު އަމީރު
މަޖިލީހުގައި މެމްބަރުން ވަނީ މަޖިލީހުން ފާސްކުރި ބަޖެޓަށް ބަދަލު ގެނެސްގެން ދައުލަތުގެ ޚަރަދުތައް ހަމަޖައްސާތީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މީގެ އިތުރުން އެ މެމްބަރުންގެ ދާއިރާގައި ހިމަނާފައިވާ މަޝްރޫޢުތައް ކުރިއަށް ނުދާތީ އެ ކަންބޮޑުވުން ވެސް މެމްބަރުން ވަނީ ހިއްސާކުރައްވާފައެވެ.