ދެން ފުރަމަލަ

އައިހަމް: ރަން ކެޕްޓަނުން އުފެދުނު މާފަރަށް ހެޓްރިކް ހަދައިދިނުމުގެ އުއްމީދުގައި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކޮންމެ މީހަކުވެސް ދިރިއުޅުމުގައި ކުރިއަށް ދާން ބޭނުންވާ ދާއިރާއެއް އޮންނާނެ ކަން ޔަގީނެވެ. އަދި އެ ދާއިރާއަކުން ކުރިއަށް ދިއުމަށް ޓަކައި އެތައް މަސައްކަތްތަކެއް ވެސް ކުރާނެ ކަން ޔަގީނެވެ. ނަމަވެސް ނޭނގި ހުއްޓާވެސް އެ ދާއިރާއަކުން އެ މީހަކު ކުރިއަރާތަން ވެސް ބައެއް ފަހަރަށް އާދެއެވެ. ނަސީބަކީ ކަތީބަކު ދޭ އެއްޗެއް ނޫން ވިއްޔާއެވެ.

Ads by MWSC

މިއީ ނ.މާފަރަށް އުފަން އުމުރުން އެންމެ 16 އަހަރުގެ އައިހަމް ހަމްދޫންގެ ވާހަކައެވެ. ފުޓުބޯޅައިގައި ކުރިއެރުމުގެ މަގުސަދުގައި އަމިއްލަ ރަށް ދޫކޮށް މާލެ ބަދަލުވި މި ކުޅުންތެރިޔާގެ ނަން ކޯޗުންނަށް އެނގެން ފެށި ވާހަކައެވެ. އެތައް ބައެއްގެ ލޯތައް މި ހުނަރުވެރި ކުޅުންތެރިޔާއަށް އަމާޒު ވީ ގޮތުގެ ވާހަކައެވެ.

ހަނދާން ހުންނަން ފެށީއްސުރެ ފުޓުބޯޅަ ކުޅޭ

އައިހަމް،ދަނޑުމަތީގެ ނަމުންނަމަ އައިހަމްސްކީ އަކީ އެންމެ ކުޑައިރުއްސުރެވެސް ފުޓްބޯޅަ ކުޅުމަށް ޝައުގުވެރިކަން ހުރި ކުއްޖެކެވެ. ދެން އެމްވީއާއި ވާހަކަ ދައްކަމުން އޭނާ ބުނީ އޭނާ ހަނދާން ހުންނަންފެށީއްސުރެވެސް ފުޓުބޯޅަ ކުޅެ އުޅޭ ކަމަށެވެ. އަދި ހަމަ އެހެންމެ ފުޓުބޯޅަ ބެލުމާއި ކުޅުމަކީ އަބަދުވެސް ވަރަށް ކުރާހިތުން ކުރި ކަމެއް ކަމުގައި އޭނާ ބުންޏެވެ.

އަބަދުވެސް ހުސްވަގުތެއް ލިބިއްޖެ ނަމަ އުޅޭނީ ގޭތެރޭގައިވެސް ފުޓުބޯޅަ ކުޅެން ކަމަށާއި ރައްޓެހިންނާއެކު އަތިރިމައްޗަށް ގޮސް ފައިވާނުން ގޯލު ހަދައިގެން ފުޓުބޯޅަ ކުޅޭ ހަނދާން މިއަދުވެސް އާވާ ކަމުގައި އޭނާ ބުންޏެވެ. އެ ހަނދާންތަކަކީ ފުޓުބޯޅައިގެ ދާއިރާގައި ކިތައްމެ ކުރި އަރައިގެން ދިޔަ ކަމުގައިވިޔަސް ދުވަހަކުވެސް ހަނދާން ނައްތާ ނުލެވޭނެ ހަނދާންތަކެއް ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

ރަށުގެ އިންޓަރ ހައުސް މުބާރާތްތަކުގައި ވެސް އަތު ނުޖެހޭ

ނ.މާފަރު ސުކޫލުގައި ކޮންމެ އަހަރަކުވެސް ބާއްވާ ފޯރިގަދަ މުބާރާތަކީ ސުކޫލުގެ ތިން ހައުސްގެ މެދުގައި ބާއްވާ އިންޓަރ ހައުސް މުބާރާތެވެ. މާރަނގަ ހައުސް (ނޫބައި)، ވައްލަ ހައުސް (ފެހި ބައި) އަދި ކުރަނގި ހައުސް (ރަތް ބައި) މި ތިން ހައުސްގެ ދެމެދުގައި ބޭއްވޭ މި މުބާރާތަކީ ހަމަ ހަގީގަތުގައިވެސް ވަރަށް ވަރަށް ފޯރިގަދަ މުބާރާތެކެވެ.

ކޮންމެއަކަސް އައިހަމް އަކީ މާރަނގަ ހައުސްއަށް ނިސްބަތްވާ ދަރިވަރެކެވެ. އޭނާ އެންމެ ފުރަތަމަ އިންޓާރ ހައުސް މުބާރާތެއް ކުޅުނީ އުމުރުން 8 އަހަރުގައެވެ. އެއީ 2012 ވަނަ އަހަރުގައެވެ. ޖޫނިއާރސް ކެޓަގަރީގައި ކުޅުނު މި މުބާރާތުގައި އޭނާގެ މާ މޮޅު ކުޅުމެއް ނުފެނެއެވެ.

އައިހަމްގެ ނަން ވިދާލަން ފެށީ މާރަނގަ ހައުސްގެ ކެޕްޓަން ބޭންޑު އަޅައިގެން 2014 ވަނަ އަހަރު ދަނޑަށް ނިކުތް ހިސާބުންނެވެ. އެ ހިސާބުން އޭނާގެ ކުޅުމުގެ ހުނަރު ފެނި އެތައް ބަޔަކު ހައިރާން ވިއެވެ. ރަށުގެ ގިނަ ބައެއްގެ ލޯތައް އައިހަމް އަށް އަމާޒުވީ ސަބަބެއް ނެތިއެއް ނޫނެވެ. އެ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން މާރަނގަ ހައުސްއަށް ހޯދައިދިނުމުގައި އޭނާ ބޮޑު ދައުރެއް އަދާކުރި އިރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހާސިލް ކުރީ އައިހަމް އެވެ.

ޖެހިގެން އައި 2015 ވަނަ އަހަރުގެ މުބާރާތުގައި ވެސް އައިހަމްގެ މޮޅު ކުޅުން ފެނިގެން ދިޔައެވެ. އައިހަމްގެ ބޮޑު ހިއްސާ އަކާއި އެކު އެ އަހަރުގެވެސް ތަށި އުފުލާލީ މާރަނގަ ހައުސް އެވެ. އަދި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ލިބުނީ އައިހަމް އަށެވެ.

 

މާލެ ބަދަލުވީ ކިޔަވަން، ފުޓުބޯޅައިން ކުރިއަރާނެ ކަމަކަށް ނޫން

ގިނަ ދަރިވަރުންތަކެއް އަމިއްލަ ރަށް ދޫކޮށް މާލެއަށް ބަދަލު ވަނީ ރަނގަޅު ތައުލީމެއް ހޯދުމުގެ މަގުސަދުގައެވެ. އައިހަމްވެސް މައިންބަފައިންނާއެކު އަމިއްލަ ފަސްގަނޑު ދޫކޮށްލާ މާލެ ބަދަލުވީ އެ މާތް މަގުސަދުގައެވެ. އޭނާއަށް ފުޓުބޯޅައިގެ ދާއިރާއިން ކުރިއަށް ދެވޭނެ ކަމުގެ މާބޮޑު އުއްމީދު ތަކަކާއެކުގައެއް ނޫނެވެ.

ނަމަވެސް ކަންތައްތައްވީ އައިހަމް ހީކުރި ގޮތަކަށް ނޫނެވެ. މާލޭގެ ގިނަ ސުކޫލުތަކަށް ޖާގައަށް އެދުމުންވެސް ނަސީބު ކަންދިމާކުރި ގޮތުން އައިހަމްއަށް ޖާގަ ލިބުނީ ހިރިޔާ ސުކޫލުންނެވެ. ހިރިޔާ ސުކޫލުގައި އައިހަމް ކިޔަވަން ފެށީ ގްރޭޑް 5 ގެ ދެވަނަ ޓާމެވެ. އެއީ 2015 ވަނަ އަހަރުގެ މެދުތެރޭގައެވެ.

ކޮންމެއަކަސް ހިރިޔާގެ އިންޓަރ ހައުސް ފުޓުބޯޅަ މުބާރާތެއް ބާއްވަން އުޅޭކަމުގެ އަޑު އައިހަމް އަށް އިވުނެވެ. ނަމަވެސް މާބޮޑު އުއްމީދު ތަކެއް ނުކުރެއެވެ. މާލޭގައި މާމޮޅު ކުޅުންތެރިން އުޅޭނޭ ކަމަށް އޭނާ ހީކުރީއެވެ. އެހެން ނަމަވެސް އައިހަމް ހިތްވަރާއެކު ޓީމަށް އަރާތޯ ސެލެކްޝަން އަށް ދިޔައެވެ. ސެލެކްޝަންގައި އޭނާއަށް ފުރަތަމަ ލިބުނީ އެހާ ހިތްހަމަ ޖެހޭ ޖަވާބެއް ނޫނެވެ. އާއެކެވެ. އައިހަމް ޓީމަކަށް ނުހޮވުނެވެ. މާޔޫސް ކަމާއެކު އައިހަމް ހިތަށް އެރީ ރަށުގައި ފުޓުބޯޅަ ކުޅުނު ކަމުގައިވިޔަސް ތިމަންނާއަށް މާލޭގައި ފުޓުބޯޅަ ނުކުޅެވޭނެއޭ އެވެ.

ނަމަވެސް އެދުވަހުވެސް އަދި މިއަދުވެސް އައިހަމްގެ އެންމެ ގާތް ރަހުމަތްތެރިޔާ އައިހަމް އާމެދު އުއްމީދު ކަނޑައެއް ނުލައެވެ. އައިހަމްގެ އެންމެ ގާތް ރަހުމަތްތެރިޔާ އިކާން ކޯޗު ގާތުގައި އައިހަމް އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި އައިހަމް ޓީމަށް ނަގައިފި ނަމަ ވަރަށް ފައިދާ ވާނެ ކަމަށް ބުނެ އައިހަމް ޓީމަށް ނެގުމަށް އެދި "އާދޭސް" ކުރިއެވެ. ނަތީޖާއަކަށްވީ އައިހަމްއާއި އެކު ހިރިޔާ ސުކޫލްގެ މަލިކުރުވާ ހައުސްގެ ޓީމް އެކުލަވާލުމެވެ.

 

މާލެ ބަދަލުވެ ކުޅުނު ފުރަތަމަ މުބާރާތުގައި ވެސް، ހަމަ ހަބޭސް

ހިރިޔާ ސުކޫލުގައި ކުޅުނު އިންޓަރ ހައުސް މުބާރާތަކީ އޭނާ މާލެ ބަދަލުވުމަށްފަހު ކުރިމަތިލި ފުރަތަމަ މުބާރާތެވެ. އެ މުބާރާތަށް އިކާން "އާދޭސް" ކޮށްގެން ނެގި މި ކުޅުންތެރިޔާ މޮޅު ކުޅުމެއް ދައްކާނެ ކަމަށް އެކަކުވެސް ގަބޫލެއް ނުކުރެއެވެ. ނަމަވެސް އެންމެން އާޝޯހު ކޮށްލީ އައިހަމްގެ ތަފާތު ކުޅުމެވެ.

މުބާރާތުގައި ކުޅުނު އެންމެ މެޗެއް ފިޔަވާ އެހެން ހުރިހާ މެޗަކުން އޭނާ މޭން އޮފް ދި މެޗް ހާސިލު ކުރި އިރު އެހެން ކުޅުންތެރިއަކާއެކު މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ލިސްޓުގައި ވެސް އައިހަމްގެ ނަން ހިމެނުނެވެ. އައިހަމްގެ ނަން މުޅި ހިރިޔާ ސުކޫލުގައި ވިދާލައި ހިރިޔާ ސުކޫލުގެ "ހީރޯ" އަކަށް ވެއްޖެއެވެ.

އެހިސާބުން އައިހަމްގެ މޮޅު ކުޅުން ބީޖީ ސްޕޯޓްސް ކުލަބުގެ ކޯޗުންގެ ލޮލުގައި އަޅައިގަނެ ބީޖީގެ އެކަޑަމީއަށް އައިހަމް ގެންގޮސް ތަމްރީންތަކުގައި ބައިވެރި ކުރުވަން ފެށިއެވެ. ދުވަހަކަށްވުރެ ދުވަހެއް އައިހަމްގެ ހުނަރު ދިޔައީ އިތުރުވަމުންނެވެ.

އަދި ހަމަ އެހެންމެ ބީޖީ ސްޕޯޓްސް ކުލަބުގައި އައިހަމް ދައްކާ މޮޅު ކުޅުމުގެ ސަބަބުން އޭރުގެ ގައުމީ 14 އަހަރުން ދަށުގެ ކޯޗު އިބްރާހިމް ހަލީމް (ޖަޑާ)، އައިހަމް ގައުމީ ޓީމަށް ގެންދިޔައެވެ.އަދި ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި އައިހަމް ބައިވެރިކުރުވަން ފެށިއެވެ.

 އިންޓަރސުކޫލް މުބާރާތްތަކުގައި ވެސް ނަންވިދާލި

ހިރިޔާ ސުކޫލަކީ މީގެ ކުރިން ހަމަ އެކަނި އަންހެން ކުދިންނަށް ކިޔަވައިދޭ ސުކޫލެއް ކަމުން 2017 ވަނަ އަހަރުގެ  އިންޓަރސުކޫލް ފުޓުބޯޅަ މުބާރާތް ވީ ތާރީހުގައިވެސް ހިރިޔާ ސުކޫލް އިންޓަރސުކޫލް ފުޓުބޯޅަ މުބާރާތެއްގައި ބައިވެރިވި ފުރަތަމަ މުބާރާތަށެވެ. އަދި ހަމަ އެހެންމެ އެ މުބާރާތަކީ އައިހަމް ގެ ވެސް އެންމެ ފުރަތަމަ އިންޓަރ ސުކޫލް މުބާރާތެވެ.

އެ އަހަރުގެ މުބާރާތަކީ ހިރިޔާ ސުކޫލަށް މާ ކާމިޔާބު މުބާރާތަކަށް ނުވިއެވެ. ނަމަވެސް އެ މުބާރާތުގައި އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައި އައިހަމްގެ ނަން ހިމެނުނެވެ. އަދި ހަމަ އެހެންމެ މުބާރާތުގެ ފެއަރ ޕްލޭ ޓީމުގެ މަގާމުވެސް ލިބުނީ ހިރިޔާ ސުކޫލަށެވެ.

ޖެހިގެން އައި 2018 ވަނަ އަހަރު ގްރޭޑް 8 އަށް އައިހަމް ބަދަލުވީ އަހްމަދިއްޔާ އިންޓަރނޭޝަނަލް ސުކޫލަށެވެ. އަހްމަދިއްޔާގެ ޖާރޒީގައި ކުޅުނު އިންޓަރސުކޫލް މުބާރާތުގައި ކަޓައިގެން ދިޔައީ ކުއާޓާ ފައިނަލުންނެވެ. ނަމަވެސް މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައި އައިހަމްގެ ނަން ހިމެނުނެވެ.

އަދި ހަމަ އެހެންމެ އަހްމަދިއްޔާގެ ޖާރޒީގައި ކެޕްޓަން ބޭންޑް އަޅައިގެން ކުރިން އައިހަމް ކިޔެވި ސުކޫލް ހިރިޔާ އާއި ދެކޮޅަށްވެސް އޭނާ ކުޅުނެވެ. އަދި އެ މެޗުގައިވެސް މޮޅު ކުޅުމެއް ދައްކާ ގޯލެއްވެސް އޭނާ ކާމިޔާބު ކުރިއެވެ.

 

 

 

މިހާތަނަށް ކުޅުނު އެންމެ ކާމިޔާބު މުބާރާތަކީ 2019 ވަނަ އަހަރުގެ އިންޓަރ ސުކޫލް

އައިހަމްގެ ފުޓުބޯޅަ ކެރިއަރުގައި އޭނާއަށް އެންމެ ކާމިޔާބު މުބާރާތެއްގެ ގޮތުގައި އޭނާ ފާހަގަ ކުރީ  2019 ވަނަ އަހަރުގެ އިންޓަރ ސުކޫލް މުބާރާތެވެ. އެގޮތުން އަހްމަދިއްޔާ ސުކޫލް ދޫކޮށް ހިރިޔާ ސުކޫލަށް އޭނާ ބަދަލުވީ އެ ސުކޫލަށް އޭނާގެ ހިތުގައި ޖެހިފައިވާ ލޯތްބެއްގެ ސަބަބުން ކަމުގައިވެސް ވެދާނެއެވެ. ހިރިޔާ ސުކޫލަށް އަނެއްކާވެސް ބަދަލުވެ ހިރިޔާ ސުކޫލުން 2019 ވަނަ އަހަރުގެ އިންޓަރ ސުކޫލް 16 އަހަރުން ދަށުގެ މުބާރާތް ކާމިޔާބު ކުރުމުގައި އޭނާ ބޮޑު ދައުރެއް އަދާ ކުރިއެވެ.

މުބާރާތުގައި އޭނާ މޮޅު ކުޅުމެއް ދެއްކި އިރު ދެކުނު އެންމެ ބޮޑު އެއް ހުވަފެން ކަމުގައިވާ އިންޓަރސުކޫލްގެ ތަށި ހޯދުމުގެ ހުވަފެނުގައި އޭނާ ކުލަ ޖެއްސީ މޮޅު ކުޅުމެއް ދައްކައިގެންނެވެ.

 

އިންޓަރނޭޝަނަލް ގިނަ މުބާރާތްތަކެއް ކުޅެފައިވޭ

އައިހަމް ގައުމީ ޖާރޒީގައި ކުޅުނު ފުރަތަމަ މުބާރާތަކީ 2018 ވަނަ އަހަރު ނޭޕާލްގައި އޮތް 15 އަހަރުން ދަށުގެ ސާފް ޗެމްޕިއަން ޝިޕް މުބާރާތެވެ. އެމުބާރާތުގައި ދިވެހި ޓީމަށް މާބޮޑު ކާމިޔާބީތަކެއް ހޯދިފައި ނުވިޔަސް އައިހަމް ދެކެނީ އެއީ އޭނާއަށް ލިބުނު އިތުރު ތަޖުރިބާއެއްގެ ގޮތުގައެވެ.

އަދި ހަމަ އެހެންމެ ތައިލެންޑުގައި ހަމަ އެއަހަރު އޮތް 15 އަހަރުން ދަށުގެ ޔޫއެފާ އެސިސްޓް މުބާރާތެއްގައި ދިވެހި ޓީމު ބައިވެރި ވީ އިރު އައިހަމް ޓީމުގައި ހިމެނުނެވެ. އަދި ހަމަ އެހެންމެ އެ އަހަރު އޭނާ ކުޅުނު އެންމެ ފަހު މުބާރާތަކީ ރާއްޖޭގައި ބޭއްވި މުބާރާތެކެވެ. އައްޑޫގައި ބޭއްވި  ޔޫއެފާ އެސިސްޓު 15 އަހަރުން ދަށުގެ މުބާރާތުގައި އޭނާ ވަނީ ކުޅެފައެވެ.

 

އެންމެ އުފާވި ދުވަހަކީ އިންޓަރނޭޝަނަލް ގޯލެއް ޖެހުނު ދުވަސް

އައިހަމް ބުނީ ފުޓުބޯޅައިގެ ކެރިއަރުގައި އޭނާ އެންމެ އުފާވި ދުވަހަކީ އިންޓަރނޭޝަނަލް  ގޯލެއް ޖެހުނު ދުވަސް ކަމުގައެވެ.  އެގޮތުން އިރާގުގައި އޮތް 16 އަހަރުން ދަށުގެ އޭއެފްސީ ކޮލިފިކޭޝަންގައި އޭނާވަނީ ފަލަސްތީނާ ދެކޮޅަށް ގޯލެއް ކާމިޔާބު ކޮށްފައެވެ. އެއީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި އޮތް މުބާރާތެއް ކަން ފާހަގަ ކޮށްލެވެއެވެ.

އައިހަމް ބުނީ އަދިވެސް ގައުމީ ޓީމަށް އިތުރު ގޯލް ތަކެއް ޖަހައިދޭން ބޭނުންވާ ކަމަށާއި އިރާދަކުރެއްވިއްޔާ އަބަދުވެސް އެކަން ހާސިލް ކުރުމަށް ގަދައަޅައި މަސައްކަތް ކުރާނެ ކަމުގައި އޭނާ ބުންޏެވެ.

 

ކޯޗުންގެ ނަޒަރުގައި އައިހަމް

އައިހަމް އަށް ހިރިޔާ ސުކޫލްގައި އިރުޝާދު ދިން ކޯޗު އަދި އައިހަމްގެ ފުރަތަމަ ކޯޗު މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ނިޔާޒް އައިހަމް ސިފަ ކުރީ ވަރަށް "ސްކިލްފުލް" ތަފާތު ޕްލޭޔަރެއްގެ ގޮތުގައެވެ. އެގޮތުން އޭނާގެ އުމުރުފުރާ އާއި ބަލާފައި އޭނާގެ ވަރަށް ތަފާތު މޮޅު ހުނަރެއް ހުންނަ ކަމުގައި ނިޔާ ފާހަގަ ކުރިއެވެ. އައިހަމް އަކީ ޑިސިޕްލިން ވެސް ރަނގަޅު ކުޅުން ތެރިއެއް ކަމަށާއި ރާއްޖޭގެ އެންމެ މަތީ ފެންވަރުގައި ފުޓުބޯޅަ ކުޅޭ ކުޅުންތެރިއަކަށް އައިހަމް ވުމަކީ އޭނާ ވަރަށް އުފާވާނެ ކަމެއް ކަމުގައި ނިޔާ ފާހަފަ ކުރިއެވެ.

އައިހަމް އަށް ފާއިތުވެދިޔަ 2019 ވަނަ އަހަރު ގައުމީ ޓީމުގައި އިރުޝާދު ދިން ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އައިހަމް ސިފަ ކުރީ ވަރަށް "ހާރޑްވޯކިންގް" ޓެލެންޓެޑް ޕްލޭޔަރެއްގެ ގޮތުގައެވެ. އައިހަމް އަކީ އިސްކޮޅުން ކުރުކޮށް ހުރިނަމަވެސް އިދިކޮޅުން ކުޅޭ ކުޅުންތެރިންނަށް ކުޑަކޮށްވެސް ދޫނުދީ ކުޅޭ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ އައިހަމް ސިފަކުރިއެވެ.

އައިހަމްއާ ދޭތެރޭ ދެކޭ ހުވަފެނަކީ ކޮބާތޯ ކުރި ސުވާލަކަށް ޖަވާބު ދެމުން ނިޒާމްބެ ބުނީ އައިހަމް ފުޓުބޯޅައާއި މެދު މިހާރަށްވުރެ ވެސް ސީރިއަސްވެ އައިހަމް އަށް ލިބިފައިވާ ޓެލެންޓު ބޭނުންކޮށްގެން ރާއްޖޭގެ އެންމެ މަތީ ލެވެލްގައި ފުޓުބޯޅަ ކުޅުމަކީ އޭނާ ދެކެން ބޭނުންވާ ދުވަހެއް ކަމަށެވެ. އަދި ކޯޗެއްގެ ހައިސިއްޔަތުން އައިހަމް އަކީ މުސްތަގުބަލެއް ފުޓުބޯޅައިގައި އޮތް ކުޅުންތެރިއެއްކަމަށް އޭނާ ގަބޫލު ކުރާ ކަމުގައި ނިޒާމްބެ ބުންޏެވެ.

 

އައިހަމްއާމެދު މައިންބަފައިން ދެކޭ ހުވަފެން

އައިހަމްއާ މެދު ކުރާ އުއްމީދަކީ އަދި ދެކޭ ހުވަފެނަކީ ކޮބާތޯ ކުރި ސުވާލަކަށް ޖަވާބު ދެމުން އައިހަމްގެ މަންމަ ބުނީ އައިހަމް ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާ ދުވަހަކީ ވަރަށް ދެކެން ބޭނުންވާ ދުވަހެއް ކަމުގައެވެ. އަދި މިހާރުވެސް ގައުމީ ޓީމުގެ ޖާރޒީގައި ކުޅޭތަން ފެންނާތީ ނުހަނު އުފާވާ ކަމުގައި ވެސް އައިހަމްގެ މަންމަ ފާހަގަ ކުރިއެވެ.

އައިހަމްގެ ބައްޕަ ދެން އެމްވީއާއި ފޯނުން ގުޅައިގެން ވާހަކަ ދައްކަމުން ބުނީ އައިހަމް ރާއްޖޭގެ އެންމެ މަތީ ލެވެލްގައި ފުޓުބޯޅަ ކުޅޭތަން ދެކުމަކީ ޢޭނާ ވަރަށް ދެކެން ބޭނުންވާ ދުވަހެއް ކަމަށެވެ. އަދި ގައުމަށް ރީތި ނަން ލިބޭނެ ފަދަ ރަންވަނަތަކެއް ހޯދުމަކީވެސް ކުރާ އުއްމީދެއް ކަމުގައި އައިހަމްގެ ބައްޕަ ބުންޏެވެ.

އަދި ހަމަ އެހެންމެ ކޮންމެ އަހަރަކުމެ އިންޓަރސުކޫލްގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައި އައިހަމް ހިމެނޭތީ ވަރަށް އުފާވާ ކަމަށާއި އަދި އައިހަމް އިންޓަރނޭޝަނަލް ގޯލެއް ކާމިޔާބު ކުރި ދުވަހަކީ ވަރަށް ބޮޑަށް އެކަމާ ފަހުރުވެރިވީ ކަމެއް ކަމުގައި އައިހަމްގެ ބައްޕަ ފާހަގަ ކުރިއެވެ.

އެންމެ ބޮޑު ޝުކުރެއް މަންމަ އާއި ބައްޕަ އަދި އާއިލާއަށް

އައިހަމް ބުނީ އައިހަމް އެންމެ ބޮޑު ޝުކުރެއް އަދާ ކުރަން ބޭނުންވަނީ އޭނާގެ މައިންބަފައިންނަށް ކަމަށެވެ. މަންމަ އާއި ބައްޕަ އައިހަމް މިހާ ހިސާބަށް ގެނެސްދިނުމަށްޓަކައި އެތައް ގުރުބާނީ ތަކެއް ވެފައިވާކަން އައިހަމް ފާހަގަ ކުރިއެވެ. އަދި ހަމަ އެހެންމެ މަންމަ އާއި ބައްޕަ ފަހުރުވެރިވާ ފަދަ މޮޅު ކުޅުންތެރިއަކަށް އައިހަމް ވާނެ ކަމުގައި އޭނާ ބުންޏެވެ.

އައިހަމްގެ ބައްޕަ އޭނާ ކުޅޭ ކޮންމެ މެޗަކަށްވެސް ވަރަށް އިސްކަމެއް ދީގެން އަންނަ ކަމަށާއި އަބަދުވެސް އެކަނި ނަމަވެސް އައިހަމް އަށް ސަޕޯޓް ކުރުމުގައި އައިހަމްގެ ބައްޕަ ހުންނާނެ ކަމުގައި އައިހަމް ބުންޏެވެ. އަދި އެކަމާ ނުހަނު އުފާވާ ކަމަށާއި ލިބޭ ކޮންމެ ކާމިޔާބީއެއްގައިވެސް މަންމަ އާއި ބައްޕަގެ ހިއްސާ ވަރަށް ބޮޑުވާނެ ކަމުގައި އައިހަމް ފާހަގަ ކުރިއެވެ.

އަދި ހަމަ އެހެންމެ އާއިލާގެ އެހެން މީހުންގެ ފަރާތުންވެސް ތަރުހީބު ލިބޭކަން ފާހަގަ ކުރަމުން އޭނާ ބުނީ ކުރިއެރުމުގައި އެހީތެރިވެދޭތީ ނުހަނު އުފާވާ ކަމަށެވެ. އަދި އެކުގައި އުޅޭ ރަހުމަތްތެރިންގެ ފަރާތުންވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭކަމުގައި އޭނާ ފާހަގަ ކުރިއެވެ.

 

ދެކޭ ހުވަފެނަކީ މާފަރުގެ އިތުރު ގޯލްޑަން ކެޕްޓަނަށް ވުން

އައިހަމްގެ އުފަންރަށް ނ.މާފަރަކީ އެރަށެއްގައި ހުނަރުވެރި އެތައް ކުޅުންތެރިންތަކެއް އުފެދިފައިވާ ރަށެކެވެ. އެގޮތުން ރާއްޖޭގެ 2 ގޯލްޑަން ކެޕްޓަނުން ކަމުގައިވާ އަކްރަމް އަބްދުލްޣަނީ އާއި އައްސަދު އަބްދުލްޣަނީގެ ވެސް އުފަން ރަށަކީ ނ.މާފަރުކަން ފާހަގަ ކޮށްލެވެއެވެ.

މިދެ ކުޅުންތެރިންނަކީ އަބަދުވެސް "އިންސްޕިރޭޝަން" އެއްގެ ގޮތުގައި ދެކޭ ދެ ކުޅުންތެރިންކަން ފާހަގަ ކުރަމުން އައިހަމް ބުނީ އޭނާ ދެކޭ ހުވަފެނަކީ އެ ދެކުޅުންތެރިން ފަދައިން ގައުމާއި އަދި ރަށް ފަހުރުވެރިވާފަދަ ކާމިޔާބީއެއް ހޯދުން ކަމުގައެވެ. އެ ގޮތުން ނ.މާފަރުގެ ގޯލްޑަން ކެޕްޓަނަކަށް ވުމަކީ އޭނާކުރާ އުއްމީދެއް ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

އަދި ހަމަ އެހެންމެ ކެޕްޓަނެއްގެ މަގާމުގައި ނޫނަސް އަބަދުވެސް ދިވެހި ގައުމަށް ރީތި ނަން ހޯދައިދިނުމަކީ އޭނާ ދެކޭ ހުވަފެނެއްގެ ގޮތުގައި އައިހަމް ފާހަގަ ކުރިއެވެ. އަދި އަބަދުވެސް  އެ ހުވަފެން ހަގީގަތަކަށް ހެދުމަށް ޓަކައި މަސައްކަތް ކުރާނެ ކަމުގައި އޭޏާ ބުންޏެވެ.

 

މިއީ ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ޓީމުގެ މިހާރު ހުރި އެންމެ މުހިއްމު އެއް ކުޅުންތެރިޔާގެ ވާހަކައެވެ. އެ ކުޅުންތެރިޔާ ދެކެނީ ފޮނި ހުވަފެންތަކެކެވެ. އެ ހުވަފެންތަކުގައި ކުލަ ޖެއްސުމަށް ޓަކައި އޭނާ މަސައްކަތް ކުރާނެ ކަން ވެސް ޔަގީނެވެ. މުޅި ރާއްޖެ އާއި އަދި މާފަރުގެ ރައްޔިތުން ފަހުރުވެރިވާނެ ކުޅުންތެރިއަކަށް އައިހަމް ވާނެކަމަށް ގިނަ ބަޔަކު ދެކެއެވެ.

ދެން ގެ ފަރާތުން އައިހަމްއަށް ފުޓުބޯޅައިގެ ދާއިރާއިން ކުރިއަށް ދިއުމުގައި ފާގަތި ދުވަސް ތަކަކަށް އެދެމެވެ.

Ads by Allied Insurance
  1. ޙުސަަައިން ސަނީފު

    ސާބަހޭ އަައިހަމް.