ޚަބަރު ޝަރުޢީ ދާއިރާ

ލިވާތުކުރުން: ފުލުސް އޮފިސަރުގެ މައްޗަށް ކުރާ ދަޢުވާގެ އަޑުއެހުމެއް މިއަދު ބާއްވަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އަލަމްގީރު އަދި ޢަބްދުއްރަޙްމާން ރަފީޢު

އެއް ޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގައި  ޢަބްދުއްރަޙްމާން ރަފީޢު (ދޮންދިގު) ގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާގެ އަޑުއެހުމެއް މިއަދު ބާއްވަން ތާވަލުކޮށްފިއެވެ.

Ads by MWSC

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރަމުން އައި ޢަބްދުއްރަޙްމާންގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ, ބަންގްލަދޭޝްގެ ޒުވާނެއްކަމަށްވާ އެމްޑީ އަލަމްގީރް (އަލަމްގިރި) އާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ.

ކްރިމިނަލް ކޯޓުން ބުނީ އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ އަޑުއެހުމެއް އޮންނާނީ މިއަދު 13:00 ގައި ކަމަށެވެ.

އެ ދަޢުވާއާ ގުޅިގެން މީގެ ކުރިން އަޑުއެހުމެއް ވަނީ ބާއްވާފައެވެ. ދަޢުވާއަށް ޖަވާބުދާރީވާން ބޭނުންވަނީ ވަކީލަކާއެކު ކަމަށް ބުނުމުން ކޯޓުން ދިނީ 10 ދުވަހެވެ. އެހެންކަމުން މިއަދުގެ އަޑުއެހުމުގައި އޮންނާނީ ދަޢުވާއަށް ޖަވާބުދާރީވުމެވެ.

އަލަމްގިރި:

ރާއްޖޭގެ ގިނަ ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގި އަލަމްގިރިގެ މައްޗަށް އުފުލީ އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ތިން ދަޢުވާއެވެ. އެ ދަޢުވާތަކަށް އޭނާ އިޢުތިރާފުވުމުން ކުށް ސާބިތުވެ, 07 މަހާއި 06 ދުވަހަށް އޭނާ ޖަލަށްލުމަށް ޙުކުމްކުރީ މިދިޔަ މަހުގެ 31 ގައެވެ.

ނާޒިމް ރައީސް ޞާލިޙާއެކު. ފޮޓޯ: ރައީސް އޮފީސް

ނާޒިމް ޢަބްދުއްސައްތާރު:

މި މައްސަލައިގައި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ, ޤާނޫނީ ވަކީލު ނާޒިމް ޢަބްދުއްސައްތާރުގެ މައްޗަށް ވެސް އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދަޢުވާ އުފުލިއެވެ.

މި މައްސަލައިގައި ހިމެނޭ އެހެން މީހުންނެކޭ އެއްފަދައިން ނާޒިމުގެ މައްޗަށް ވެސް ދަޢުވާ އުފުލީ ޤާނޫނުލްޢުޤޫބާތުގެ ދަށުންނެވެ.

އެ ޤާނޫނުގައިވާ ގޮތުން މީހަކާ އިނދެ ހުރެ ކުރި ކުށަކަށްވާނަމަ ކުށުގެ އަސާސީ އަދަބަކީ 09 މަހާއި 18 ދުވަހުގެ ޖަލު ޙުކުމެކެވެ. ނާޒިމް ކުށަށް ޢިއުތިރާފުވެ އަދި އެފަދަ ކުށެއް ނުކުރާނެކަމަށް ބުނެ ތައުބާވުމުންނާއި, އެކަމަށް މަޢާފަށް އެދުމުން އަދަބު ލުއިކޮށް އެއް މަހާއި 28 ދުވަހުގެ ޖަލު ޙުކުމެއް ކަނޑައެޅީ މި މަހުގެ 15 ގައެވެ. ނަމަވެސް އެ ޙުކުމް ގޭ ބަންދުގެ ޙުކުމަށް ބަދަލުކުރަން އެދިފައިވާ އެދުމަށް ރިޢާޔަތްކުރައްވައި, ގާޒީ ނިންމެވީ 03 މަހާއި 26 ދުވަހަށް ނާޒިމް ގޭ ބަންދު ކުރާށެވެ.

ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ވެސް ދަޢުވާ ކުރެވެން އޮތެވެ. އެ ޤާނޫނުގެ ދަށުން ދަޢުވާކުރިނަމަ 05 އަހަރާއި 07 އަހަރުގެ ޖަލު ޙުކުމެއް ނާޒިމަށް އަންނާނެއެވެ.

މުޙައްމަދު ނަޝީދު (ކާނަލް) :

މި މައްސަލައިގައި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދުގެ މައްޗަށް ވެސް ވަނީ އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދަޢުވާ އުފުލައިފައެވެ.

ނަޝީދުގެ ޝަރީޢަތް ފެށީ މިދިޔަ މަހުގެ 30 ގައެވެ. ފުރަތަމަ އަޑުއެހުމުގައި ހެކި ރައްކާތެރިކުރުމުގެ އަމުރާމެދު ބަހުސް ކުރެވިފައި ވެއެވެ. ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ އަމުރަށް ގޮތެއް ކަނޑައެޅުމާއި, ދަޢުވާއަށް ޖަވާބުދާރީވުމެވެ. ނަމަވެސް އެ އަޑުއެހުން ބާއްވާނެ ތާރީޚެއް އަދި ހާމައެއް ނުކުރެއެވެ.

މީގެ ކުރިން ނަޝީދު ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތު ދޮގުކުރައްވައިފައެވެ.

ކާނަލް ނަޝީދު

އަލަމްގިރިއާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ވަނީ ބައެއް މީހުން ހައްޔަރުކޮށްފައެވެ. އެ މީހުންގެ ތަފްސީލެއް ދީފައެއް ނުވެއެވެ. އާދައިގެ މަތިން ފުލުހުން ބުނެފައިވަނީ ތަޙްޤީޤު ކުރިއަށްދާ ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި, އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި, ހޯމް މިނިސްޓްރީގެ މުވައްޒަފަކާއި, ދެ ޓީޗަރުންނާއި, ރައްޔިތުން މަޖިލީހުގެ މުވައްޒަފަކާއި, ކަސްޓަމްސްގެ ދެ އޮފިސަރުންނާއި, އިސްލާމިކް މިނިސްޓްރީގެ މުވައްޒަފަކާއި, ސިފައިންގެ މީހަކު ހިމެނެއެވެ.

ޢާންމުވި ވީޑިއޯތަކުން ދެނެގަނެވިފައިވަނީ 38 މީހުންކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ. އެއީ ކޮންބައެއްކަމެއް ނުބުނެއެވެ. އިތުރު ބަޔަކު ދެނެގަނެވިފައިވާ ކަމެއް ވެސް އަދި ބުނެފައެއް ނުވެއެވެ.

މި މައްސަލައިގައި 18 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު, ބައެއް މީހުން ވަނީ ރާއްޖެއިން ފުރައިިގެން ގޮސްފައެވެ. އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނި ނަމަވެސް, އެކަމާ ގުޅިގެން ފުލުހުން ޖަވާބެއް ނުދޭތީ އެއިން މީހަކު ހޯދުނުކަމެއް ނުވަތަ ނުހޯދޭކަމެއް ވެސް ސާފުވާ ގޮތެއް ނުވެއެވެ.

ފުރައިގެން ދިޔަ މީހުންގެތެރޭގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ކުރީގެ މުޝީރު އިބްރާހިމް ރާފިޢު (އެމްޑީޕީ ރާއްޕެ) ހިމެނެއެވެ. ތަޙްޤީޤަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ, ޖިނާއީ މައްސަލަތައް ތަޙްޤީޤު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަޙްޤީޤަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރިއެވެ. ނަމަވެސް އޭނާ ހާޒިރެއްނުވެއެވެ. އޭނާ ހުރީ އިންޑިއާގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!