ޚަބަރު ރައްޔިތުންގެ މަޖިލިސް

ޔޯގާ މައްސަލަ: އިސްލާމިކް މިނިސްޓްރީއާއި ފުލުހުންގެ އިސްވެރިން މަޖިލީހަށް ހާޒިރުކުރަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު

ޔޯގާ މައްސަލައިގައި މުޖުތަމަޢުގައި ސުވާލު އުފެދިފައިވަނިކޮށް, އިސްލާމްދީނުގައި އެކަން އޮންނަ ގޮތް ފަތުވާ މަޖިލީހުން ބަލާފައި ނެތުމާއި, ޔޯގާއާ ގުޅިގެން އިސްލާމިކް މިނިސްޓްރީން އިޖުރާޢަތާ ޚިލާފަށް ފުލުހުންނަށް ސިޓީއެއް ފޮނުވި މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު ނިންމައިފިއެވެ.

Ads by STELCO

މި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ. އާދަމް ޝަރީފަކީ އެ ކޮމިޓީގައި ވެސް އިންނަވާ މެންބަރެކެވެ.

ކޮމިޓީއަށް ޝަރީފް ހުށަހެޅުއްވި ސިޓީގައި ވަނީ ރާއްޖޭގައި ޔޯގާ ހަރަކާތެއް ބާއްވަން ނުފެންނަކަމަށް އިސްލާމިކް މިނިސްޓްރީން ފުލުސް އޮފީހަށް ސިޓީއެއް ފޮނުވާފައިވަނިކޮށް ސަރުކާރުން ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވުމުގެ ސަބަބުން އެ ތަނުގެ މަސްލަހަތު ގެއްލި ހަމަނުޖެހުން ހިންގާފައިވާއިރު, އެ މިނިސްޓްރީން ފޮނުވި ސިޓީ ފޮނުވީ އިޖުރާޢަތްތަކާ ޚިލާފަށްކަމަށް ބުނެ ބަޔާނެއް ނެރުނު ކަމަށެވެ. އަދި ދީނީ ގޮތުން ޚިޔާލު ތަފާތުވުން އުފެދޭކަމެއްގައި ޢާންމު ރައްޔިތުންނަށް އިތުރަށް އޮޅުން އަރާގޮތަށް ސަރުކާރުގެ މިނިސްޓްރީއަކުންސިޓީ ފޮނުވާފައި, ސިޓީގެ ޒިންމާ ނެގުމުގެ ބަދަލުގައި އެ ސިޓީއަކީ އިޖުރާޢަތްތަކާ ޚިލާފަށް ފޮނުވާފައިވާ ސިޓީއެއްކަމަށް ބުނުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ގެއްލޭފަދަ ކަންކަމަށް މަގުފަހިވާ ކަމެއްކަމަށް ވެސް ޝަރީފްގެ ސިޓީގައި ވެއެވެ.

އެކަމަކީ މިނިސްޓްރީން ޤާނޫނީ ވާޖިބު އަދާކުރުމުގެ ބަދަލުގައި, އެ މިނިސްޓްރީގައި ތިއްބަވާ ބޭފުޅުން ބޭނުންވާ ގޮތަކަށް ފަތުވާ ނެރުމުގެ ފުރުސަތު އޮތްކަމަކަށްވާތީ އެ މައްސަލަ ބެލުމަށާއި, އެކަމާ ގުޅިގެން މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން އެ އިދާރާ ޖަވާބުދާރީކުރުވުމަށް ސިޓީގައި އެދިވަޑައިގެންފައިވެއެވެ.

މި މައްސަލައިގައި އިސްލާމިކް މިނިސްޓްރީއާއި ފުލުހުންގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކުރަން ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް (ޓޮމް) އެވެ. ޓޮމްގެ ހުށަހެޅުއްވުމަށް އެއްވެސް މެންބަރަކު އިންކާރު ނުކުރައްވާތީ ކޮމިޓީން ނިންމީ އިސްލާމިކް މިނިސްޓްރީއާއި ފުލުހުންގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކުރުމަށެވެ.

ޔޯގާ ހަރަކާތް ބޭއްވީ މިދިޔަ ޖޫންމަހުގެ 21 ގައެވެ. އެ ދުވަހުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން ގިނަ ބަޔަކު ހައްޔަރުކުރިއެވެ. އޭގެތެރެއިން ގިނަ މީހުން ވަނީ ދޫކޮށްލައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!