ޚަބަރު ޝަރުޢީ ދާއިރާ

ޖުވެނައިލް ކޯޓުން އުދައްޔުގެ ވާރިސުން ހޯދަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ގއ.މާމެންދޫގައި ހިންގި މާރާމާރީއެެއްގައި ލިބުނު އަނިޔާތަކަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވި އަޙްމަދު އުދައްޔު (17އ) ގެ ވާރިސުން ހޯދަން ޖުވެނައިލް ކޯޓުން އިއުލާނުކޮށްފިއެވެ.

Ads by MWSC

2021 ވަނަ އަހަރުގެ ފެބްރުއަރީ 08 ވަނަ ދުވަހުގެރޭ މާމެންދޫގައި ހިންގި މާރާމާރީއެެއްގައި ލިބުނު އަނިޔާތަކަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވި އުދައްޔުގެ މަރުގެ މައްސަލައިގައި ދަޢުވާ އުފުލައިފައިވާ 18 އަހަރުން ދަށުގެ ކުއްޖާގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި, މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާއެވެ.

ޖުވެނައިލް ކޯޓަށް ހުށަހެޅުނު އެ ދެ ދަޢުވާ ސާބިތުވާކަމަށް މި މަހުގެ 14 ވަނަ ދުވަހު ވަނީ ނިންމާފައެވެ. އަދި އެ ކުއްޖާގެ މައްޗަށް އަދަބު ކަނޑައެޅުން ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ އެއްގޮތަަށް ކުރިއަށް ގެންދާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ޖުވެނައިލް ކޯޓުން މިއަދު ބުނީ އެ ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން އުދައްޔުގެ ވާރިސަކު ހުރިތޯ ބަލަން ބޭނުންވާ ކަމަށެވެ.

''ވީމާ ގއ.މާމެންދޫ/ ލިލީއޮފްދަވެލީ އަލްމަރްޙޫމް އަޙްމަދު އުދައްޔުގެ އެއްވެސް ވާރިސަކު ހުރިނަމަ އެ ފަރާތެއްގެ ނަމާއި އެޑްރެހާއި، އައިޑީކާޑު އަދި އުފަންތާރީޚާއި, ގުޅޭނެ ފޯނު ނަމްބަރު، މިއަދު (22 ސެޕްޓެންބަރު 2022) ން ފެށިގެން 07 (ހަތް) ދުވަހުގެ ތެރޭގައި މިކޯޓަށް (ޖުވެނައިލް ކޯޓަށް) ލިއުމަކުން އަންގަވައި ދެއްވުން އެދެމެވެ.''

އުދައްޔިގެ މަރުގެ މައްސަލައާ ގުޅިގެން އަޙްމަދު ޝަމީމާއި, ޝަރަފު ރަޝީދާއި, މުޙައްމަދު މާޒިންގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި, މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ. އެ ދަޢުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު, އެ ތިން މީހުންގެ ބައި މިހާރު އޮތީ ހެކިބަސް ނެގުމުގެ މަރުހަލާގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!