ސަރުކާރުން ވެފައިވާ ވަޢުދުތަކުގެ %99 ވަޢުދު މިހާރު ފުއްދައިފި: ޤާސިމް
ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެވަޑައިގެންނެވި ވަޢުދުތަކުގެ %99 ވަޢުދު މިހާރު ފުއްދަވާފައިވާކަމަށް ސަރުކާރު ކޯލިޝަނުގެ އެއް ބައިވެރިޔާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރު ޑރ.ޙުސައިން ރަޝީދު ޙަސަން ވަނީ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވައިފައެވެ.
ތިމަރަފުށީ ދާއިރާގެ މެންބަރު ރިޔާޟަށް ލިބިވަޑައިގެންނެވި ފުރުސަތުގައި މިނިސްޓަރާ ސުވާލުކުރެއްވީ މަސްވެރިކަމުގެ ދާއިރާއިން ރައީސް ޞާލިޙް މަސްވެރިންނަށް ވެވަޑައިގެންނެވި ވަޢުދުތަކުގެތެރެއިން ކިތައް އިންސައްތަ މިހާރު ފުއްދިފައިވޭތޯއެވެ. އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މަސްވެރިކަމުގެ ސިޔާސަތުތައް ތަންފީޒުކުރެވުނު ނިސްބަތުގެ ހިސާބުތައް ހައްދަވައިގެން, އެ ހިއްޕަވައިގެން ވަޑައިނުގަންނަވާތީ އެކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އެއަށްފަހު ރިޔާޟް ވިދާޅުވީ އޭނާ ސުވާލުކުރެއްވީ މަސްވެރިކަމުގެ ސިޔާސަތުތައް ތަންފީޒުކުރެވިފައިވާ މިންވަރާ ގުޅޭ ގޮތުން ނޫން ކަމަށާއި, ރައީސް ޞާލިޙް ވެވަޑައިގެންނެވި ވަޢުދުތަކުގެ ކިހާ އިންސައްތައެއް ފުއްދިފައިވޭތޯ ކަމަށެވެ.
އެ ގޮތުން މިނިސްޓަރު ވިދާޅުވީ އޭނާއަކީ ހަމައެކަނި ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު ކަމަށާއި, އެހެންވެ އެކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
މިނިސްޓަރުގެ ޖަވާބާ ގުޅިގެން އިދިކޮޅު މެންބަރުންގެ ފާޑުވިދާޅުވުންތައް އަމާޒުވެ, މަޖިލީހުގެ ތަޅުމުގައި އަޑުގަދަވެ ބައެއް މެންބަރުން ނިޒާމީ ނުކުތާ ނަންގަވަން ފެށްޓެވިއެވެ.
އެ ބަހުސްގެ ތެރެއިން ޤާސިމް ވިދާޅުވީ އޭރު ރައީސް ޞާލިޙް ވެވަޑައިގެންނެވި ވަޢުދުތަކުގެ %99 ވަޢުދު މިހާރު ފުއްދަވާފައިވާކަމަށް އޭނާ ޔަގީން ކުރައްވާ ކަމަށެވެ.