ޚަބަރު

ކާށިދޫ ކަނޑަށް ގެއްލުނު މީހަކު ހޯދުމުގެ މަސައްކަތް ފަށައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސެޕްޓެންބަރު 28 ވަނަ ދުވަހު އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މޫސުން ގޯސްވެ، ކ.ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލު ބޭރުން ބޯޓެއް އަޑިއަށް ގޮސް އެ ބޯޓުން ދަތުރުކުރި ފަޅުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފިއެވެ.

Ads by Hajj Corporation

އެ ބޯޓް އަޑިއަށްގޮސް، އެއިން ދަތުރުކުރި ހަތް ފަޅުވެރިންގެ ތެރެއިން ހަ ފަޅުވެރިއަކު ކަނޑުވެފައި ވަނިކޮށް ސަލާމަތް ކޮށްފައިވަނީ، އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "އެމްވީ ބަރަދުވާޖް" ނަމަކަށް ކިޔާ ބޯޓަކުންނެވެ. އަދި، އެއް ފަޅުވެރިއަކު ފެނިފައި ނުވާތީ، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "ހަކުރާ" ލޯންޗް ދަނީ އެ މީހާ ހޯދުމުގެ މަސައްކަތުގައި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު އެމްއާރްސީސީއަށް ލިބިފައިވަނީ މިއަދު 10:30 ހާއިރުއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދާ މީހާ ލައިގެން ހުރީ، ނޫކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ސޯޓްބުރިއެކެވެ. އަދި، އެންމެ ފަހުން އޭނާ ފެނުނުއިރު އޮތީ ލައިފްޖެކެޓް ވެސް އަޅައިގެން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ގެއްލިގެން ހޯދާ މީހާއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ މި ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ބަލައިދިނުމަށް ކޯސްޓްގާޑުންވަނީ އެދިފައެވެ. އަދި މި މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުމަށް ކޯސްޓުގާޑުން ވަނީ އެދިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!