ޚަބަރު

3 ދުވަހުގެ ދަތުރުފުޅެއްގައި އިންޑިއާގެ ފޮރިން ސެކެޓްރީ ރާއްޖޭގައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ފޮރިން ސެކެޓްރީ ވިނޭ މޯހަން ކަވަޓްރާ ރާއްޖެ ވަޑައިގެންފިއެވެ.

Ads by MWSC

އިންޑިއާގެ ފޮރިން ސެކްޓްރީ ރާއްޖެ ވަޑައިގަތީ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. މި ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން ސެކްޓްރީ އަޙްމަދު ލަތީފްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަޙްމަދު ލަތީފްއާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ މުނޫ މަހާވަރުއެވެ.

މިއީ ވިނޭ އިންޑިއާގެ ފޮރިން ސެކްޓްރީގެ މަގާމާ ހަވާލުވެވަޑައިގަތް ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިއީ 3 ދުވަހުގެ ދަތުރުފުޅެކެވެ.

ފޮރިން މިނިސްޓްރީން ބުނީ ވިނޭ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށެވެ. އަދި ޚާއްސަކޮށް އިންޑިއާގެ އެހީގެ ދަށުން ރާޢްޖޭގައި ކުރިއަށްގެންދާ މަޝްރޫޢުތައް ދާ ސްޕީޑާ މެދު މަޝްވަރާކުރުމާއި އެކަންކަމާގުޅޭ މަޢުލޫމާތުތައް ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި ދަތުރުފުޅުގައި ވިނޭ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްއާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީއާއި މިިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު އާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއިލް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާ ވެސް ބައްދަލުކުރައްވާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!