ބްލެކްމެއިލް ކުރި މައްސަލަ: މައުމޫން ދޫކޮށްލައިފި
އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑްކޮށް, އެ ވީޑިއޯތައް ލީކު ކޮށްލާނެކަމަށްބުނެ ބިރުދައްކައި, ބުލެކްމެއިލް ކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ޑިމާންޑްކޮށް, އަދި ރެކޯޑް ކޮށްފައިވާ ބައެއް ވީޑިއޯތައް އާންމުކޮށްފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކުރި ށ.ފުނަދޫ/ސީސްޓަރ, މައުމޫން މޫސާ (41އ) ދޫކޮށްލައިިފިއެވެ.
މައުމޫން ހައްޔަރުކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އޭނާ ބަންދުގައި ބެހެއްޓުމަށް ފުރަތަމަ ކޯޓުން ދިނީ 10 ދުވަހެވެ.
ފުލުހުން ބުނީ އޭނާގެ ބަންދުގެ މުއްދަތު ހަމަވުމުން ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ނިންމީ އޭނާ ބަންދުން ދޫކޮށްލުމަށް ކަމަށެވެ.
މި މައްސަލައިގައި މިދިޔަ މަހުގެ 18 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ބ.ދަރަވަންދޫ/އަކިރި, ޙަމްދޫން ޢަބްދުﷲ (37އ) ގެ ބަންދަށް ފުރަތަމަ ޖެހީ 15 ދުވަހެވެ. އަދި ހަމަ އެ ދުވަހު ހައްޔަރުކުރި ބ.ދަރަވަންދޫ/ހީމަ, މުޙައްމަދު މިހާދު މުޞްޠަފާ (24އ) ގެ ބަންދަށް ފުރަތަމަ ޖެހީ 7 ދުވަހެވެ. އެ މުއްދަތު ހަމަވުމާއެކު މިހާދުގެ ބަންދަށް ވަނީ 7 ދުވަސް އިތުރުކޮށްފައެވެ.
މި މައްސަލައިގައި ހިމެނޭ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމްޑީ އަލަމްގީރު ކުށަށް އިޢުތިރާފުވުމާއެކު އޭނާ ޖަލަށްލުމަށް ވަނީ ޙުކުމްކޮށްފައެވެ. އަލަމްގިރިގެ މައްޗަށް އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދަޢުވާ އުފުލީ މާލޭގެ އެޕާޓްމަންޓެއްގައި ގިނަ ބަޔަކާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގައި އެ މަންޒަރުތައް ސިއްރުން ރެކޯޑްކުރި މައްސަލައިގައެވެ.
އޭނާގެ މައްޗަށް ކުރާ ކޮންމެ ދަޢުވާއަކަށް އިއްވީ 27 ދުވަހުގެ ޖަލު ޙުކުމެކެވެ. އެ ގޮތުން ކޮންމެ ދަޢުވާއަކަށް 27 ދުވަހުގެ މަގުން އޭނާގެ މައްޗަށް އައިސްފައިވަނީ ޖުމްލަ 1080 ދުވަހުގެ ޖަލު ޙުކުމެކެވެ. އެއީ ތިން އަހަރެވެ.
މީގެކުރިން އަލަމްގިރިގެ މައްޗަށް އުފުލި އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ތިން ދަޢުވާއަށް ވެސް އޭނާ ވަނީ އިޢުތިރާފުވެފައެވެ. އެ ގޮތުން އޭނާގެ މައްޗަށް އައީ ހަތް މަހާއި, ހަ ދުވަހުގެ ޖަލު ޙުކުމެކެވެ.