ދުނިޔެ

ޓައިވާން: ބޮޑު ބާރަކުން ދަށުކޮށްލަން އުޅޭ މިނިވަން ދައުލަތެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ގާތްގަނޑަކަށް 24 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޓައިވާނަކީ، ޗައިނާގެ އިރުދެކުނު އައްސޭރިފަށުން ފެށިގެން 130 މޭލު ދުރުގައި ވަކިން އޮންނަ ޖަޒީރާއެކެވެ. ވަކި ޤައުމެއްގެ ގޮތުގައި ދުނިޔޭގެ ގިނަ ޤައުމުތަކުން ޓައިވާން ބަލައިނުގަންނައިރު، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ (ޕީއާރްސީ)އިން ޤަބޫލު ކުރާ ގޮތުގައި ޓައިވާނަކީ ޗައިނާގެ ބައެކެވެ.

Ads by Sosun Fihaara

1949ވަނަ އަހަރުން ފެށިގެން އަމިއްލަ ވެރިކަމެއް ކުރަމުން އަންނަ ޓައިވާނަކީ، ޗައިނާގެ މައިބިމާ އެކީ ވެރިކަން ކުރާ ޤައުމަކަށް ހަދަން ޗައިނާގެ ސަރުކާރުން ވަނީ ވައުދުވެފައެވެ. އެއީ "މައިބިމާ އެއްބައިވަންތަ" ކުރުމަށް ޗައިނާއިން ފަށައިފައިވާ ކެންޕެއިންގެ ތެރެއިންނެވެ. ޗައިނާއިން ޤަބޫލު ކުރާ ގޮތުގައި ޓައިވާނަކީ "ބަޣާވާތުގެ" ޕްރޮވިންސެކެވެ. ޓައިވާނުން ދެކޭ ގޮތުގައި މުޅި ޗައިނާގެ އަސްލު ޙައްޤުވެރިންނަކީ  ޓައިވާނެވެ.

ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އިންތިޚާބުކުރެވިފައިވާ ސަރުކާރެއް އޮންނަ އަދި 23 މިލިއަން މީހުން ދިރިއުޅޭ ޓައިވާންގައި، އެރަށުގެ ހާލަތާއި މައި ރަށާ އޮންނަ ގުޅުމާ މެދު ސިޔާސީ ލީޑަރުންގެ ޚިޔާލު ތަފާތުވެފައި ވެއެވެ. މިއަހަރުގެ ތެރޭގައި ޓައިވާނާއި ޗައިނާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ، ހަނގުރާމައެއްގެ ބިރު ވަނީ ބޮޑުވެފައެވެ.

ޗައިނީސް ކޮމިއުނިސްޓް ރިވެލޫޝަން

ޗައިނާއާއި ޓައިވާންގެ ހަމަނުޖެހުންތަކުގެ ވާހަކަ ރަނގަޅަށް ފަހުންވާން ބޭނުންނަމަ ޓައިވާންގެ ތާރީޚް ކޮންމެވެސް ވަރަކަށް އިނގެން ޖެހެއެވެ. ޓައިވާނަކީ ދިގު ތާރީޚެއް އޮތް ޤައުމެކެވެ. ވަކި ރަށެއްގެ ގޮތުގައި އޮންނަ ޤައުމަކަށްވީ ނަމަވެސް ޓައިވާނަކީ ސަރަހައްދީ ގޮތުން ބަލާއިރު މުހިންމު ޤައުމެކެވެ.

1683އިން 1895އަށް ޓައިވާންގައި އުޅެމުން ދިޔައީ ޗައިނާގެ މީހުންނެވެ. ވެރިކަން ކުރަމުން ދިޔައީ ޗައިނާގެ ރަސްކަމުގެ ދަށުންނެވެ. އޭގެ ފަހުން ޗައިނާއާއި ޖަޕާނާއި ދެމެދުގައި ކުރެވުނު ސައިނޯ-ޖަޕާންގައި ޗައިނާގެ މައްޗަށް ޖަޕާނުން ކުރި ހޯދުމުން، ޓައިވާންގެ ބާރުވެރިކަން ޖަޕާނުން ހޯދިއެވެ. މިގޮތަށް މިކަން އޮއްވާ، ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާނަށް ލިބުނު ބައްޔާއެކު ޖަޕާނުން ގެންގުޅެމުން އައި ހިސާރުކޮށް، ބާރުވެރިކަން ފޯރުކުރުމުގެ ސިޔާސަތަށް ނިމުމެއް އައެެވެ. އަދި ޓައިވާންގެ ވެރިކަމުން އަމިއްލައަށް ދުރުވިއެވެ. އެއާއެކު އަނެއްކާ ވެސް ޓައިވާންގެ ވެރިކަމާ ހަވާލުވީ ޗައިނާއިންނެވެ.

އޭރު ޗައިނާގައި ދާޚިލީ ހަނގުރާމައެއް ދިޔައީ ކުރެވެމުންނެވެ. އެއީ އެޤައުމުގެ ނޭޝަނަލިސްޓް ޕާޓީއާއި ކޮމިއުނިސްޓް ޕާޓީއާ ދެމެދު ކުރެވުނު ހަނގުރާމައެކެވެ. މި ހަނގުރާމަ ކުރެވިފައިވަނީ 1945 އިން 1949 އަށެވެ.

ޓައިވާނަކީ ޗައިނާގެ ސަރަހައްދެއް ކަމަށް ޗައިނާ އިން ބުނާ އިރު، ޗައިނާގެ ކޮމިޔުނިސްޓް ސިފައިންނާއި، ވަތަނީ ފިކުރުގެ ހަނގުރާމަވެރިންނާ ދެމެދު، މީގެ 72 އަހަރު ކުރިން ހިނގި ދާޚިލީ ހަނގުރާމައަށް ފަހު، އިދާރީ ގޮތުން ޓައިވާނުން ހިންގަމުން އަންނަނީ ޗައިނާއާ މުޅިން ވަކިންނެވެ.

 1949 ވަނަ އަހަރު ނިމުނު ޗައިނާގެ ދާހިލީ ހަނގުރާމައިގައި، ނޭޝަނަލިސްޓް ޕާޓީގެ އޭރުގެ ލީޑަރު ޗިއަންގް ކައި-ޝެކްގެ ފައުޖުތައް، މާއޯ ޒެޑޮންގްގެ ކޮމިއުނިސްޓް އަސްކަރިއްޔާއިން ފަހަތަށް ޖައްސައި ހަނގުރާމަ ކާމިޔާބު ކުރިއެވެ. އެ ނާކާމިޔާބީއާ ގުޅިގެން، ނޭޝަނަލިސްޓް ޕާޓީގެ މުޅި ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ އެތައް މިލިއަން ބަޔަކު، ޗައިނާގެ މައި ބިން ދޫކޮށް ރެފިއުޖީންގެ ގޮތުގައި ޓައިވާން ޖަޒީރާ އަށް ހިޖްރަކޮށް، ޓައިވާން ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި އާ ސަރުކާރެއް ގާއިމުކުރިއެވެ.

އެއާ އެކު ޗައިނާގެ މައި ބިމުގައި، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި، ކޮމިޔުނިސްޓް ޕާޓީގެ ފަރާތުން މުސްތަގިއްލު ދައުލަތެއް ގާއިމުކޮށް ވެރިކަން ކުރަން ފެށިއެވެ.

ޗައިނާގެ ލީޑަރު ކަން އެއް އިރެއްގައި ކުރި ޗިއަންގް ކައި ޝެކް | އޭނާގެ ސަޕޯޓަރުންނާ އެކު ޓައިވާނަށް ފިއްލަވައިގެން ވަޑައިގެންނެވި

ޓައިވާންގެ ސިޔާސީ މައިދާނުގައި ގިނަ އަހަރުތަކެއް ވަންދެން ޗައިނާއިން އައި ރެފިއުޖީން ވަނީ ބާރު ހިންގައިފައެވެ. ސިޔާސީ މައިދާނުގައި މި މީހުންގެ ބާރުގަދަ ނަމަވެސް، މި މީހުންނަކީ ޓައިވާންގެ އާބާދީގެ އެންމެ 14 އިންސައްތައެވެ.

ޚުދުމުޚުތާރު ވެރިކަމެއް ގެނައުމާ ދެކޮޅަށް ރައްޔިތުންގެ ނުރުހުމާއި، ޑިމޮކްރެސީގެ ވަރުގަދަ ޙަރަކާތުގެ ޕްރެޝަރުގެ ސަބަބުން، ޑިމޮކްރެޓިކް ވެރިކަމެއް ޓައިވާނަށް އައެވެ. ޓައިވާންގެ "ޑިމޮކްރަސީގެ ބައްޕަ"ގެ ނަމުން މަޝްހޫރުވެފައިވާ ރައީސް ލީ ޓެންގް-ހުއި، ވެރިކަން ހިންގުމުގެ ނިޒާމަށް ދުސްތޫރީ ބަދަލުތައް ގެނެސް، 2000ވަނަ އަހަރު އެ ޤައުުމުގައި ކޭއެމްޓީއަށް ނިސްބަތް ނުވާ، ޓައިވާންގެ ދަރިކޮޅުގެ ފުރަތަމަ ރައީސް، ޗެން ޝޫ-ބިއަން އިންތިޚާބު ވެވަޑައިގެންނެވިއެވެ.

ޗައިނާ ބާރުގަދަވެ، ޓައިވާން ފަހަށް

އެންމެ ފުރަތަމަ، އެމެރިކާ ވެސް ހިމެނޭ ގޮތަށް ގިނަ ސަރުކާރުތަކުން ޓައިވާން ވަނީ ޤައުމެއްގެ ގޮތުގައި ބަލައިގެންފައެވެ.

1970އާ ޖެހެންދެން އދ.ގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮތީ ރިޕަބްލިކް އޮފް ޗައިނާ (ޓައިވާން) އެވެ. އަދި އެއީ ވީޓޯ ކުރުމުގެ ބާރާއެކު ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރެއްގެ ގޮތުގައި އޮތް ގައުމެކެވެ.

ނަމަވެސް ޗައިނާގެ ބާރު ގަދަވެ، 1970ގެ އަހަރުތަކުގެ ތެރޭގައި ޗައިނާއާއި އެމެރިކާއާ ދެމެދު ގުޅުންތައް ކުރިއެރުވުމުގެ ބޭނުންތެރިކަން ބޮޑުކަމަށް އެމެރިކާއާއި އެހެން ބައެއް ގައުމުތަކުން ދުށުމުގެ ނަތީޖާއެއްގެ ގޮތުން، ބެއިޖިންގެ ހައްގުގައި ޓައިޕޭއާ އޮންނަ ގުޅުން ވަނީ ކަނޑައިލައިފައެވެ. އަދި އެއީ ޤައުމެއްގެ ގޮތުގައި ބަލައި ނުގަންނަން ވަނީ ނިންމައިފައެވެ.

1971 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު، އދ.ގެ އާންމު މަޖިލީހުގައި ނެގި ވޯޓެއްގައި، ރިޕަބްލިކް އޮފް ޗައިނާ (ޓައިވާން)، އދ. އިން ވަކިކުރިއެވެ. އޭގެ ބަދަލުގައި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ (މިހާރުގެ ޗައިނާ)އަށް، އދ.ގެ މެމްބަރުކަން ދިނެވެ.

ޓައިވާނަކީ ޤައުމެއްގެ ގޮތުގައި މިހާރު ބަލައިގަންނަނީ އެންމެ 13 ޤައުމަކުންނެވެ.

ބެއިޖިންއާ އެކު ރަސްމީ ޑިޕްލޮމެޓިކް ގުޅުން އެމެރިކާއިން ޤާއިމްކޮށްފައި ވަނީ 1979ވަނަ އަހަރު ރައީސް ޖިމީ ކާޓަރގެ ޒަޢާމަތުގައެވެ. އަދި އެ އަހަރު އެމެރިކާއިން ޓައިވާނާ ގުޅުން ކަނޑައިލައި ޓައިޕޭ އެމްބަސީ ބަންދުކުރިއެވެ.

އެކަމަކު ހަމަ އެ އަހަރު ޓައިވާން ރިލޭޝަންސް އެކްޓްގެ ނަމުގައި މުއާހަދާއެއް ފާސްކޮށް، އެމެރިކާއިން ޓައިވާނަށް ހަތިޔާރު ވިއްކޭ ގޮތް ހެދިއެވެ. ތައިޕޭގައި ނުރަސްމީ ގޮތެއްގައި އެމެރިކާއިން ހަރަކާތްތެރި ވަނީ ޓައިވާންގެ އެމެރިކަން އިންސްޓިޓިއުޓް މެދުވެރިކޮށެވެ.

ނާޒުކު ގުޅުމެއް؛ ބޭނުންވަނީ އެއް ޗައިނާގެ ސިޔާސަތު

1949ގެ ފަހުން ޗައިނާއާއި ޓައިވާންގެ ގުޅުން ރަނގަޅުވާން ފެށީ 1980ގެ އަހަރުތަކުގައެވެ. އެއަހަރުގައި ޓައިވާނުންނާއި ޗައިނާއާ ދެމެދު ވިޔަފާރީގެ ގުޅުންތައް ޤާއިމް ކުރެވުނެވެ. ޗައިނާގެ އޭރުގެ މަޤްސަދަކަށްވީ، ޓައިވާނާއެކު ގާތް ގުޅުމެއް އުފައްދާ، އިޤްތިޞާދީ ގޮތުން ޓައިވާނަކީ ޗައިނާގެ އަޅެއްގެ ގޮތުގައި ހެދުމެވެ.

ޓައިވާނާއި ޗައިނާގެ ގުޅުން ދެން ގޯސްވީ، 2000 ވަނަ އަހަރުއެވެ. އެ އަހަރު ރައީސް ކަމަށް އިންތިޚާބުވި، ކޭއެމްޓީއަށް ނިސްބަތް ނުވާ ޓައިވާންގެ ފުރަތަމަ ރައީސް ޗެން ޝޫ-ބިއަން ފާޅުގައި ޓައިވާންގެ މިނިވަންކަމަށް ގޮވައިލެއްވިއެވެ.

ޗެން 2004ވަނަ އަހަރު އަލުން އިންތިޚާބުވެވަޑައިގެންނެވިތާ އެއް އަހަރު ފަހުން، ޗައިނާއިން ވަނީ ޓައިވާނާ ދެކޮޅަށް "ސުލްހަވެރި ނޫން ވަސީލަތްތައް" ބޭނުންކުރުމުގެ ހައްގު ޗައިނާއަށް ލިބިގެންވާ ކަމަށް ބުނެ، ގާނޫނެއް ފާސްކޮށްފައެވެ. މި ޤާނޫން ފާސްކުރީ ޓައިވާނުން ވަކިވެ ގަންނަނީ ކަމަށް ބުނެއެވެ.

ޗެންއަށް ފަހު ވެރިކަމާ ދެން ހަވާލުވެ ވަޑައިގަތީ، މަ ޔިންގް-ޖެއޫ. 2008ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އިޤްތިޞާދީ އެއްބަސްވުންތަކެއްގެ ތެރެއިން ޗައިނާއާ އެކު އޮންނަ ގުޅުން ރަނގަޅުކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވިއެވެ.

އޭގެ އަށް އަހަރު ފަހުން 2016ވަނަ އަހަރު ޓައިވާންގެ މިހާރުގެ ރައީސް އިންތިޚާބުވިއެވެ. އެކަމަނާއަކީ ޗައިނާގެ ކިބައިން ރަސްމީ ގޮތުން މިނިވަންކަން ލިބުމަށް މަސައްކަތް ކުރާ ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީ (ޑީޕީޕީ)ގެ ލީޑަރެވެ.

ޓްސައި އިންގް-ވެން | އޭނާދަނީ ޓައިވާންގެ މިނިވަންކަމަށް ވަކާލާތު ކުރައްވަމުން

ދޫކުރުމުގެ ސިޔާސަތެއް ނެތް؛ ބޮޑު ހަނގުރާމައަކަށް ގޮސްފާނެ

1911ވަނަ އަހަރުގެ ތެރޭގައި ޗައިނާގައި އޮތް ރަސްކަމާ ދެކޮޅަށް ފެށި ޝިންހާއި އިންޤިލާބަށް 110 އަހަރުފުރުން ފާހަގަކުރުމަށް 2021 ވަނަ އަހަރު، ވެރިރަށް ބެއިޖިންގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ޗައިނާގެ ވެރިކަމުގެ ދަށަށް ޓައިވާން ގެންނަވާނެކަމަށް ވިދާޅުވެފައެވެ.

ޝީ ވިދާޅުވީ ޗައިނާގައި އޮންނަނީ ވަރަށް ފަޚްރުވެރި ތާރީޚެއްކަމަށާއި ވަކިވެގަތުމަކީ ޗައިނާއިން ޤަބޫލުކުރާނެ ސިޔާސަތެ ނޫންކަމަށެވެ. އަދި އެއްވެރިކަމެއްގެ ދަށުގައި ޗައިނާގެ ހުރިހާ ސަރަޙައްދެއް އޮތުމަށް އެންމެ ހުރަހަކަށްވަނީ ޓައިވާނުން ވަކިވެގަތުމަށް ކުރަމުންދާ މަސައްކަމަށް ވިދާޅުވެފައެވެ.

ޝީ މިގޮތަށް ވިދާޅުވެފައިވާއިރު، އެމެރިކާއިން ވެސް ވަނީ ޓައިވާން ދިފާއު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ސީއެންއެންގެ ޕުރޮގުރާމެއްގައި ވާހަކަދައްކަވަމުން އެމެރިކާގެ ރައީސް ޖީ ބައިޑަން ވިދާޅުވީ ޗައިނާގެ ޙަމަލާއަކުން ޓައިވާން ދިފާޢުކޮށްދިނުމަކީ އެމެރިކާއިން ފުއްދަން ޖެހޭ ވަޢުދެއްކަމަށެވެ. ބައިޑަންގެ ވާހަކަފުޅުން ޒަމާނުއްސުރެ ޓައިވާނުގެ މައްސަލާގައި އެމެރިކާއިން ގެންގުޅެމުންދިޔަ ސިޔާސަތުތަކަށް ބަދަލުގެންނަވަން ބޭނުންފުޅުވާކަން ދޭހަކޮށްދޭކަމަށް ތަޖުރިބާކާރުން ބުނެއެވެ. ޓައިވާނަށް އަސްކަރީ ގޮތުން ބޮޑެތި އެހީތަކެއް އެމެރިކާއިން ފޯރުކޮށްދިން ނަމަވެސް ޙަމަލާއަކުން އެ ޤައުމު ދިފާޢުކޮށްދޭނެކަމަކަށް އެމެރިކާއިން މީގެ ކުރިން ބުނެފައެއް ނުވެއެވެ.

ޓައިވާނަކީ ވަކި ޕްރޮވިންސެއްގެ ގޮތުގައި ޗައިނާއިން ދެކޭ އިރު، އެ ޕްރޮވިންސް ބާރުގެ ބޭނުންކޮށްގެން އަލުން ހިފާނެ ކަމަށް ޗައިނާއިން ވަނީ ވައުދުވެފައެވެ. ނަމަވެސް ޓައިވާންގެ ލީޑަރުން ވިދާޅުވަނީ އެކަން ކޮށް ފިނަމަ އެކަން ވެގެންދާނީ އިސްތިއުމާރަކަށް ކަމަށެވެ. އަދި ޓައިވާނަކީ ޕްރޮވިންސަކަށް ވުރެ މާ ސާފުކޮށް ބާރުތަކެއް ލިބިފައި އޮތް ވަކި ދައުލަތެއް ކަމަށް ޓައިވާނުން ދައުވާކުރެއެވެ. ޓައިވާނުގައި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އިންތިޚާބުކުރެވިފައިވާ ލީޑަރުންނާއި، ގާތްގަނޑަކަށް 300،000 އެއްހައި ސިފައިން ހަރަކާތްތެރިވާ އަސްކަރިއްޔާއެއް އޮވެއެވެ.

ޗައިނާގެ އަސްކަރީ ޤާބިލުކަމާއި ހަރުދަނާކަން އިތުރުވަމުން އަންނަ މިންވަރާއި، އެމެރިކާ އަދި ޗައިނާގެ ގުޅުން ހީނަރުވަމުންދާ ދަނޑިވަޅެއްގައި، އެމެރިކާއާއި ޗައިނާއާ ދެމެދު ކުރިމަތިލުމެއް ހިނގުމުގެ ފުރުސަތު ބޮޑުވަމުންދާތީ މަޝްރަޙް ދިރާސާ ކުރައްވާ އިސް ތަޖުރިބާކާރުންދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ. ސަބަބަކީ، ޓައިވާނުގެ "އެއްބައިވަންތަކަން" ހާސިލްކުރުމަށް ބާރުގެ ބޭނުންކުރުމާ މެދު ޗައިނާއިން ފަސް ނުޖެހުމާއި ޗައިނާއިން ހަމަލާދީފި ނަމަ ޓައިވާންގެ ދިފާއުގައި އެމެރިކާއިން ނިކުތުމެވެ. މިފަދަ ކުރިމަތިލުމެއް ހިނގައިފި ނަމަ މުޅި ދުނިޔެ ބޮޑު ހަނގުރާމައަކަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!