ޚަބަރު ޝަރުޢީ ދާއިރާ

ރިޟްވާނާއި ޔާމީންގެ މަރު: ތިން މީހުންގެ ބަންދު ދަމަހައްޓައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރިޟްވާން އަދި ޔާމީން

މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާނާއި, ބްލޮގަރު ޔާމީން ރަޝީދު މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދު ދަމަހައްޓައިފިއެވެ.

Ads by STELCO

މި މައްސަލަތަކުގައި މިދިޔަ ޖޫންމަހުގެ 26 ގައި ހައްޔަރުކޮށް ކޯޓަށް ގެންދިއުމުން ޝަރީޢަތް ނިމެންދެން ބަންދުކުރަން ނިންމީ މއ.ފާގަފިލާގޭ އަޙްމަދު އިސްމާޢީލް (އަހަނދު) އާއި, މ.ލެގޫންވިއު އިސްމާޢީލް ޢަބްދުއްރަޙީމް އާދަމް (އިސޫ) އާއި, ދަފްތަރު ނަންބަރު 8499، އަޙްމަދު މުޢާޒު (ގަޓު މުއާ) އެވެ.

އެ ތިން މީހުންގެ މައްޗަށް ދަޢުވާ އުފުލައި ޝަރީޢަތް ވެސް ވަނީ ފަށާފައެވެ. އިސޫގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދެ ދަޢުވާއެކެވެ. އަހަނދުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދެ ދަޢުވާއެވެ. ގަޓު މުއާގެ މައްޗަށް އުފުލާފައިވަނީ ހަމައެކަނި ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއެވެ.

މިހާތަނަށް މި މައްސަލައިގައި ބޭއްވީ ތިން އަޑުއެހުމެކެވެ. ފުރަތަމަ އަޑުއެހުން ބޭއްވީ ހުޅުވާލައިގެންނެވެ. ނަމަވެސް ދިފާޢުންނާއި ދައުލަތުން އެދިގެން ދެން ހުރި އަޑުއެހުންތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ސިއްރުކޮށްގެންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ އެ މީހުންގެ ބަންދާމެދު ގޮތެއް ކަނޑައަޅުއްވައިފައެވެ. ގާޒީ ނިންމެވީ އެ ތިން މީހުންގެ ބަންދު ދަމަހައްޓާށެވެ.

ރިޟްވާންގެ މަރުގެ މައްސަލައިގައި މީގެ ކުރިން ދެ މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ ކުރިއެވެ. އެއީ ގ.ހިލްޓަން، އާލިފް ރަޢޫފާއި، ގދ.ވާދޫ, ކަރަންކާގޭ މުޙައްމަދު ނޫރައްދީނެވެ.

އެ މީހުންގެ މައްޗަށް ދަޢުވާ ސާބިތުނުވާކަމަށް ކަނޑައަޅައި ޙުކުމްކުރީ 2018 ވަނަ އަހަރުއެވެ.

ޔާމީންގެ މަރުގެ މައްސަލައާއި ގުޅިގެން މީގެ ކުރިން 06 މީހެއްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދަޢުވާ ކުރިއެވެ. ނަމަވެސް ދަޢުވާ ސާބިތުވީ ދެ މީހެއްގެ މައްޗަށެވެ. ބާކީ ތިބި ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފު ކުރިއިރު, ދެން ތިބި ދެ މީހުންގެ މައްޗަށް އެކަށީގެންވާ މިންވަރަށް ހެކި ނެތުމުން، އެ ދެ މީހުންގެ މައްސަލަ އިސްތިއުނާފުކޮށްފައެއް ނުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!