އަޒުހާން ގެއްލުން: ތަޙުޤީޤާމެދު އުފެދޭ ސުވާލުތަކަށް ޖަވާބުދާރީވުމަށް އެމްއާރްއެމްއިން ގޮވާލައިފި
ހުޅުމާލެއިން ގެއްލުނު މުޙައްމަދު އަޒުހާން ހޯދުމަށް ފުލުހުން ހިންގި ތަޙުޤީޤާމެދު ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ކަންބޮޑުވުންތަކާއި ސުވާލުތަކަށް ޖަވާބުދާރީވުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ކަމާބެހޭ މުއައްސަސާތަކަށް މިއަދު ގޮވާލައިފިއެވެ.
ހ.ބޮނޑިކަނދޮޅުގެ މުޙައްމަދު އަޒުހާން, 27, ގެ ހަށިގަނޑުކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ތަޙްޤީޤުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި ފެނިފައިވަނީ އިއްޔެ 17:45 ހާއިރު
ހުޅުމާލޭ ނިރޮޅު މަގު ވޯޓާ ތީމް ޕާކް ކުރިމަތީގަ އޮތް ހުސްބިމުންނެވެ.
އެކަމާ ގުޅިގެން މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން ރޭ އެ ސަރަހައްދުގައި ބޭއްވި ޕްރެސްއެއްގައި ބުނީ ހަށިގަނޑު އޮތީ ''ހައިލީ ޑިކޮމްޕޯސް ސްޓޭޖެއްގައި'' ކަމަށެވެ. އަދި ''މިހާތަނަށް ލިބިފައި ހުރި މަޢުލޫމާތުތަކަށް ބަލާއިރު އެ ބޮޑީއަކީ މުޙައްމަދު އަޒުހާންގެ ބޮޑީއަށްވުމުގެ ފުރުސަތު ބޮޑު'' ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ހަށިގަނޑު ކުނިވެފައިވާތީ ޒަޚަމްތަކެއް ހުރިކަމަށް ބުނަން އަދި ދަތިކަމަށެވެ. އެ މަޢުލޫމާތު ޔަގީން ކުރެވޭނީ ޕޯސްޓް މޯޓަމް ހެދުމުން ކަމަށާއި ޕޯސްޓް މޯޓަމް ހަދަން ނިންމާފައިވާ ކަމަށެވެ.
އެމްއާރްއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަޒްހާންގެ މަރުގެ މައްސަލަ ފުލުހުން "ހޮމިސައިޑް" ތަޙުޤީޤެއްގެ ގޮތުގައި ބަލަމުން އަންނައިރު، އޭނާ ހޯދުމަށް ފުލުހުން ހިންގާފައިވާ ތަޙުޤީޤާމެދު ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމަށެވެ. އެ ގޮތުން އަޒްހާން ގެއްލިގެން ރިޕޯޓު ކުރުމުން އޭނާ ހޯދުމަށް ފުލުހުން އެ ސަރަހައްދު ރަނގަޅަށް ބަލާފާސްކުރިތޯއާއި، އަޒްހާންގެ ހަށިގަނޑު ފެނުނީ އޭނާ ދިރިހުއްޓާ އެންމެ ފަހުން ފެނިފައިވާ ސަރަހައްދާ ކިހާ ކައިރި ސަރަހައްދަކުންތޯއާއި, ހަށިގަނޑު ފެނިފައިވާ ސަރަހައްދު އެންމެ ފުރަތަމަ ފުލުހުން ހޯދީ ކޮން ދުވަހަކުތޯ ސުވާލު އުފެދިފައިވާކަމަށް އެމްއާރްއެމްއިން ބުންޏެވެ.
އެހެންކަމުން މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ހިންގާފައިވަނީ އެންމެ ފުރިހަމައަށްތޯ ބަލައި ދިނުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށާއި ފުލުހުންގެ ބޯޑަށް ގޮވައިލާކަމަށް އެމްއާރްއެމްގެ ބަޔާނުގައި ވެއެވެ.
ރާއްޖޭގެ ސަލާމަތާއި އަމަން އަމާން ކަމާއި ރައްކާތެރިކަން މިވަނީ ގެއްލިފައި ނުންތޯ ؟