ދެ ކޮރެއާ ސުލްހަ ނުވެގެން އުޅެނީ އެމެރިކާއާ ހެދި: ޗައިނާ
ދެ ކޮރެޔާގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރުވެފައި ވަނީ އެމެރިކާގެ އަމަލުތަކުގެ ސަބަބުން ކަމުގައި ޗައިނާއިން ތުހުމަތު ކޮށްފިއެވެ.
އުތުރު ކޮރެޔާއިން ދާދިފަހުން ހެދި މިސައިލް ޓެސްޓަކާ ގުޅިގެން ބޭއްވި އ.ދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޗައިނާއިން އ.ދ.އަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ނައިބު ގެންގް ޝުއަންގް ވިދާޅުވީ ދެ ކޮރެޔާގެ ދެމެދުގައި އުފެދިފައި އޮތް ނުތަނަވަސްކަން އިތުރުވެފައި ވަނީ އެމެރިކާއާއި ދެކުނު ކޮރެޔާ ގުޅިގެން ހިންގަމުންދާ އަސްކަރީ ތަމްރީނުތަކާ ގުޅިގެން ކަމުގައެވެ.
އަދި، އެމެރިކާއަކީ ދެ ކޮރެޔާގެ މެދުގައި ސުލްޙަ ޤާއިމު ކުރަން ކުރަމުންދާ މަސައްކަތްތަކަށް އޮތް "ޒަހަރެއް"ގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ. "އެމެރިކާއިން ދަނީ ދެ ކޮރެޔާގެ މެދުގައި ވަރަށް ބޮޑަށް ތަފާތު ކުރަމުން. އެމެރިކާއިން ވަނީ ދެ ކޮރެޔާ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމުގެ މާހައުލަށް ޒަހަރުލާފައި. އެމެރިކާގެ އަމަލުތަކާ ގުޅިގެން އުތުރު ކޮރެޔާއިން މިސައިލް ޓެސްޓުތަކެއް ހެދުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫން،" ގެންގް ވިދާޅުވިއެވެ.
ގެންގް ވަނީ، ދެ ކޮރެޔާގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލު ކުރެވޭނެ ގޮތަކަށް އ.ދ.ގެ ސަލާމަތީ މަޖިލީހުގެ އަމަލުތައް ބައްޓަން ކުރަން ވެސް ގޮވައިލައްވާފައެވެ. "މި މަޖިލީހުގެ ދައުރަކީ ދެ ފަރާތުން މަޝްވަރާގެ މޭޒަށް އައުމަށް ބާރު އެޅުން. ދެ ޤައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރަށް ގޯސް ކުރުމެއް ނޫން،" ގެންގް ވިދާޅުވިއެވެ. ޗައިނާއަކީ އުތުރު ކޮރެޔާގެ ގާތް އެކުވެރިއެކެވެ. އަދި، އުތުރު ކޮރެޔާއަށް އިޤްތިޞާދީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭ ޤައުމެކެވެ.
އޮކްޓޫބަރު 5ވަނަ ދުވަހު ވެސް އުތުރު ކޮރެޔާއިން ވަނީ ދެ ފަހަރެއްގެ މަތިން ކުރު ރާސްތާގެ ބެލިސްޓިކް މިސައިލް ޓެސްޓުތަކެއް ހަދާފައެވެ. އެއީ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމާ ދިމާކޮށް ހަދާފައިވާ ޓެސްޓުތަކެކެވެ. މިސައިލްތައް ވެއްޓިފައި ވަނީ ޖަޕާން ކަނޑުގެ ސަރަޙައްދަށެވެ. "މި އަމަލުތައް އެއްވެސް ގޮތަކަށް ބަލައެއް ނުގަނެވޭނެ،" ޖަޕާނުގެ ބޮޑުވަޒީރު ފުމިޔޯ ކިޝިޑާ ވިދާޅުވިއެވެ. އަދި ދެކުނު ކޮރެޔާއިން ވަނީ އެ ޤައުމުގެ އަސްކަރިއްޔާ ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ.
އޭގެ ކުރިން އޮކްޓޫބަރު 3ގައި އުތުރު ކޮރެޔާއިން ޓެސްޓު ކުރި މިސައިލް ޖަޕާނުގެ މަތިން ދަތުރު ކުރުމަށް ފަހު ވެއްޓުނީ ޕެސިފިކް ކަނޑުގެ ސަރަޙައްދަށެވެ. މިއީ، އުތުރު ކޮރެޔާއިން މިހާ ދުރު ރާސްތާއަކަށް ދަތުރުކުރާ މިސައިލެއް ޓެސްޓު ކުރި ފުރަތަމަ ފަހަރެވެ.
އުތުރު ކޮރެޔާގެ މިސައިލް ޖަޕާނުގެ ވައިގެ ސަރަޙައްދަށް ވަނުމާ އެކު، އެ ޤައުމުގެ އަސްކަރިއްޔާ ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ. އަދި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ ޤައުމުގެ ރައްޔިތުންނަށް ވަނީ އަމުރު ކޮށްފައެވެ. އުތުރު ކޮރެޔާއިން އެންމެ ފަހުން މި ފަދަ ގޮތަކަށް ޖަޕާނުގެ މަތިން މިސައިލެއް ފޮނުވައިލާފައި ވަނީ މީގެ ފަސް އަހަރު ކުރިންނެވެ.
ދެ ކޮރެޔާގެ މަސްރަޙު ހޫނުވެފައި ވަނީ އެމެރިކާގެ ސަބަބުން ކަމަށް ޗައިނާއިން ބުނުމުން އެމެރިކާއިން ވަނީ އެ ކަމާ ނުރުހުން ފާޅުކޮށްފައެވެ. "އުތުރު ކޮރެޔާއިން ކުރާ ގޯސް ކަންކަމަށް ޗައިނާއާއި ރަޝިޔާއިން ދަނީ ހިތްވަރު ދެމުން. އެ ދެ ޤައުމުން ދައްކާ ވާހަކަތައް ބަލައިގަނެގެން ނުވާނެ. އުތުރު ކޮރެޔާގެ އަމަލުތަކާ ގުޅިގެން އެ ޤައުމާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭ. ދަތި ކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަން ޖެހޭ،" އ.ދ.ގެ ސަލާމަތީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ސަފީރު ލިންޑާ ތޯމަސް-ގްރީންފީލްޑް ވިދާޅުވިއެވެ.
އުތުރު ކޮރެޔާގެ މިސައިލް ޓެސްޓުތަކާ ގުޅިގެން ދެކުނު ކޮރެޔާއާއި ޖަޕާނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމެރިކާއިން ވެސް ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި، އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫ.އެސް.އެސް. ރޮނަލްޑް ރޭގަން ކޮރެޔާއާއި ޖަޕާން ހިމެނޭ ކަނޑުގެ ސަރަޙައްދަށް ފޮނުވަން ނިންމާފައެވެ.
އެ ނިންމުމާ މެދު އުތުރު ކޮރެޔާއިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެ ނިންމުމުގެ ސަބަބުން ދެ ކޮރެޔާގެ ދެމެދުގައި އޮތް ސުލްޙައަށް ނުރައްކާވާނެ ކަމުގައި އުތުރު ކޮރެޔާއިން ބުނެއެވެ. އަދި، އެ ޤައުމާ ދެކޮޅަށް އ.ދ.ގެ ސަލާމަތީ މަޖިލީހުން ބޭއްވި ބައްދަލުވުމަށް ވެސް އުތުރު ކޮރެޔާއިން ވަނީ ފާޑުކިޔުންތައް އަމާޒު ކޮށްފައެވެ.
މި ބައްދަލުވުން ބޭއްވުމަށް ހުށަހަޅާފައި ވަނީ އެމެރިކާއިންނެވެ. އެ ކަމަށް ތާޢީދު ކޮށްފައި ވަނީ އިނގިރޭސި ވިލާތާއި ފަރަންސޭސި ވިލާތާއި އަލްބޭނިޔާއާއި ނޯވޭ އަދި އަޔަލެންޑެވެ. އުތުރު ކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަން އެމެރިކާއިން ވަނީ މޭ މަހުގެ ތެރޭގައި ވެސް މަސައްކަތް ކޮށްފައެވެ. ނަމަވެސް، ޗައިނާއާއި ރަޝިޔާއިން ވަނީ އެމެރިކާގެ މަސައްކަތްތަކަށް ހުރަސް އަޅާފައެވެ.