ޚަބަރު ޝަރުޢީ ދާއިރާ

ދުވާފަރު ކައުންސިލުގެ ބޮޑު ޚިޔާނާތް: ތަޙްޤީޤު ނިންމައި, ދަޢުވާކުރަން މަޝްވަރާކުރުމަށް ޕީޖީއަށް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އޭސީސީގެ މެންބަރުން

ރ.ދުވާފަރު ކައުންސިލުގެ މޮނިޓަރިން ރިޕޯޓުން ފާހަގަވި ކޮރަޕްޝަންގެ މައްސަލައިގެ ތަޙުޤީގަށްފަހު ޑިއުޓީ ޕްރޮސިކިއުޝަންގައި މަޝްވަރާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު ބުނެފިއެވެ.

Ads by STELCO

އޭސީސީން މިއަދު ބުނީ ދުވާފަރު ކައުންސިލުގެ 12 މުވައްޒަފަކު ހިންގާފައިވާ މި މުއާމަލާތްތަކާއި ގުޅިގެން ތަޙުޤީގަށް ހޯދިފައިވާ ކަންކަމަށް ބަލާއިރު މި މައްސަލައިގައި ގިނަ އަދަދެއްގެ ފައިސާގެ މުޢާމަލާތްތަކެއް އުސޫލުތަކާއި ޚިލާފަށް ހިންގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އޭސީސީން ބުނީ މިދިޔަ އޮގަސްޓު 25 އިން ފެށިގެން ސެޕްޓެމްބަރ 08 ވަނަ ދުވަހާ ހަމައަށް އޭސީސީގެ ޚާއްސަ ޓީމަކުން ދުވާފަރުގައި ހަރަކާތެރިވެފައިވާއިރު, 30 ސެޕްޓެމްބަރުގައި މައްސަލައިގެ ތަޙުޤީގު ނިންމާފައިވާ ކަމަށެވެ.

''މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަޝްވަރާއަށް ފޮނުވިފައިވާއިރު މިކަމާ ގުޅިގެން ދައުވާކުރެވޭނެ މީހުންގެ މަޢުލޫމާތު ހިމެނޭހެން އިތުރު ތަފްސީލު މި އޮފީހުން ހާމަކުރަމުން ގެންދާނެކަމުގައި ދަންނަވަމެވެ.'' އޭސީސީން ބުންޏެވެ.

ދުވާފަރު ކައުންސިލު މޮނިޓާ ކުރުމަށްފަހު އެލްޖީއޭއިން އެކުލަވައިލި ރިޕޯޓުގައިވާ ގޮތުން ދުވާފަރު ކައުންސިލުން ސިވިލް ސާރވިސްގެ ގަވާއިދާއި މާލީ އަދި އެހެނިހެން ޤާނޫނުތަކާއި ޤަވާއިދުތަކަށް އަމަލުކޮށްފައެއް ނުވެއެވެ. އަދި ޤާނޫނާ ޤަވާއިދުތަކާ އެއްގޮތަށް އެއްވެސް ލިޔެކިޔުމެއް ބަލަހައްޓާފައެއް ވެސް ނުވެއެވެ. އޭގެ އިތުރުން މާލިއްޔަތު ޤަވާއިދާ ޚިލާފަށް ކައުންސިލުގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންގެ އަމިއްލަ އެކައުންޓުތަކަށް ގިނަ ޢަދަދެއްގެ ފައިސާ ޖަމާކޮށްފައިވާކަމަށް ވެސް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.

އެ ގޮތުން މުދަލު ޒަކާތުގެ ގޮތުގައި ނެރެފައިވާ 318,600 ރުފިޔާ ކައުންސިލުގެ އެސިސްޓެންޓް ޑިރެކްޓަރު މުޙައްމަދު އަލިފުޅުގެ އެކައުންޓަށް ޖަމާކުރި ކަމަށާއި, ފިޠުރު ޒަކާތަށް ބެހުމަށް 54,000 ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި ކައުންސިލު މެންބަރު ޒުހުދާ އާދަމާ ހަވާލުކޮށްފައިވާކަމަށް ރިޕޯޓުގައިވެއެވެ.

ައަދި ކައުންސިލު މެންބަރު މުޙައްމަދު ޝާމުގެ އެކައުންޓަށް 447,837 ރުފިޔާ ޖަމާކުރިކަމަށް ރިޕޯޓުގައިވާއިރު, ކައުންސިލުގެ ނައިބު ރައީސް އިޒްމީލް އަޙްމަދުގެ އެކައުންޓަށް 252,048 ރުފިޔާ އަދި ކައުންސިލު މެންބަރު ޒުހުދާ އާދަމުގެ އެކައުންޓަށް 181,666 ރުފިޔާ ޖަމާކުރިކަމަށް ރިޕޯޓުގައިވެއެވެ.

މީގެއިތުރުން ކައުންސިލު މެންބަރު މުޙައްމަދު ނާޞިޙުގެ އެކައުންޓަށް 165,200 ރުފިޔާއާއި, ކައުންސިލު މެންބަރު އާމިނަތު ޞަލާޙްގެ އެކައުންޓަށް 84,035 ރުފިޔާއާއި, އަންހެނުންގެ ކޮމިޓީގެ ރައީސް އާމިނަތު އަޙްމަދުގެ އެކައުންޓަށް 65,000 ރުފިޔާއާއި, ކޮންޓްރެކްޓް މުވައްޒަފު އަޙްމަދު ޝާމިލުގެ އެކައުންޓަށް 5,000 ޖަމާކުރިކަމަށް ރިޕޯޓުގައިވެއެވެ.

Ads by Ooredoo
  1. ހަނދު ހެންވޭރު

    ބައެއް މީހުން ބޮޑުޚިޔާނާތެއްވިއަސް ދަޢުވާ ކުރާނީތޯ ނޫނީ ނުކުރާނީތޯ، މަޝްވަރާ ތިކުރަނީ ކޮން އުޞޫލަކުންތޯ….ތިޔަބައި މީހުން ތަފާތުކުރުންތައް ދޫކޮށްލާ ހެއްދެވިފަރާތަށް ބިރުވެތިވާނީ ކޮންދުވަހަކުންތޯ…؟