ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ކަންކަން ނިންމަވާނީ ރައްޔިތުންގެ ވިސްނުމާ އެއްގޮތަށްކަމަށް އެ މަނިކުފާނުގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ހަފުތާ ބަންދުގައި ރ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި, ދުވާފަރު ކައުންސިލާއި, އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލު ކުރައްވައި ދެެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތްކުރާ ސަރުކާރެއް ކަމަށެވެ. އެ ގޮތުން ރައްޔިތުންގެ ކަންކަން ސަރުކާރުން ނިންމަވަމުން ގެންދަވާނީ ރައްޔިތުން ބޭނުންވާ ގޮތްތައް ބައްލަވައިގެން, ރައްޔިތުންގެ ޚިޔާލާއެކުގައި ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ނައިބު ރައީސް ވަނީ ރަށްރަށުގެ ތަރައްޤީއަށް ހިންގާ އެންމެ ބޮޑެތި މަޝްރޫޢުތަކުން ފެށިގެން އެންމެ ކުދި ކަންކަން ވެސް ދޫނުކޮށް ސަރުކާރުން ފުރިހަމަ ކޮށްދެއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.
ބައްދަލުވުމުގައި ކައުންސިލުން ވަނީ, ތަޢުލީމީ އަދި ސިއްހީ ދާއިރާއަށް ބޭނުންވާ ވަސީލަތްތަކާއި, އިންސާނީ ވަސީލަތުގެ ދަތިކަން ހިމެނޭކަން ފާހަގަ ކުރައްވައިފައެވެ. މަސްވެރިންނަށް އައިސް ނުލިބުންފަދަ އެކި ދަތިތައް ކުރިމަތިވާކަމާއި, ބޭންކެއްގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ޖަމާޢަތްތެރިން ތަމްރީނުކުރުމަށް ކޯހެއް ހިންގުމަށް ބޭނުންވާކަން ފާހަގަ ކުރައްވައިފައެވެ.
ރައިއްޔަތުންގެ ވިސްނުމަކީ ގައުމު ދަރަނިވެރި ކުރުމަަ ގައުމުގެ ޚަޒާނާ ލޫޓުވުމާ ނުވާވަރުގެ ކަންތައްތައް ކިއައިގެން ސަޅި ކެނޑުމާ ދޮގާމަކަރު ހަދާ އޮޅުވާލައިގެން ކުރީސަރުކާރުން ކޮށްދެއްވާފަހުރި ކަންކަމުގެ މެޑެލި ޖެހުމާ ފާހިޝް ކަންކަން ގައުމުގާ ފެތުރުމާ ގައުމު އަޅުވެތިކުރުންތޯ؟؟ މީތޯ ތިވިދާޅުވާ ރައިއްޔަތުންގެ ވިސްނުމާ އެއްގޮތަށް މި މައްކާރު ސަރުކާރުން ކުރަހާ ތަސައްވުރަކީ؟ ލަދެއްވެސް ހުރިނަމަ މިކަހަލަ އޮޅުވާލުންތަކާ ސަޅިބައިސާތަކެއް ނުކެނޑީސް.