ދުނިޔެ

ސާބަސް ބައިރޫތު! ތި ދެއްކީ ފިސާރި ހިތްވަރެއް!

ދެން އެމްވީ ، ދެން އޮންލައިން

މީގެ ދެ ދުވަސްކުރިން ، ދުނިޔެ ސިއްސުވާލި ޚަބަރަކީ އިސްލާމީ ޙަޟާރަތުގެ އެންމެ ކުރިއަރާފައިވާ އެއް ސަހަރު ކަމަށްވާ ލުބުނާނުގެ ބައިރޫތަށް ދިމާވި ހިތާމަވެރި ހާދިސާއެވެ. ގުދަނެއްގައި ހުރި އެމޯނިއަމް ނައިޓްރޭޓްގެ 2700 ޓަނު ކެމިކަލް ގޮވުމުގެ ސަބަބުން ، މުޅި ބައިރޫތަށް ސިހުން ލިބިގެންދިޔަ ހާދިސާއަކީ ބިރުވެރި ހާދިސާއެކެވެ.

Ads by WAMCO

ހިނދުކޮޅެއްގެ ކަމެއް ނަމަވެސް އެހިނދުކޮޅު ވެގެންދިޔައީ ބައިރޫތު ރައްޔިތުންގެ ޙަޔާތުގައި ދިމާވި އެންމެ ބިރުވެރި އެންމެ ނުރައްކާތެރި ވަގުތު ކޮޅަށެވެ. 150 މޭލު ދުރުގައި އޮތް ސައިޕްރަސްއަށް ވެސް އިވުނު މި ބާރުގަދަ ގޮވުމުގައި 154 މީހުން މަރުވި ކަމަށް ރެކޯޑް ކުރެވިފައިވާއިރު 5000 އަށްވުރެ ގިނަ މީހުންނަށް ގެއްލުން ލިބިފައިވެއެވެ. އަދި 80 އަށް ވުރެ ގިނަ މީހުން ގެއްލިފައިވެއެވެ. ބައިރޫތުގެ މި ބާރުގަދަ ގޮވުމުގެ ސަބަބުން 15 ބިލިއަން ޑޮލަރުގެ އަގު ކުރެވޭ ވަރަށް އިމާރާތްތަކަށް ގެއްލުންވިއެވެ.

ހިނދުކޮޅެއްގެ ގޮވުން ބައިރޫތުގެ ރައްޔިތުން ތަޖުރިބާކުރީ ހިތްދަތި ކޮށެވެ. އެގޮވުމުގައި ބައެއް މީހުން ޖައްވަން ބުރައިގެން ދިޔައިރު ބައެއް މީހުން މަރުވެ ދިޔައީ އިމާރާތްތަކުގެ ދަށުވެއެވެ. އެއްބަޔަކު ކައިވެނީގެ އުފާވެރި ހަފްލާތަކުގައި ހޭދަކޮށް ތިއްބާ ލިބުނު ސިހުމުގައި ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައި ތިބިއިރު އަނެއް ބަޔަކު ތިބީ ގެއްލިފައިވާ އެމީހުންގެ ދަރީން، ގާތްތިމާގެ މީހުން ދިރިތިއްބާ ފެންނާނެ ކަމުގެ އުއްމީދުގައެވެ. މިފަދަ އުއްމީދުތަކަށް ދިރުން ލިބުނީ ހާދިސާ ހިނގިތާ 24 ގަޑިއިރުފަހުން ވެސް އިމާރާތެއްގެ ދަށުން ތުއްތު ކުއްޖަކު ސަލާމަތް ކުރެވުމުންނެވެ.

މުސީބާތާއި ހިތްދަތި ކަމަކީ އިމްތިހާނެވެ. އިންސާނުންނަށް އޮތީ އެ ޙާލަތަށް ވެސް ކެތްތެރިވުމެވެ. އިމްތިހާނުން ފާސްވުމަށް ގަދައަޅާ މަސައްކަތް ކުރުމެވެ. ހިތްވަރުކުރުމެވެ. މިފަދަ ކުއްލި ސިހުމާއި ހިތާމަ ކުރިމަތިވާ ހިނދު ހިތްވަރު ކުރުމަކީ ފަސޭހަ ކަމެއް ނޫން ނަމަވެސް ، ބައިރޫތުގެ ރައްޔިތުން ވަނީ މި ހާދިސާއަށްފަހު ވެސް ނަމޫނާ ދައްކާފައެވެ. ފިސާރި ހިތްވަރު ދައްކާފައެވެ. ބިމާ ހަމަވެފައި އޮތް ބައިރޫތު ސާފުކޮށް ، އަލުން އާ އުއްމީދުތަކާއެކު ދިރިއުޅުން ފަށައިގަތުމަށް އެމީހުން ވަނީ މުޅި ދުނިޔެއަށް ނަމޫނާ ދައްކާފައެވެ. ކުނީގެ ޖަންގައްޔަކަށްވި ބައިރޫތު ދެ ދުވަސްތެރޭގައި ސާފުކޮށް ރައްޔިތުން އެދެއްކި މިސާލަކީ ހަގީގަތުގައި ވެސް ނަމޫނާއެކެވެ.

ބައިރޫތަށް ސާބަހެވެ. ތި ދެއްކީ ފިސާރި ހިތްވަރެކެވެ. ﷲ ތަޢާލާ ތިޔަބައިމީހުންގެ ދިރިއުޅުން ފަސޭހަ ކުރައްވާށިއެވެ.

Ads by Ooredoo
  1. ާއަންޒިމް

    މަރުވެދިޔަ އެންމެން ނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވަވާ އާއިލާއަށް ކެތްތެރިކަން މިންވަރު ކޮށްދެއްވާންދޭ ގެއްލިފައިވާ އެންމެން ހެޔޮހާލުގައި ދިރިތިއްބާ ފެނުމަށް އެދި ދުޢާ ދަންނަވަން ގެދޮރު ގެއްލި މަގުމަތިވެ ހާލުގަ ޖެހުނު ހުރިހާ ރައްޔިތުންނަށް ކެއްތެރިކަން މިންވަރު ކުރައްވާންދޭ އާމީން