ދުނިޔެ

މަސައްކަތް ކުރަނީ ޑިމޮކްރަސީއަށް، އެންމެ ތަންކޮޅެއް ވެސް ފަހަތަށް ނުޖެހޭނަން: ޓައިވާން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޑިމޮކުރަސީ ނަގަހައްޓަން ތައިވާނުގެ ރައްޔިތުން ކުރަމުންދާ އަގުހުރި މަސައްކަތްތައް ހުއްޓައި ނުލެވޭނެ ކަމަށާއި، ފަހަތަށް ނުޖެހޭނެ ކަމުގައި އެ ޤައުމުގެ ރައީސް ސައި އިންގް-ވެން ވިދާޅުވެއްޖެއެވެ. ޗައިނާއަށް އަމާޒުކޮށް އޭނާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މި ވަނީ ތައިވާނުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދެއްވި ތަޤުރީރުގައެވެ.

Ads by Sosun Fihaara

ތައިވާނުން ޗައިނާއާ ވަކިވެފައި ވަނީ 1949ވަނަ އަހަރު ކުރި ހަނގުރާމައަކަށް ފަހުއެވެ. މިނިވަން ދަޢުލަތެއްގެ މަޤާމު ހޯދުމަށް ތައިވާނުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، ޗައިނާއިން ޤަބޫލު ކުރާ ގޮތުގައި ތައިވާނަކީ އެ ޤައުމުގެ ބާރުހިނގާ، އެ ޤައުމުގެ ސަރަޙައްދެކެވެ. ނަމަވެސް، 23 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ތައިވާނުގައި ވެރިކަން ކުރަނީ ވަކި ސަރުކާރަކުންނެވެ. އަމަލު ކުރަނީ ވަކި ޤާނޫނު އަސާސީއަކަށެވެ. ތައިވާނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަނެފައި ވަނީ ވަރަށް މަދު ޤައުމަކުންނެވެ.

ޗައިނާއިން ތައިވާނަށް އަރައި، އެ ޤައުމު ހިފުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތައިވާނުން ދަނީ ތުހުމަތު ކުރަމުންނެވެ. ރައީސް ސައި ވިދާޅުވީ، ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި އެ ޤައުމުގެ ބައެއް ސަރަޙައްދުތައް ހިފި ގޮތަށް، ޗައިނާގައި ވެރިކަން ކުރާ ކޮމިޔުނިސްޓު ޕާޓީން ވެސް އަމަލު ކުރަން މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، އެ ޤައުމަށް ސިފައިން ފޮނުވަން މަސައްކަތް ކުރަމުންދާ ކަމުގައެވެ.

"ޗައިނާގެ ސިފައިން ތައިވާނަށް އަރައި މި ޤައުމުގެ މިނިވަންކަން ނަގައިލުން ވެގެންދާނީ މުޅި ދުނިޔެއަށް ވެސް، އަދި ޑިމޮކުރަސީގެ ނިޒާމަށް ވެސް ލިބޭނެ ވަރަށް ބޮޑު ބައްޔަކަށް. ޗައިނާގެ އަމަލުތަކުގެ ސަބަބުން ތައިވާނުގެ މިނިވަންކަމާއި ސިޔާދަތަށް އޮތް ނުރައްކަލާ މެދު މުޅި ދުނިޔެއިން ވިސްނަން ޖެހޭ،" ސައި ވިދާޅުވިއެވެ.

"ފާއިތުވި 73 އަހަރު ތައިވާނުގެ ރައްޔިތުން ދިރިއުޅެމުން ގޮސްފައި ވަނީ މިނިވަންކަމާ އެކު. އަޅުގަނޑުމެން އުފަންވެ، އުޅެ ބޮޑުވީ މި ފަސްގަނޑުގައި. ތައިވާނުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރަން ޖެހޭނެ ކަމަށް ތައިވާނުގެ ހުރިހާ ރައްޔިތުން ޤަބޫލު ކުރޭ،" ސައި ވިދާޅުވިއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގް ދާދިފަހުން ވަނީ ތައިވާނާ ދެކޮޅަށް ސިޔާސީ، އިޤްތިޞާދީ އަދި އަސްކަރީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި، އޭނާއަކީ ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންގެ ވަރަށް އަރިސް ބޭފުޅެކެވެ. އަދި، ޗައިނާގެ އަސްކަރިއްޔާއަކީ ދުނިޔޭގައި އޮތް އެންމެ ސިފައިންގެ އަދަދު ގިނަ އަސްކަރިއްޔާއެވެ.

ހުސްވި އޮގަސްޓު މަހުގެ ތެރޭގައި އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސާ ނެންސީ ޕެލޯސީ ވަނީ، ޗައިނާއިން ނުރުހުން ފާޅު ކުރަމުންދިޔަ ދަނޑިވަޅެއްގައި، ތައިވާނަށް ވަޑައިގަންނަވާފައެވެ. އެ މައްސަލަ ހޫނުވެ، ޗައިނާގެ އަސްކަރިއްޔާއިން ވަނީ ތައިވާނު ވަށައިލައި، ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ހިންގާފައެވެ.

ޗައިނާއިން ދީފާނެ ހަމަލާއަކަށް ތައްޔާރުވުމުގެ ގޮތުން ތައިވާނުން ދަނީ އަސްކަރީ ބާރުވެރިކަން އިތުރު ކުރަމުންނެވެ. މި ގޮތުން، މިސައިލާއި މަނަވަރުތައް ފަދަ ބަރުހަތިޔާރު އުފެއްދުމުގެ މަސައްކަތް އެ ޤައުމުން ވަނީ ފުޅާ ކޮށްފައެވެ. އަދި، ސިފައިން އިތުރަށް ތަމްރީނު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!