ބޮޑުވަޒީރު ޝަހްބާޒް މައްޗަށް ހިޔާނާތް ސާބިތެއް ނުވި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއި އޭނާގެ ދަރިކަލުންގެ މައްޗަށް 2020 ވަނަ އަހަރު އުފުލި ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ދައުވާ އެ ދެބަފައިންގެ މައްޗަށް ސާބިތު ނުވާ ކަމަށް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
ލާހޫރުގެ ސްޕެޝަލް ސެންޓްރަލް ކޯޓުގެ ފަނޑިޔާރު އިޖާޒް ހަސަން އަވާން އެ ހުކުމް އިއްވަވާފައިވަނީ، ބޮޑުވަޒީރުގެ ގާނޫނީ ޓީމުގެ ކުރިމަތީގައެވެ.
ޝަރީފުގެ އިތުރުން ދައުވާ އުފުލީ ކުރީގެ ބޮޑުވަޒީރު އިމްރާން ހާންގެ ވެރިކަމުގައި ޕަންޖާބު ޕްރޮވިންސްގެ ކުރީގެ ޗީފް މިނިސްޓަރުކަން ކުރެއްވި ހަމްޒާގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ އެތައް މިލިއަން ޑޮލަރެއްގެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތެވެ.
ލާހޫރުގައި ހުންނަ ފެޑެރަލް އިންވެސްޓިގޭޝަން އޭޖެންސީ (އެފްއައިއޭ) އިން ޝަރީފާއި އޭނާގެ ދެ ދަރިކަލުން ކަމަށްވާ ހަމްޒާ އާއި ސުލޭމާންގެ މައްޗަށް ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލީ ނޮވެމްބަރު 2020ގެ ތެރޭގަ އެވެ. އެގޮތުން، 2008 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު އެކައުންޓް ހޯލްޑަރުންގެ އެއްވެސް ނަމެއް ނެތް 28 ބޭންކް އެކައުންޓެއް މެދުވެރިކޮށް ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ލޯންޑާކުރިކަމުގެ ތުހުމަތު އެ މީހުންގެ މައްޗަށް ކުރެއެވެ.
ދައުވާ އުފުލުމަށް ފަހު ސުލޭމާން ވަނީ ލަންޑަނަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. އެއަށް ފަހު އޭނާގެ މައްސަލަ ކުރިއަކަށް ނުގެންދެއެވެ.
ލާހޫރުގެ ސްޕެޝަލް ކޯޓްގައި އޮތް މައްސަލައަކީ "އެއްވެސް އަސާސެއް ނެތް އަދި ސިޔާސީ މަގުސަދެއްގައި" ހިންގި މައްސަލައެއް ކަމަށް ޝާރިފްގެ ގާނޫނީ ވަކީލު އަމްޖަދު ޕަރްވޭޒް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އަލްޖަޒީރާ ނިއުސް އެޖެންސީއަށް ޕީޖީގެ ބަހެއް ލިބިފައި ނުވާ ކަމަށް އެ އެޖެންސީން ބުންޏެވެ.
ޕާކިސްތާނުގައި ޖެހިޖެހިގެން އައި ސަރުކާރުތަކުގެ މެމްބަރުން ވަނީ ސިޔާސީ ވާދަވެރިންނާ ދެކޮޅަށް ގާނޫނީ މައްސަލަތައް ހުށަހަޅައިގެން ސިޔާސީ ވާދަވެރިންގެ ދުވަސް ދުއްްވާލުމަށް މަސައްކަތްކޮށްފައެވެ.
ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ ކޮއްކޮ ޝަހުބާޒު ޝަރީފު ޕާކިސްތާނުގެ ބޮޑުވަޒީރު ކަމަށް ރައްޔިތުންގެ މަޖިލީހުން ހޮވީ މި އަހަރު ކުރީ ކޮޅު އެވެ. އެއީ ބޮޑު ސިޔާސީ ކޯޅުމެއްގެ ތެރެއިން އޭރުގެ ބޮޑުވަޒީރު އިމްރާން ހާން މަގާމުން ދުރުކުރުމަށް ފަހުއެވެ.