ޝާހިލްގެ ފޯނު ހުޅުވިއްޖެ، މަރާލި ސަބަބު ހޯދޭނެ ކަމަށް ބެލެވޭ: ފުލުހުން
ޝިއާއު މަރާލި ކަމަށް ތުހުމަތު ކުރެވޭ އަލީ ޝާހިލްގެ ފޯނު ހުޅުވިފައިވާ ކަމަށާއި އެ ފޯނުގެ އެހީގައި މަރާލި ސަބަބު ހޯދޭނެ ކަމަށް ބެލެވޭ ކަމަށް ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ޝިއާއުގެ ހަށިނޑަށް ދީފައިވާ އަނިޔާތަކަކީ ގަސްތުގައި ދީފައިވާ އަނިޔާތަކެއްކަަމަށާއި ޝިއާއު މަރަށް ހުށަހެޅިގެން ދިޔައީ އެ އަނިޔާތަކުގެ ސަބަބުންކަން ޕޯސްޓްމޯޓަމް ރިޕޯޓުން އެނގިފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ ޝިއާއު މަރާލި ކަމަށް ތުހުމަތު ކުރެވޭ އަލީ ޝާހިލްގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށާއި ޝިއާއު މާރާލި ސަބަބު ދެނެގަތުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށެވެ.
“ޝާހިލްގެ ފޯނު އަޅުގަނޑުމެންނަށް މިހާރު ވަނީ ހޯދިފަ. ފޯނުގެ ޕާސްވޯޑު އިނީޝިއަލް ސްޓޭޖްގަ ނުދޭ. އެކަމަކު ފޮރެންސިކާ، ގުޅުން ހުރި މީހުންނާއެކު ޝާހިލްގެ ފޯނަށް އަޅުގަނޑުމެންނަށް އެކްސެސް ލިބިފަ ވަނީ. މި ހަފްތާ ތެރޭގަ ރިޕޯޓު ލިބުމުން މަރާލި މޯޓިވް އެނގިގެން ދާނެ” ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވީ މިމައްސަލާގައި މިހާތަނަށް 45 މީހަކާއި ސުވާލު ކުރެވިފައިވާކަމަށާއި ޝާހިލްގެ ފަރާތުން މިމަރާއި ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުގައި މާބޮޑު އެއްބާރުލުމެއް ލިބެމުން ނުދާކަމަށެވެ.
ފުލުހުން ވިދާޅުވީ މިމަރާއި ގުޅިގެން މިހާރުވެސް ތަހުގީގް ހިނގަމުންދާއިރު، ތަހުގީގަށް ބޮޑެތި ކުރިއެރުން ލިބިފައިވާކަމަށެވެ.