ޕީޕީއެމްގެ ސަރުކާރެއްގައި ހިންގާ މަޝްރޫޢުތަކުން ކުދިކުދި ރަށްތައް ބީވެގެންނުދާނެ: ރައީސް ޔާމީން
ޕީޕީއެމްގެ ސަރުކާރެއްގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކުން ރާއްޖޭގެ ކުދިކުދި ރަށްތައް ބީވެގެންނުދާނެކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.
ހއ.އަތޮޅުގެ ފަސް ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ތުރާކުނަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ ރިޔާސީ ދައުރެއް ނިމިގެންދިޔައިރު, ޒިޔާރަތް ނުކުރެއްވެވި ހުރި ކުދި ރަށްރަށަށް މިފަހަރު ޚާއްސަ ސަމާލުކަމެއް ދެއްވައިގެން, އެ ރަށްރަށަށް ޒިޔާރަތް ކުރައްވާނެ ކަމަށެވެ. އެ ގޮތުން އެންމެ ފުރަތަމަ ރަށަކަށް ފެނިގެން މި ދިޔައީ ތުރާކުނުކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އާބާދީ ބޮޑުވީމައާއެކީ ބޮޑެތި ރަށްރަށަށް ބޭނުންވާ ކަންތައްތަކަށް އަބަދު ވެސް އިސްކަންދެވޭ ކަމަށާއި, އެއީ ޠަބީޢީކަމެއް ކަމަށެވެ. ނަމަވެސް ދެން އަންނަ ޕީޕީއެމްގެ ސަރުކާރެއްގައި ކުދި ރަށްރަށަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
''ﷲ ގެ ރަޙްމަތާއެކީ މި އަންނަ އަހަރުގެ ރިޔާސީ އިންތިޚާބު އަޅުގަނޑުމެން ދިވެހި ރައްޔިތުން އެދޭ އަޅުގަނޑުމެންނަށް ފަހި ފާގަތި ރިޔާސީ އިންތިޚާބަކަށް ވެގެން ގޮސް މި ފުރުސަތު ﷲ އަޅުގަނޑުމެންނަށް ތަނަވަސްކޮށްދެއްވައިފިނަމަ ކުދިކުދި ރަށްރަށުގަ ނުކުރެވި ހުރި މަސައްކަތްތައް އިސްކަމެއްދީގެން އަޅުގަނޑުމެންގެ ސަރުކާރުން އިރާދަކުރެއްވިއްޔާ ދެން ކުރާނަން.''
''އެއްގޮތަކަށް ވެސް ކުދިކުދި ރަށްރަށަކީ އަޅުގަނޑުމެންގެ ތަރައްޤީގެ މަޝްރޫޢުތަކުން ބީވެގެންދާނެ ރަށްރަށްކަމުގަ ދެކެވަޑައިނުގަތުމަށް ތުރާކުނުގެ ޢިއްޒަތްތެރި ލޮބުވެތި ރައްޔިތުންގެ އަރިހުގަ އަޅުގަނޑު ދަންނަވައިލަން.'' ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގެ މިހާރުގެ ހާލަތުގެ މައްޗަށާއި, މިއަދު ތިއްބެވި ވެރިންގެ ދޯދިޔާކަމާއި, އެ ބޭފުޅުންގެ ދޯހަޅި ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި ކަންކަން ތިލަކޮށްދެއްވައިފައެވެ.