ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް, ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ހއ.ކެލަޔަށް ވަޑައިގެންފިއެވެ.
ހަތަރު އަހަރަށްފަހު މިއަދު އެ ރަށަށް ވަޑައިގަތުމުން ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. ރައީސް ޔާމީން އެންމެ ފަހުން އެ ރަށަށް ވަޑައިގަތީ 2018 ގައެވެ.
ޕީޕީއެމްއިން ބުނެފައިވާ ގޮތުން އެ ރަށުގައި މިރޭ ބާއްވާ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ހއ.އަތޮޅު ފަސް ރަށަކަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް ޔާމީން އިއްޔެ ވަޑައިގަތީ އިހަވަންދުއަށެވެ. އިހަވަންދުއަށް ވަޑައިގެން އެ ރަށުގައި ރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވަނީ ދެން ވެރިކަން ލިބިވަޑައިގެންފިނަމަ ކޮށްދެއްވާނެ ބައެއް ކަންކަން ރައްޔިތުންނާ ހިއްސާކުރައްވައިފައެވެ.
ރައީސް ޔާމީންގެ ދެވަނަ މަންޒިލަކީ ތުރާކުނެވެ. އެ ރަށުގައި މިއަދު މެންދުރު ބޭއްވި ޖަލްސާގައި ވަނީ ޕީޕީއެމްގެ ސަރުކާރެއްގައި ކުދި ރަށްރަށުގެ ތަރައްޤީއަށް ޚާއްސަ އަހަންމިއްޔަތެއް ދެއްވާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.
ރައީސް ޔާމީންގެ މި ދަތުރުފުޅުގައި ދެން ވަޑައިގަންނަވާނީ ދިއްދުއަށާއި ބާރަށަށެވެ.
މިއީ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ރައީސް ޔާމީން ކުރައްވާ ދެވަނަ ދަތުރުފުޅެވެ. މި ދަތުރުފުޅުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި 2023 ވަނަ އަހަރުގެ ޕީޕީއެމްގެ ރިޔާސީ މެނިފެސްޓޯއަށް މަޢުލޫމާތުތައް އެއްކުރުމާއި, ސަރުކާރު ހިންގުމުގެ ދާއިރާއަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން ޚިޔާލު ހޯދުން ހިމެނެއެވެ.