ޕާކިސްތާނަކީ އެންމެ ނުރައްކާތެރި ޤައުމު ކަމަށް ބުނުމުން ޝަހްބާޒް ޝަރީފް ރަތަށް
ޕާކިސްތާނަކީ ނިއުކްލިއަރ ހަތިޔާރުގެ ގޮތުން އެންމެ ނުރައްކާތެރި އެއް ގައުމުކަމަށް ވެދާނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެފައިވާތީ އެކަން ބަލައި ނުގަނެވޭނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވިދާޅުވެއްޖެއެވެ. ޝަހްބާޒް ވިދާޅުވީ ބައިޑަން ވިދާޅުވި އެ ބަސްފުޅަކީ ހަގީގަތެއް ނޫން ކަމަށާއި އެއީ ބަޔަކަށް އޮޅުން ވެސް އަރާފަދަ ބަސްފުޅެއް ކަމުގައެވެ.
ޕާޓީ ބައްދަލުވުމެއްގައި ޖޯ ބައިޑަން މިމޭރުމުން ވާހަކަފުޅު ދެއްކެވުމުން އެކަމާއި ނުރުހުން ފާޅުކުރުމަށް ޕާކިސްތާނުގައި ހުންނަ އެމެރިކާގެ ސަފީރު ވަނީ ޚާރިޖީ ވުޒާރާއަށް ހާޒިރުކުރެވިފައެވެ.
ބައިޑެން ވިދާޅުވި ބަސްފުޅާއި ގުޅިގެން ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރުން ކަމަށް ވާ އިމްރާން ޚާން އާއި ނަވާޒް ޝަރީފް ވެސް ވަނީ ޕާކިސްތާނުގެ ދިފާއުގައި ޓުވީޓް ކުރައްވާފައެވެ. ދެބޭފުޅުން ވެސް ވިދާޅުވެފައިވަނީ ޕާކިސްތާނުގެ ނިއުކްލިއަރ ކޮމާންޑު އެންޑް ކޮންޓްރޯލް ސިސްޓަމަކީ މުޅި ދުނިޔޭގައި ވެސް ވާ އެންމެ ރައްކާތެރި، އެންމެ ހިމާޔަތް ކުރެވިފައިވާ އެއް ސިސްޓަމް ކަމުގައެވެ. އަދި ދެބޭފުޅުން ވެސް ވިދާޅުވެފައިވަނީ ޕާކިސްތާނަކީ ޒިންމާދާރު ނިއުކްލިއަރ ދައުލަތެއް ކަމަށާއި އަމިއްލަ ގައުމިއްޔަތާ އިސްތިޤްލާލް ހިމާޔަތް ކުރުމުގެ ގާބިލުކަން ލިބިފައިވާ ގައުމެއް ކަމުގައެވެ.
ފާއިތުވި ދިހަވަރަކަށް އަހަރުތެރޭ ޕާކިސްތާނުން ވަނީ އިގްތިސާދީ އަދި ޑިފެންސް ބޭނުންތައް ފުއްދުމަށް ސަރަހައްދީ "ރަހުމަތްތެރިޔާ" ޗައިނާ އާ ދިމާލަށް ވަރަށް ބޮޑަށް ލެނބިފައެވެ. މިކަމުގެ ނަތީޖާއަކަށް ވީ އެމެރިކާ އާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުންތައް މަޑުމަޑުން ކެނޑެމުން ދިއުމެވެ.
ޕާކިސްތާނާއި އެމެރިކާއާ ދެމެދު އޮތްގުޅުންތައް އެންމެ ބޮޑަށް ގޯސްވެގެން ދިޔައީ ތާލިބާން ހަގުރާމަވެރިންނަށް ޕާކިސްތާނުން ހިމާޔަތް ދޭކަމަށް އެމެރިކާއިން ކުރާ ތުހުމަތުތަކާ ގުޅިގެންނެވެ. ޕާކިސްތާނުން ތަކުރާރުކޮށް މިކަން އަންނަނީ ދޮގު ކުރަމުންނެވެ.
ބޮޑުވަޒީރު އިމްރާން ޚާން މަގާމުން ދުރު ކުރެވުނީ މަޖިލީހުގައި ނެގުނު އިތުބާރު ނެތް ކަމުގެ ވޯޓަކުންނެވެ. އިމްރާން ޚާން ވިދާޅުވަމުން ގެންދަވަނީ އެމަކުގެ ފަހަތުގައި އެމެރިކާގެ އަތެއް ވާކަމުގައެވެ.