ބައިނަލްއަޤުވާމީ ޝެފުންގެ ދުވަސް 2022 ފާހަގަކޮށްފި
މިއަހަރުގެ ބައިނަލްއަޤުވާމީ ޝެފުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހި ޝެފުންގެ ޖަމްޢިއްޔާ، ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް) ގުޅިގެން ހާއްސަ ހަރަކާތްތަކެއް ބާއްވައިފިއެވެ.
ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤުވާމީ ޝެފުންގެ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރުމުގެ މަޤްސަދަކީ ކެއްކުމުގެ ފަންނުގެ ޚިދުމަތްތެރީންގެ އަގު ވަޒަންކޮށް، އެ ފަންނު ކުރިއަރުވައި އަންނަން ހުރި ޖީލުތަކަށް އެ ފަންނު ފޯރުކޮށްދިނުމެވެ.
މި އަހަރުގެ ބައިނަލްއަޤުވާމީ ޝެފުންގެ ދުވަހުގެ ތީމްއަކީ "ގްރޯވިންގް އަ ހެލްތީ ފިއުޗާ" ނުވަތަ ދުޅަހެޔޮ މުސްތަޤުބަލެއް އާލާކުރުމެވެ. މި ތީމް މެދުވެރިކޮށް ފޯރުކޮށްދޭ މެސެޖަކީ އަންނަން ހުރި ޖީލުތަކަށް ދުޅަހެޔޮ އަދި ދެމެހެއްޓެނިވި ދުނިޔެއެއް ކަށަވަރުކޮށްދިނުމެވެ.
މި ދުވަސް ފާހަގަކުރުމުގެ ގޮތުން ސީޖީއެމްއާއި އެފްއެޗްޓީއެސް ގުޅިގެން ކެންގަރޫ ކިޑްސް ޕްރީސްކޫލުގެ 900 ދަރިވަރުންނާއެކު ޚާއްސަ ހަރަކާތްތަކެއް މިއަދު ވަނީ ބާއްވާފައެވެ. މި ހަރަކާތުގައި 3 ސެޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ.
އެގޮތުން ހެލްތީ އީޓިންގް ނުވަތަ މިންހެޔޮކޮށް ކެއުމާ ބެހޭ ސެޝަނަކަށާއި, އާޓްސް އެންޑް ކްރާފްސް ސެޝަނެއްގެ އިތުރުން މިންހެޔޮކޮށް ކެއުން ތައްޔާރުކުރުމަށް ބާރުއެޅުމުގެ ގޮތުން ތަރުކާރީ ބޭނުންކޮށްގެން އޮމްލެޓް ހަދަން ދަސްކޮށްދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ.
މީގެ އިތުރުން ވެސް ބައިނަލްއަޤުވާމީ ޝެފުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ މެމްބަރުން ދަނީ ފާހަގަކޮށްލެވޭ އެކިއެކި ހަރަކާތްތައް ބާއްވަމުންނެވެ. އެގޮތުން ރޯޔަލް އައިލެންޑް ރިސޯޓުގެ ޝެފުން މި ހަފްތާގައި އެ ރިސޯޓުގައި ހާއްސަ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ.