ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހުނަރުދައްކާލަން މައުރަޒެއް

ރައުފާ ރަޝީދު ، ދެން އޮންލައިން
2019ވަނަ އަހަރު ބޭއްވި “ރިވެލި އެވޯޑް” ރަސްމިއްޔާތުގެ ތެރެއިން-

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތަކާއި އެ ހުނަރުތައް ދައްކާލާ، ހިތްވަރުދީ، ކުރިއެރުވުމުގެ މަޤުސަދުގައި ބާއްވާ “ރިވެލި ތަރި” މައުރަޒަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

Ads by Hajj Corporation

"ރިވެލި ތަރި"ގެ މައިގަނޑު މަޤުޞަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ތެރެއިން އެކި ދާއިރާތަކުން ހުނަރުވެރިން ކުރަމުން އަންނަ މަސައްކަތާއި އުފެއްދުންތައް ދައްކާލުމާއި، އެފަރާތްތަކުގެ މަސައްކަތާއި އުފެއްދުންތައް ކުރިއަރުވާ މާކެޓު ކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި ގާބިލުކަމުގެ މައުލޫމާތު ފުޅާ ދާއިރާއެއްގައި ފަތުރައި އަދި ނުކުޅެދުންތެރިކަން ހުންނަ ޒުވާނުންގެ ތެރެއިން މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެކަމަށް ހިތްވަރުދީ މަގުފަހިކޮށްދިނުމެވެ.

މި މައުރަޒަށް ކުރިމަތިލާނީ “ރިވެލި ތަރި” މައުރަޒަށް ހުށަހަޅާ ފޯމުންނެވެ. މައުރަޒަށް ހުށަހަޅާ އެޕްލިކޭޝަން ފޯމް އަދި ކޮންސެޕްޓް ނޯޓް މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް، ސީޓްރެކް ބިލްޑިންގް (7ވަނަ ފަންގިފިލާ) ގެ ކައުންޓަރުންނާއި، މި މިނިސްޓްރީގެ ވެބްސައިޓް www.gender.gov.mv އަދި މިނިސްޓްރީގެ ދަށުން އަތޮޅުތެރޭގައި ޤާއިމް ކުރެވިފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުން ލިބެން ހުންނާނެކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ފޮނުވުމަށް ހަމަޖެހިފައިވަނީ [email protected] މެއިލަށެވެ. “ރިވެލި ތަރި” މައުރަޒަށް ކުރިމަތިލުމުގެ އެންމެފަހު ތާރީޚަކީ މިމަހުގެ 30 ވާ އާދީއްތަ ދުވަހުގެ 14:00 ކުރިންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!