އިމްރާން ޚާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ޕާކިސްތާނުގެ އިލެކްޝަންސް އިން ނިންމައިފި
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ކަނޑައަޅައި، ޕާލަމެންޓުގެ މެމްބަރުކަމުން އިމްރާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަންގެ އިއްތިފާގުން ނިންމައިފިއެވެ.
އިމްރާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީން ވަނީ ހުކުރު ދުވަހުގެ ހުކުމް ޤަބޫލު ނުކުރާ ކަމަށް ބުނެފައެވެ. އަދި އެ މައްސަލަ އިސްލާމްއާބާދު ހައި ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ބުނެ ސަޕޯޓަރުން މަގުމައްޗަށް ނިކުތުމަށް ވަނީ ގޮވާލައިފައެވެ.
ޕާކިސްތާނު މުސްލިމް ލީގް ނަވާޒް (ޕީއެމްއެލްއެން) ގެ މެމްބަރަކު އިމްރާންގެ މައްޗަށް ދައުވާ ކުރީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި، ކުރީގެ ބޮޑުވަޒީރު ދައުލަތުގެ ގިފްޓް ޑިޕޮސިޓަރީ އިން ބޭރުގެ އިއްޒަތްތެރިން ދެއްވި ހަދިޔާތައް ގަތް ކަމަށާއި ނަމަވެސް ކޮމިޝަނަށް ހުށަހަޅާފައިވާ ޑިކްލަރޭޝަންތަކުގައި ހުރި އެސެޓްތައް ހާމަކޮށްފައި ނުވާ ކަމަށް ބުނެއެވެ.
އެ ހުކުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީޓީއައިގެ ލީޑަރު ފަވާދު ޗައުދަރީ ވިދާޅުވީ ކޮމިޝަނުގެ ނިންމުމަކީ ލަދުވެތި އަދި ޕާކިސްތާނުގެ ރައްޔިތުންނަށް ހުތުރު ނިންމުމެއް ކަމަށެވެ.
"މި ހުކުމަކީ ހަމައެކަނި އިމްރާނަށް ދިން ހަމަލާއެއް ނޫން. އެއީ ޕާކިސްތާނުގެ ގާނޫނު އަސާސީއަށާއި އެގައުމުގެ ރައްޔިތުންނަށް ދިން ހަމަލާއެއް،" އޭނާ ވިދާޅުވިއެވެ.
އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިގެން މިދިޔަ އޭޕްރީލް މަހު މަގާމުން ދުރުކުރި އިމްރާން ވަނީ އެ ކޮމިޝަނުގެ ލީޑަރު ސިކަންދަރު ސުލްތާން ރާޖާ އާއި އޭނާގެ ޕާޓީއާ މެދު ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެފަ އެވެ.