ޚަބަރު ޝަރުޢީ ދާއިރާ

އަރުޝަދު ދޫކޮށްލި މައްސަލަ ސްޕްރީމް ކޯޓުން ބަލައިގެންފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އަރުޝަދު ޚާލިދު

ޑްރަގް މައްސަލައެއްގައި ޝާމިލްވާ އެންމެ އިސް މީހާކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ޚާލިދު ހައްޔަރުކުރުމާ ގުޅޭ ގޮތުން ހައިކޯޓުން ނެރުނު ޢަމުރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިސްތިއުނާފުކުރުމުން ސްޕްރީމް ކޯޓުން އެ މައްސަލަ ބަލައިގެންފިއެވެ.

Ads by STELCO

އަރުޝަދަކީ 2020 ވަނަ އަހަރު ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 09 ކިލޯގެ ޑްރަގް މައްސަލައިގެ އެންމެ އިސް މީހާ ކަމަށާއި, މިދިޔަ އަހަރުގެ ޑިސެމްބަރުގައި ފުލުހުން އަތުލައިގަތް 119 ކިލޯގެ ޑްރަގް މައްސަލައިގެ އެންމެ އިސް މީހާކަމަށް ފުލުހުން ތުހުމަތު ކުރެއެވެ.

09 ކިލޯގެ މައްސަލައިގައި 08 މީހަކަށް ދަޢުވާ އުފުލިއެވެ. ނަމަވެސް އަރުޝަދު ހިމެނޭހެން ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ދަށު ކޯޓުން ޙުކުމް ކުރުމުން ދައުލަތުން އެ ޙުކުމް ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.

އެ ގޮތުން އަރުޝަދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހައިކޯޓުން އޮތީ ޢަމުރު ނެރެފައެވެ.

އަރުޝަދު ދުބާއީގައި އުޅުމަށްފަހު މި މަހުގެ 10 ވަނަ ދުވަހުގެރޭ ރާއްޖެ އައުމާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެ މައްސަލާގައި ހައިކޯޓަށް ހާޒިރުކުރުމަށެވެ. ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރި ނަމަވެސް ވަގުތު ހަމަވުމުގެ ކުރިން ފުލުހުން ވަނީ އަރުޝަދު ބަންދުން ދޫކޮށްލައިފައެވެ.

އެ ގޮތުން އަރުޝަދު ހައިކޯޓަށް ހާޒިރުވެފައިވަނީ ބަންދުގައި ހުރި މީހެއްގެ ގޮތުގައެއް ނޫންކަމަށް ހައިކޯޓުން ބުނެފައިވެއެވެ. އެހެންވެ ހައިކޯޓުން ނިންމީ އަރުޝަދުގެ ބަންދާމެދު ގޮތެއް ނުނިންމޭނެ ކަމަށެވެ. ނަމަވެސް ނިންމީ އަރުޝަދުގެ ޕާސްޕޯޓު ހިފަހައްޓަންޖެހޭ ކަމަށެވެ.

ހައިކޯޓުގެ ނިންމުން އިސްތިއުނާފުކުރަން ސްޕްރީމް ކޯޓަށް ހުށަހެޅުމުން މިދިޔަ ބުރާސްފަތި ދުވަހު އެ ކޯޓުން ވަނީ މައްސަލަ ބަލައިގެންފައެވެ.

އަރުޝަދު ބަންދު ދޫކޮށްލުމަށް ނިންމި ފުލުސް އޮފިސަރުންގެ މައްސަލަ ބެލުމަށް ދައުލަތުންވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ޕޮލިސް ބޯޑަށް ވެސް ހުށަހަޅައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!