ޚަބަރު ސިޔާސީ

ހަނިމާދޫ އެއާޕޯޓު ބޮޑުކުރަނީ އިންޑިއާގެ އަސްކަރީ ޖެޓް ފަހަރު ޖައްސަން: ރައީސް ޔާމީން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް ޔާމީން. ފޮޓޯ: ޕީޕީއެމް

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރަނީ އިންޑިއާގެ އަސްކަރީ ޖެޓް ފަހަރު ޖައްސައި ހެދުމަށްކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް, ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ނޫނު އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގަތުމަށް މިއަދު ފެށްޓެވި ދަތުރުފުޅުގައި ކެނދިކުޅުދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ ހަނިމާދުއަކީ ދިވެހި ސަރުކާރުގެ ބާރު ހިނގާ ތަނެއް ނޫން ކަމަށާއި, ހަނިމާދުއަކީ ކުރިއަށް އޮތް ތަނުގައި ދިވެހި މަދަނީ ވައިގެ ދަތުރުފަތުރަށް ވެސް ލިބޭނެ ތަނެއް ނޫން ކަމަށެވެ. އަދި އިންޓަނޭޝަނަލް އެއާޕޯޓެކޭ ކިޔާފައި ހަނިމާދޫ އެއާޕޯޓު ބޮޑުކުރަނީ އިންޑިއާގެ އަސްކަރީ ޖެޓް ފަހަރު ޖައްސައި ހެދުމަށްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

''އިންޓަނޭޝަނަލް އެއާޕޯޓެކޭ ކިޔާފަ ހަނިމާދޫ އެއާޕޯޓު ބޮޑުކުރަނީ ތިން ކިލޯ މީޓަރުން ތިން ހާސް މީޓަރަށް އެއީ އަސްކަރީ ޖެޓް ފަހަރު ޖައްސާ ނަގަން ތައްޔާރުކުރަމުންދާ އެއާޕޯޓެއް. އެއީ މަދަނީ އުދުހުންތަކަކަށް ބޭނުންވާވަރުގެ އެއާޕޯޓެއް ނޫން. އެއީ އިންޑިއާގެ އަސްކަރިއްޔާގެ ފުރިހަމަ ބާރުގެ ދަށުގަ އޮތް އެއާޕޯޓެއް.''

ހަނިމާދޫ އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ހިންގަން ހަމަޖެހިފައިވާ މަޝްރޫޢުއެކެވެ. އެ މަޝްރޫޢުގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކޮށްފައެވެ. މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާއެވެ. އެއީ 136.6 މިލިއަން ޑޮލަރަށެވެ.

މި މަޝްރޫޢުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.46 ކިލޯ މީޓަރުގެ އާ ރަންވޭއަކާއި, އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރުގެ ޒަމާނީ އާ ޓާމިނަލެއް ވެސް ހަދާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!