ރަޝީދުގެ މަރު: ''އިންސާފުވެރިކަމާއެކު ތަޙްޤީޤުކުރެވިދާނެ ކަމަކަށް އިތުބާރެއް ނުކުރަން''
މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގދ.ހޯޑެއްދޫން ހައްޔަރުކުރިި އެ ރަށު ޢަބްދުﷲ ރަޝީދު (މާޓީ) ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި މައްސަލަ ފުލުހުންނަށް އިންސާފުވެރިކަމާއެކު ތަޙްޤީޤުކުރެވިދާނެ ކަމަކަށް އިތުބާރެއް ނުކުރައްވާކަމަށް ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއިން ރޭ ނ.ހޮޅުދޫގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ހޯޑެއްދޫގައި މަރުވެގެން އެ އުޅެނީ ޕީޕީއެމް ސްޓިއަރިންގ ކޮމިޓީގެ ރައީސް ޢަބްދުﷲ ރަޝީދު ކަމަށާއި, ޕީޕީއެމް/ޕީއެންސީއިން ''މި ވާހަކަ ދައްކަން ޙައްޤު އެބައޮތް'' ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އެ މައްސަލަ ބެލެންވާނެ ކަމަށެވެ.
''އިމްރާން ޢަބްދުﷲ އެބަ ވިދާޅުވޭ މި މައްސަލަ ބެލޭނޭ. އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ ފުލުހުން ތަޙްޤީޤުކުރާ މައްސަލަތަކާ އަދި އަމުދުން މިކަހަލަ މަރުގެ މައްސަލަތައް ދިޔައިމަ އަޅުގަނޑުމެން އިތުބާރެއް ނުކުރަމޭ އެ މައްސަލަ އެ ބޭފުޅުންނަށް މިނިވަންކަމާއި އިންސާފުވެރިކަމާއެކު ތަޙްޤީޤުކުރެވިދާނެ ކަމަކަށް. ބައެއްގެ އަތުން އެކަހަލަ ކަމެއް ދިމާވީ އިއްތިފާގަކުން ކަމަށްވެދާނެ. ފިތުރަތުގެ ބަދުނަސީބުކަމަށް ވެދާނެ. އެކަމަކު އެކަމުން ނެއްޓެން މަސައްކަތް ކުރާނެ.އެހެންވީމަ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަކަށް ވެސް ފުލުހުންގެ މުއައްސަސާއަކަށް ވެސް އެކަމެއް ނުކުރެވޭނެ.''
ރައީސް ޔާމީން ވިދާޅުވީ އެއީ ގުދުރަތީ މަރެއްކަމަކަށް ޑޮކްޓަރު ލިޔުމެއް ދެއްވައިފައެެއް ނުވާ ކަމަށެވެ. އަދި ނޫސްތަކުގެ ސުރުޚީއަށް މިކަން އަރައިގެން އުޅޭއިރު ފުލުހުންގެ މުއައްސަސާއަކުން އެކަމަކަށް ޖަވާބުދާރީއެއްނުވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
''ހޯމް މިނިސްޓަރު މި ބުނަނީ މި މައްސަލަ ތަޙްޤީޤު ކުރެވޭނޭ. ތަޙްޤީޤުކުރެވޭކަމަށްވަންޏާ ސަލާމަތް ބުއްދި ހުރި މީހަކު ގަބޫލުކުރާނީ މީކީ ގުދުރަތީ މަރެއް ނޫނޭ. އެހެންނޫނީ ތަޙްޤީޤުކުރާކަށް ނުޖެހޭތާ. ޑޮކްޓަރުގެ ސެޓްފިކެޓާއި އޭނަ އެ ނިޔާވި ގުދުރަތީ މަރަކުންކަމަށްވަންޏާ އެކަން އެ ހިސާބުން އެ ނިމުނީ.''
ތަޙްޤީޤު ކުރާ ވާހަކަ ދެއްކީމާ މިކަމުގައި ގޯސްތަކެއް އެބައުޅޭކަން އެބަ އެނގޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ މިހާރު އެފަދަ ކަންތައްތަކުގަ ކުރާ ތަޙްޤީޤެއް ރައްޔިތުން ބަލައެއް ނުގަންނާނެ ކަމަށެވެ. އެއީ ފުލުހުންގެ ތެރޭގައި ތަޙްޤީޤުކުރެވޭ ފެންވަރާއި ތަޙްޤީޤު ކުރާ ގޮތާއި މި ކަންކަމާ ދޭތެރޭގަ ރައްޔިތުން ތުުހުމަތުކުރާ އެތައްކަމެއް އަބަދުވެސް ހުންނާތީ ކަމަށެވެ.
''މިވަރުކަމެއް ވެދިޔައިމަ ކީއްވެގެންތޯ ރައީސުލްޖުމްހޫރިއްޔާއަށް ބަހެއް ނުބުނެވިގެން މިއުޅެނީ. މިއަށްވުރެ ވަކި ބޮޑުކަމެއް އެބައޮތްތޯ.'' ރައީސް ޔާމީން ސުވާލު އުފެއްދެވިއެވެ.
އިއްޔެގެ ވަގުތެއްގައި ހޯޑެއްދޫ ސްޓިއަރިންގ ކޮމިޓީގެ ރައީސް ޢަބްދުﷲ ރަޝީދު މަރުވީ ފުލުހުން އޭނާ ހައްޔަރުކޮށްގެ ގެންގޮސް ލޯންޗެއްގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާކަމަށް ޢާއިލާއިން ބުނެއެވެ.
ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނީ އޭނާ ހައްޔަރުކޮށްގެން ގެންދިޔައިރު ވެސް އޭނާގެ މެޔަށް ތަދުވާކަމަށް ބުނަމުންދިޔަ ކަމަށާއި, ނަމަވެސް ފުލުހުން މިކަމަށް އެއްވެސް ވަރަކަށް ސަމާލުކަން ދީފައި ނުވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އެތައް އިރެއްފަހުން އޭނާ މަޑަވެލީ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމާއި, ފުލުހުން މި މައްސަލައިގައި ޢަމަލުކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށްކަން ފާހަގަކުރާ ކަމަށެވެ.
ފުލުހުން ވަނީ ރަޝީދު މަރުވި ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހަދަން ނިންމާފައެވެ. މި ހާދިސާއާގުޅޭ މަޢުލޫމާތު އެންއައިސީއާއި އެޗްއާރްސީއެމްއާ ހިއްސާކޮށް ތަޙްޤީޤުކޮށްދިނުމަށް އެދިފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ރަޝީދު މަރުވެފައިވާތީ ޕްރޮފެޝަނަލް ސްޓޭންޑާޑްސްއިން މިހާރު އެކަން ބަލަން ފަށާފައިވާ ކަމަށާއި, ޚާއްސަ ސަމާލުކަމެއް ދީގެން އެ މައްސަލަ ބެލުމަށް ކަމާބެހޭ އިދާރާތަކުގައި ވެސް ދަންނަވާފައިވާނެ ކަމަށެވެ. އަދި މި މައްސަލައިގައި ފުލުހުން އިހުމާލުވެފައިވާނަމަ ނުވަތަ އަނިޔާވެރި އަމަލެއް ހިންގިކަން ސާބިތުވެއްޖެނަމަ އެކަމާ ގުޅިގެން ފިޔަވަޅު އަޅުއްވަން ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.