ދިވެހިންނަށްވުރެ ވަކިން ބޮޑު ނިއުމަތެއްގައި އޮތް ޤައުމެއް ދުނިޔޭގައި ނެތް، އެ ނިއުމަތަކީ އިސްލާމް ދީން: އިމްރާން
ދިވެހިންނަށްވުރެ ވަކިން ބޮޑު ނިއުމަތެއްގައި އޮތް ޤައުމެއް ދުނިޔޭގައި ނެތް، އެއީ އިސްލާމް ދީނުގެ މަތިވެރި ނިއުމަތް ކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާން މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރާއްޖެއިން ދިވެހި ދައުލަތެއްގެ ގޮތުގައި އިސްލާމްދީން ޤަބޫލުކުރިތާ 896 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިއީ ޤައުމެއްގެ ގޮތުގައި އަދި ދައުލަތެއްގެ ގޮތުގައި އެދައުލަތެއްގައި ހިމެނޭ ހުރިހާ ރައްޔިތުންނަށް އެއަށްވުރެ މަތިވެރި ނިއުމަތެއް ނުލިބޭނެ ނިއުތަމެއްކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އަޅުގަނޑުމެންނަކީ މީސްކޮޅު މަދު ކުޑަ ޤައުމެއް ނަމަވެސް, އަދި އިޤްތިޞާދު ކުޑަނަމަވެސް ގޮންޖެހުންތަކާއި, ދަތިތަކާއެކުވެސް އިސްލާމް ދީނުގެ ނިއުމަތަށް ވިސްނައިފިނަމަ އަޅުގަނޑުމެންނަށްވުރެ ވަކިން ބޮޑު ނިއުމަތެއްގައި އޮތް ޤައުމެއް ދުނިޔޭގައި ނެތްކަމަށެވެ. މިނިސްޓަރ ފާހަގަކުރެއްވީ ސައްތައިން ސައްތަ އިސްލާމީ ޤައުމުތައް ދުނިޔޭގައި މަދުކަމެވެ.
"އެހެންކަމުން އެގޮތުގެ މަތީގައި ދެމިތިބުމަށްވުރެ ހެޔޮކަމެއް އަޅުގަނޑުމެންނަށް ނެތް. އެގޮތުގެ މަތީގައި ދެމިތިބުމަށް ކުރިމަތިވެދާނެ ގޮންޖެހުމަކުން ސަލާމަތްވުމަށްވުރެ ވަކިން ބޮޑު މަސައްކަތެއް އަޅުގަނޑުމެން ކުރާކަށް ނެތް." މިނިސްޓަރ ވިދާޅުވިއެވެ.