ހިދާޔަތާއި ދިންނެވުން ހޯދާކަށް ޢަދާލަތު ޕާޓީއަށް ވަންނާކަށް ނުޖެހޭ: ރައީސް ޔާމީން

ކޮންމެހެން ހިދާޔަތާއި ދިންނެވުން ހޯދާކަށް ޢަދާލަތު ޕާޓީއަށް ވަންނާކަށް ނުޖެހޭކަމަށް ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މި މަހުގެ 16 ވަނަ ދުވަހުގެރޭ ޕީޕީއެމްއިން ހއ.އިހަވަންދޫގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ޢަދާލަތު ޕާޓީއަށް ވަދެގެން ނޫނީ ދިންނެވުމާއި ފުއްސެވުމެއް ނުލިބޭނެކަމަށް އެ ޕާޓީ އުފެދިގެން އައިއިރު ހީވި ކަމަށާއި, ނަމަވެސް މިއަދު މި އޮތީ އަނެއްކޮޅަށް ކަމަށް ވިދާޅުވެފައެވެ. އަދި މިހާރު ޢަދާލަތު ޕާޓީއަށް ވަދެއްޖެނަމަ ދިންނެވުމާއި ފުއްސެވުމެއް ނުލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެކަމަށް ރައްދު ދެއްވައި އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޢަދާލަތަށް ވަންނަނީ މީހުންނަށް އަނިޔާކުރުމާއި ވައްކަން ކުރުމަށްނަމަ ތި ވިދާޅުވީ ތެދުފުޅެއް ކަމަށެވެ. ނަމަވެސް ޢަދާލަތަށް ވަންނަނީ އިސްލާމްދީނަށް އުޅެ ދީން މަތިވެރިކޮށް ހެޔޮލަފާ މުއުމިނަކަށްވުމުގެ ނިޔަތުގައި ނަމަ ދިންނަވާ ނަސީބު ލިބޭ މީހަކަށްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީޕީއެމްއިން ރޭ ނޫނު އަތޮޅު މިލަދޫގައި ބޭއްވި ޖަލްސާގައި ޢަދާލަތު ޕާޓީއަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ ދީނީ ޢިލްމުވެރިންގެ ނަމުގައި ބައެއް ބޭފުޅުން ދައްކަވަނީ ދީނީ ވާހަކައެއް ނޫން ކަމަށާއި ދައްކަވަނީ ސިޔާސީ ވާހަކަ ކަމަށެވެ. އަދި ދީނީ މީހުން އައިސް ކޮންމެ ވާހަކައެއް ދެއްކިޔަސް އެއީ އޭގެ ޒާތުގަ ބަލައިގަންނަން ޖެހޭ ވާހަކައެއް ނޫން ކަމަށާއި އެ މީހުންނަކީ ވެސް ސިޔާސީ މަސައްކަތް ކުރާ ބައެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
''އެހެންވީމަ ކޮންމެހެން ހިދާޔަތާއި ދިންނެވުން ހޯދާކަށް ނުޖެހޭ ޢަދާލަތު ޕާޓީއަށް ވަންނާކަށް.'' ރައީސް ޔާމީން ވިދާޅުވިއެވެ.
ހިދާޔަތާދިން ނެވުން ދޯ ކަލޯއާއިއެކު ﷲ ސވ ގެނަންދުޅުގަނެދޮގާމަކަރާހީާލަތް އަދިދިވެހިރާއްޖޭގެ ޖީލެއްނައްތާލުން!