މަޤާމުގެ ދަހިވެތިކަމުގައި ހޯމް މިނިސްޓަރު ޝައިޚު އިމްރާން ކޮންމެފަދަ ކަމެއް ވެސް ކުރައްވަފާނެކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރާއްޖެއާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ އިމުގެ މައްސަލައިގައި ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭފަދަ ނިންމުމެއް މި ސަރުކާރުން މިހާތަނަށް ނިންމާފައެއް ނޯންނާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. އެ ގޮތުން އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ބަޔަކު ކިތަންމެ ނުރުހުނަސް ރައީސް އެ ވިދާޅުވީ ތެެދު ބަސްފުޅެއް ކަމަށް ހެކިވެވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.
އިމްރާންގެ ވާހަކައާ ގުޅިގެން ޝިޔާމް ކުރެއްވި ޓުވީޓެއްގައި ފާހަގަކުރެއްވީ މޭޑޭގައި އިމްރާން ދެއްކެވި ވާހަކަތަކެވެ. އަދި ފަހުން އެކަމާ ގުޅިގެން ދެއްކެވި ވާހަކައެވެ.
ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ މައްސަލައާއި ދީނީ ޢިލްމުވެރިޔާ ޑރ.އަފްރާޝީމް ޢަލީ މަރުގެ މައްސަލައާ ރައީސް ޔާމީނާ ގުޅުވައި އިމްރާން ކަރުދާސްތަކެއް ދެއްކެވީ, ރައީސް ޔާމިނުގެ ސަރުކާރާއި ދެކޮޅަށް 2015 ވަނަ އަަހަރު ބޭއްވި މޭޑޭ މުޒާހަރާގެ ތެރެއިންނެވެ.
ނަމަވެސް އިމްރާން ފަހުން ވިދާޅުވީ އެ ދުވަހުގައި އެއްވެސް ބޭފުޅަކަށް ތުހުމަތުކުރައްވައި ވާހަކަދައްކަވާފައި ނުވާނެ ކަމަށެވެ. އަދި ހަމައެކަނި ވިދާޅުވެފައިވާނީ ރިޟްވާނާއި, ޑރ.އަފްރާޝީމްގެ މައްސަލައަށް ވީ ގޮތް އޭރުގެ ވެރިންނަށް އެނގިވަޑައިގަންނަވާނެ ވާހަކަ ކަމަށެވެ. އަދި އެ ދުވަހުގައި ދެއްކެވި ކަރުދާސްތަކަކީ އޭގެ އަސްލެއް ނޫން ކަމަށާއި, އޭގެ އަސްލު ވާންޖެހޭ ތަނެއްގައި ވާނެކަމަށް ވެސް އިމްރާން ފަހުން ވިދާޅުވިއެވެ.
''ކޮނޑުހުޅުން ނެއްޓޭވަރަށް ކަރުދާސްތަކެއް ހިއްޕަވައިގެން މޭޑޭގައިވެސް ގޮވި މިހުރީ ހެތްކޭ. ޑރ.އަފްރާޝީމް މަރާލުމުގައި ބައިވެރިވީ މިވެނި ބައެކޭ. މަޖިލީހުގައި އެސުވާލު ކުރުމުން ވިދާޅުވީ ކަރުދާސްތައް ޕޮލިހުން އަތުލައިފިޔޭ.'' އިމްރާންގެ ވާހަކަތަކާ ގުޅިގެން ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ އެވަރުގެ ބޭފުޅަކު މަޤާމުގެ ދަހިވެތިކަމުގައި ކޮންމެފަދަ ކަމެއް ވެސް ކުރައްވަފާނެ ކަމަށެވެ.
އިމްރާން މޭޑޭގައި ދެއްކެވި ކަރުދާސްތަކަކީ ނޫސް ޕްރިންޓްތަކެއް ކަމަށް އެނގިފައިވެއެވެ. އަދި އެ ކަރުދާސްތަކަކީ ''ފޭކެއް'' ކަމަށް ޢަދާލަތު ޕާޓީގެ އޮފީހުގައި އެ ޕާޓީގެ މެންބަރުންގެ ގާތުގައި އިމްރާން ވިދާޅުވެފައިވާ ކަމަށް ވެސް އެނގިފައިވެއެވެ.