ޚަބަރު ޝަރުޢީ ދާއިރާ

އަރުޝަދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން ނެރުނު އަމުރު ގޯސް: ސްޕްރީމް ކޯޓު

ރައުފާ ރަޝީދު ، ދެން އޮންލައިން
އަރުޝަދު ޚާލިދު.

ޑްރަގް މައްސަލަތަކެއްގައި ޝާމިލްވާ އެންމެ އިސް މީހާކަމަށް ފުލުހުން ތުހުމަތުކުރާ ގދ.ހޯނޑެއްދޫ/އަލޯރާ އަރުޝަދު ޚާލިދު ބަންދުކޮށްގެން ހައިކޯޓަށް ހާޒިރުކުރުމަށް އަންގައި އެ ކޯޓުން ޢަމުރު ނެރެފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ސްޕްރީމް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.

Ads by MWSC

މި މަހުގެ 10 ވަނަ ދުވަހުގެރޭ އަރުޝަދު ރާއްޖެ އައުމާއެކު ފުލުހުންގެ އޭނާ ހައްޔަރުކުރިއެވެ. ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރި ނަމަވެސް ކޯޓަށް ހާޒިރުނުކޮށް ފުލުހުން އަރުޝަދު ދޫކޮށްލުމުން, އޭނާ ކޯޓަށް ހާޒިރުވެފައިވަނީ ބަންދުގައި ހުރި މީހެއްގެ ގޮތުގައެއް ނޫނެވެ. އެހެންވެ ހައިކޯޓުން ނިންމީ އޭނާގެ ބަންދާމެދު ގޮތެއް ނުނިންމޭނެ ކަމަށެވެ.

އަރުޝަދު ބަންދުކޮށްގެން ހައިކޯޓަށް ހާޒިރުކުރުމަށް އަންގައި ހައިކޯޓުން ނެރުނު ޢަމުރު ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއިރު, އަރުޝަދުގެ ފަރާތުން މައިގަނޑު ތިން ނުކުތާއެއް ފާހަގަކުރިއެވެ.

ފުރަތަމަ ނުކުތާގައި ވަނީ އެފަދަ ޢަމުރެއް ނެރުމުގެ އިޚްތިޔާރު ކޯޓަށް ލިބޭނީ ކޯޓަށް ހާޒިރުވުމުގެ ޗިޓު އޭނާއަށް ރައްދުވެ ނަމަވެސް މަގުބޫލު އުޒުރެއްނެތި ކޯޓަށް ހާޒިރުނުވުމުންކަމަށް ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މާއްދާއެވެ.
އަރުޝަދުގެ ވަކީލު ނޫރުއްސަލާމް ވިދާޅުވީ މިދިޔަ ޖޫންމަހުގެ 07 ވަނަ ދުވަހު ޢަމުރު ނެރުނުއިރު ވެސް އަރުޝަދު ދިޔައީ ހައިކޯޓާ މުޢާމަލާތް ކުރަމުން ކަމަށާއި, އެހެންކަމުން ޤާނޫނުގައި ބުނާފަދަ ހާލަތެއް ވުޖޫދުވެފައެއް ނެތް ކަމަށެވެ.

ދެވަނަ ނުކުތާއަކީ އެފަދަ ޢަމުރެއްގައި ކޯޓަށް ހާޒިރު ކުރަންވީ ވަގުތު އެނގެން އޮންނަންވާނެ ކަމަށް ޝަރީޢަތްކުރުމާބެހޭ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މާއްދާއެވެ. ނޫރުއްސަލާމް ވިދާޅުވީ ޢަމުރުގައި ވަގުތާއި ތާރީޚު ލިޔެފައިނުވާ ކަމަށެވެ.

ހައިކޯޓުގެ މައްސަލަތައް ބަލަންވާނީ އޮނަހިރި ޢަދަދެއްގެ ފަނޑިޔާރުންގެ ބެންޗަކުން ކަމަށްވާއިރު, ތިންވަނަ ނުކުތާއެއްގެ ގޮތުގައި ފާހަގަކުރީ ޢަމުރުގައި އެންމެ ފަނޑިޔާރެއްގެ ސޮއި އޮތުމެވެ.

ސްޕްރީމް ކޯޓުން މިއަދު ބުނީ ކޯޓަށް ހާޒިރުވާން ނެރޭ ފުރަތަމަ ޢަމުރުގައި ވަގުތާއި ތާރީޚު ބަޔާންކޮށްފައި އޮންނަންޖެހޭނެ ކަމަށާއި, ބަންދުގައި މީހަކު ބަހައްޓައިގެން ކޯޓަށް ހާޒިރުވާން އެންގޭނީ ޢަމުރުގައިވާ ތާރީޚާއި ވަގުތަށް އެ މީހަކު ހާޒިރުނުވެ, ކޯޓުގެ ޢަމުރަކަށް ނުކިޔަމަންތެރިވެއްޖެ ހިނދެއްގައި ކަމަށެވެ. އަދި ޖޫންމަހުގެ 07 ގައި ހައިކޯޓުން ނެރުނު ޢަމުރުގެ ކުރިން އަރުޝަދު ހާޒިރުވާން އަންގައި ނެރެފައިވާ ޢަމުރެއް ނެތް ކަމަށާއި, އެހެންކަމުން އެ ޢަމުރު ނެރެފައިވަނީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނާ ޚިލާފަށް ކަމަށެވެ.

މީގެ އިތުރުން މި މަހުގެ 11 ގައި ހައިކޯޓުން ބޭއްވި އަޑުއެހުމުގައި އިސްތިއުނާފު މަރުހަލާ ނިމެންދެން އަރުޝަދު ބަންދުގައި ބަހައްޓަން ޢަމުރު ނުނެެރެ އޮތުމުން ދައުލަތުން ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގައި ވެސް މިއަދު ވަނީ ޙުކުމް އިއްވައިފައެވެ. އަރުޝަދު ބަންދުގައި ބަހައްޓައިދިނުމަށް އެދުމާއި އެކަމަށް ހައިކޯޓުން ގޮތެއް ނިންމަށް އޮތް ފުރުސަތު ދައުލަތަށް މުޅިން ގެއްލިފައިވާކަމަށް ނުބެލެވޭތީ ސްޕްރީމް ކޯޓުން ނިންމީ އެ މައްސަލަ ބޭރުކޮށްލުމަށެވެ.

އަރުޝަދަކީ 2020 ވަނަ އަހަރު ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 09 ކިލޯގެ ޑްރަގް މައްސަލައިގެ އެންމެ އިސް މީހާ ކަމަށާއި, މިދިޔަ އަހަރުގެ ޑިސެމްބަރުގައި ފުލުހުން އަތުލައިގަތް 119 ކިލޯގެ ޑްރަގް މައްސަލައިގެ އެންމެ އިސް މީހާކަމަށް ފުލުހުން ތުހުމަތު ކުރެއެވެ. މީގެ އިތުރުން ވެސް މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި މި މަހުގެ 25 ވަނަ ދުވަހު ވެސް އަރުޝަދު ހައްޔަރުކުރިއެވެ. ނަމަވެސް ބަންދުގައި ބެހެއްޓޭނެ ހެކި ނެތުމުން ކޯޓަށް ހާޒިރުނުކޮށް ބަންދުން ދޫކޮށްލީއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!