ޚަބަރު

އިންޑިއާއިން ގިނަ އަދަދެއްގެ ސިވިލް ސާވެންޓުންނަށް ތަމްރީން ދެނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމްގެ 17 ވަނަ ބެޗްގެ މުވައްޒަފުންގެ ތަމްރީން ޕްރޮގްރާމް ފަށަައިފިއެވެ.

Ads by Hajj Corporation

މި ޕްރޮގްރާމް ފައްޓަވައިދެއްވީ ނޭޝަނަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސްގެ ޑިރެކްޓަރ ޖެނެރަލް ޝްރީ ބާރަތު ލާލްއެވެ.

ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިޔާތުގައި އޭނާވަނީ، ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އިހުސާންތެރިވެ، ޒިންމާދާރުވާން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ހިދުމަތް ފޯރުކޮށްދިނުމާއި ޝަކުވާ ތައް ހައްލުކުރުމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެހެންމެ، ކޮވިޑް-19 ގެ ދުވަސްވަރު ޑިޖިޓަލައިޒޭޝަން އާއި ޑިޖިޓަލް ގަވަނަންސްނަށް އިންޤިލާބީ ބަދަލުތަކެއް އައިކަން ފާހަގަކޮށް، ބަދަލުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ނަސޭހަތްތެރިވިއެވެ.

އޭގެ އިތުރުން، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އެމީހުންގެ ދިރިއުޅުމުގެ ލުއިފަސޭހަކަން އިތުރުކުރުމަށް އެންމެން ވެސް މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް ޝްރީގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ނޭޝަނަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް (އެންސީޖީޖީ) އިން މޯލްޑިވްސް ސިވިލް ސަރވިސް ކޮމިޝަނާއެކު 2024 ވަނަ އަހަރުގެ ނިޔަލަށް 1000 ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ ޤާބިލްކަން އިތުރުކުރުމަށް އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރު ޖޫން މަހު 8 ވަނަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު މާލެ އަށް ކުރެއްވި ދަތުރުފުޅުގައެވެ. މި އެއްބަސްވުމުގެ ދަށުން އެންސީޖީޖީއިން ސިވިލް ސަރވިސް ކޮމިޝަން ޚާއްސަކޮށްގެން ޓްރެއިނިންގ މޮޑިއުލްތައް ފަރުމާކޮށް، އެ މޮޑިއުލްތައް ތަމްރީނުތައް ހިންގާފައެވެ.

މިހާތަނަށް ރާއްޖޭގެ ޕަރމަނަންޓް ސެކްރެޓަރީން ހިމެނޭގޮތަށް މޯލްޑިވްސް ސިވިލް ސަރވިސްގެ 500އަށްވުރެ ގިނަ އޮފިސަރުންނަށް އިންޑިއާގައި ތަމްރީނު ދީފައިވެއެވެ.

ނޭޝަނަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް އަކީ 2014 ވަނަ އަހަރު އިންޑިއާ ސަރުކާރުން އެޤައުމުގެ މަތީ މުއައްސަސާއެއްގެ ގޮތުގައި އުފައްދައި، ޤައުމުގެ އިތުރުން ތަރައްޤީވަމުން އަންނަ އެހެން ޤައުމުތަކުގެ ސިވިލް ސަރވިސް މުވައްޒަފުންގެ ހެޔޮވެރިކަމާއި، ސިޔާސަތުތައް އިޞްލާޙުކުރުމާއި، ތަމްރީނާއި ޤާބިލްކަން އިތުރުކުރުމަށާއި، ތިންކް ޓޭންކެއްގެ ގޮތުގައި ވެސް މަސައްކަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ.

ތަރައްގީވަމުން އަންނަ ގިނަ ގައުމުތަކުގެ ސިވިލް ސާވަންޓުންގެ ކެޕޭސިޓީ ބިލްޑިންގެ މަސައްކަތް އެ ޖަމިއްޔާއިން ވަނީ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްއާ ގުޅިގެން ކުރިއަށް ގެންގޮސްފަ އެވެ. މިހާތަނަށް ބަންގްލަދޭޝް، ކެންޔާ، ޓެންޒޭނިއާ، ޓިއުނީޝިއާ، ސީޝެލްސް، ގެމްބިއާ، ރާއްޖެ، ސްރީލަންކާ، އަފްޣާނިސްތާން، ލާއޯސް، ވިއެޓްނާމް، ބޫޓާން، މިޔަންމާ އަދި ކެމްބޯޑިއާ ފަދަ 15 ގައުމެއްގެ ސިވިލް ސާވަންޓުންނަށް ތަމްރީނު ދީފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!