ޗާގޯސް މައްސަލައިގައި ނަޝީދާއި އަނދުން ހުސައިން ކޯޅުމަކަށް!
ޗާގޯސް މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރު ހުސައިން ވިދާޅުވީ ރީބްރޯޑްކާސްޓް ކުރުމުގެ ކަންކަން ވަކި ބަޔަކަށް ދީފަ އޮންނަ އޮތުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މަޖިލީހުގެ މެމްބަރަކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަޔަކަށް ވިއްކާލި ވާހަކަ އާއި މޮރިޝަސްއިން އިހާންތްތެެރިވި ގޮތާ ގުޅޭ ގޮތުން ވާހަކަ ދައްކާފައިވާ ކަމަށެވެ.
ހުސައިން ވިދާޅުވީ މިފަދަ ވާހަކަތައް ދައްކާއިރު ކަމުގެ ހަގީގަތް ބަލަން ޖެހޭ ކަމަށާއި އެކަމުގެ ސަބަބުބް ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ލިބޭ ފައިދާ އެނގެންޖެހޭ ކަމަށެވެ.
އެ ހިސާބުން އޭނާގެ ވާހަކަ މެދުކަނޑުއްވައިލައްވައި، ރިޔާސަތުން ނަޝީދު ވިދާޅުވީ ހުސައިން ފާހަގަކުރައްވާ ނުކުތާތަކާ ގުޅިގެން ޗާގޯސް މައްސަލައިގެ މައުލޫމާތު އެމަނިކުފާނު އިތުރަށް ސާފުކޮށްދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
”އިއްޒަތްތެރި މެމްބަރު. ތި ފާހަކޮށްދެއްވި ނުކުތާތަކާ ގުޅިގެން އަޅުގަނޑު އިތުރަށް މިކަން އޮތް ގޮތް ފާހަަގަކޮށްދޭނެ ކަން ހަނދުމަފުޅު ކުރައްވާތި. އެހެންވީމާ އިއްޒަތްތެރި މެމްބަރުގެ ނުކުތާއަކީ ގޮތަކަށް ކެމޮފްލާޖް ކުރެއްވުން ކަމަށް ފެނިވަޑައިގަންނަވާ ނަމަ އެ ޕްރޮޖެކްޓް މުޅިން ކާމިޔާބު ނުވާނެ ކަމަށް އަޅުގަނޑު ހަމަ ފާހަގަކޮށްލަން” ރައީސް ނަޝީދު ވިދާޅުވިއެވެ.
މިފަދައިން ރައީސް ނަޝީދު ވިދާޅުވުމުން ހުސައިން ވިދާޅުވީ ކާމިޔާބުނުވާނެ ޕްރޮޖެކްޓަކާ ރައީސް ނަޝީދާ ކުރިމަތި ނުލައްވާނެ ކަމަށެވެ. އަދި ކުރިމަތި ލައިފި ކަމެއް ކާމިޔާބު ކުރައްވާން ކަމަށް ވިދާޅުވިއެވެ.
“ޝުކުރިއްޔާ އިއްޒަތްތެރި ރައީސް. އަދި އެހާމެ މަރުހަބާ. އަޅުގަނޑު ކާމިޔާބުނުވާނެ ޕްރޮޖެކްޓަކާ އިއްޒަތްތެރި ރައީސްއާ ކުރިމަތި ނުލާނެ ކަމުގެ ޔަގީންކަން ދެން. އަޅުގަނޑު ކުރިމަތި ލައިފިއްޔާ އިރާދަކުރެއްވިއްޔާ އެކަމެއް ކާމިޔާބު ކުރާނަން” ހުސައިން ވިދާޅުވިއެވެ.
އެއަށްފަހު އޭނާގެ ވާހަކަ މެދުކަނޑާލުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ މޮރިޝަސްގެ ސިޔާދަތު ޗާގޯސް ރަށްތަކުގެ މައްޗަށް އޮތް ކަމަށް ގަބޫލު ކުރައްވާ ދިވެހި ދަޢުލަތުން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އަދި “ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބިއްޖެ ނަމަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ނުގެއްލޭނެ ގޮތެއް ވިދާޅުވެ ދެއްވައިފި ނަމަ އެއީ ވަރަށް ރަނގަޅު ގޮތެއް” ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ހުސައިން ވިދާޅުވީ ސަރަހައްދުތަކުގެ ގައުމުތަކުގެ ބޯޑަރާ ބައިބަޔަކީ ދިވެހި ރާއްޖެގެ ސަރަހައްދު ކަމުގަ ވާހަކަ ދައްކަން ބޭނުންފުޅު ނުވާ ކަމަށެވެ.
“އަޅުގަނޑަށް ފުރުސަތު ދެއްވީ ތޯ؟ އަޅުގަނޑު މިތާގަ ސަރަހައްދުތަކުގެ ގައުމުތަކުގެ ބޯޑަރާ ބައިބަޔަކީ ދިވެހި ރާއްޖެގެ ސަރަހައްދު ކަމުގަ ވާހަކަ ދައްކާކަށް ނެތިން” ހުސައިން ވިދާޅުވިއެވެ.
ހުސައިންގެ ވާހަަކަ ނުނިމެނީސް ރައީސް ނަޝީދު ވިދާޅުވީ ޗާގޯސް ރަށްތަކަކީ އެއްވެސް ގައުމެއްގެ ސަރަހައްދުގައި ހިމެނޭ ރައްތަކެއްގެ ގޮތުގައި ބައިނަލްއަގްވާމީ އެއްވެސް ތަނެއްގައި ކަނޑައެޅިފައިނުވާ ކަމަށެވެ.
“އަޅުގަނޑު މީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ޖެހޭ މީހާ. ދި ވެހި ރާއްޖޭގެ ސަރަހައްދަކީ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ސަރަހައްދެއް އަދި ރާއްޖޭގެ ގާނޫނުން ކަނޑައަޅާފައިވާ ސަރަހައްދެއް. އަޅުގަނޑު މިކަން އަބަދުމެ ފާހަގަކޮށް އަރުވަން ޖެހޭ” ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅަށް ފަހު ލިބުނު ފުރުސަތުގައި ހުސައިން ވިދާޅުވީ “މި މަޖިލިސް މިހާރު ހިނގަމުން މިދާ ގޮތް ވަރަށް ރަނގަޅުކަމަށް އަޅުގަނޑު ދެކެނީ. އެއީ ސުވާލާ ޖަވާބުގެ ގޮތަަކަށް މެމްބަރުންގެ ފުރުސަތު ބަދަލުވެގެން ދިޔައިމާ” ކަމަށް ހުސައިން ވިދާޅުވިއެވެ.