ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމުގައި ދެކޭނަމަ އެ ވާހަކަ ދުނިޔެއަށް އަޑުއިވޭ ވަރަށް ދައްކަން އެންމެ އެކަށޭނަ ފުރުސަތު ލިބުނީ 2016 އާއި 2017 ގައި ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އިމްރާން ދެއްކެވި ވާހަކައަށް ރައީސް ޔާމީން ޢަބްދުލްޤައްޔޫމު މިރޭ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވަނީ ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމުގައި ދެކޭނަމަ އެ ވާހަކަ ދުނިޔެއަށް އަޑުއިވޭ ވަރަށް ދައްކަން އެންމެ އެކަށޭނަ ފުރުސަތު ލިބުނީ ރައީސް ޔާމީން ވެރިކަމުގައި ކަމަށާއި, މިއަދު ވެސް އެ ވާހަކަ ދައްކަވާ ބޭފުޅުން ފުރިހަމަ ހެކި ގެންނެވުމުން އެންމެން އެ ވާހަކަ ދައްކާންވީ ކަމަށެވެ.
ޕީޕިއެމްއިން މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ އެ ވާހަކަތަކަށް ރައްދު ދެއްވައިފައެވެ.
ރައީސް ޔާމީން ވިދާޅުވީ އެއްވެސް އެއްޗެއް ސާބިތުކޮށްދޭކަށް ނުޖެހޭ ކަމަށާއި, ސާބިތު ކޮށްދޭން ޖެހޭނީ އިމްރާނާއި އިމްރާނު ހިމެނޭ ސަރުކާރެއްގައި ތިބީ މުޅިން ޚިޔާނާތެރިން ކަމަށާއި, ޣައްދާރުންކަން ކަމަށެވެ.
''އަޅުގަނޑު އިމްރާނަށް ދަންނަވައިލަން ބޭނުންވެގެން މި އުޅޭ ވާހަކައަކީ އަޅުގަނޑުމެން އެއްވެސް އެއްޗެއް ސާބިތުކޮށްދޭކަށް ނުޖެހެއޭ. ސާބިތު ކުރަންޏާ ސާބިތު ކޮށްދޭން ޖެހޭނީ އިމްރާނާއި އިމްރާނު ތި ހިމެނޭ ސަރުކާރެއްގަ ތިބީ މުޅިން ޚިޔާނާތެރިންކަން. ޣައްދާރުންކަން. މި އުޅެނީ ދިވެހިރާއްޖޭގެ ތަނެއްތޯ ފޯޅަވަހި ހިމެނޭ ގޮތަށް ޗާގޯސްގެ އަތޮޅުތައް މީ ދިވެހިރާއްޖޭގެ ތަނެއްތޯ ދިވެހިރާއްޖޭގެ މިލްކުވެރިކަމަށް އޮތް ތަނެއްތޯ އަޅުގަނޑުމެން އެކަން ދަޢުވާކުރީކީ ނޫނޭ. އަޅުގަނޑުމެންނަށް މައްސަލަޖެހިގެން މި އުޅެނީ އަޅުގަނޑުމެންގެ އިގުތިސާދީ ސަރަހައްދުން ނެރެ ކަނޑުގެ ސަރަހައްދަށް ފުށުއަރާ ބައެއް އޮވެފަ އެ ފުށުއަރާ ބައިން ބޮޑުބައެއް މޮރިޝަސްގެ އެދުމަށް އަދި އިންޑިއާގެ ފަހަތުގަ އޮވެގެން އެދޭ އެދުމަށް ދޫކޮށްލައިގެން އޮތްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސިޓީގަ ދޫކޮށްލައިފިކަމަށް ގަބޫލުކުރެވޭތީ އެކަމަށް ކުރާ އިހުތިޖާޖު މި ކުރަނީ.''
ރައީސް ޔާމީން ވިދާޅުވި ގޮތުގައި މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާކަމަށް ގަބޫލުކޮށް މިދިޔަ އޮގަސްޓު 22 ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ފޮނުއްވި ސިޓީ އިމްރާނަކަށް ބުނެއެއް ނުދެވޭނެއެވެ.
''އެހެންވީމަ މި އުޅެނީކީ އެއްވެސްކަމެއް ސާބިތުކޮށްދޭކަށް ޖެހިގެންނެއް ނޫން. އެހެންވީމަ އަޅުގަނޑުމެންނާ ޖަދަލުނުކުރައްވާ. ޖަދަލުނުކުރައްވާ. ޖަދަލުކުރައްވަން ޖެހޭނީ ދިވެހި ރައްޔިތުންގެ ކޯޓުގަ. ބުނެދެއްވަބައްލަވާ ސިޓީގަ އޮތީ ކޯއްޗެއްތޯ. އިމްރާނަކަށް ބުނެއެއް ނުދެވޭނެ.''
ޗާގޯސް މައްސަލައިގައި މަޝްވަރާ ނުކުރައްވާކަމަށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްއާރްއެމްއާ ޖޭޕީން ވަނީ ބުނެފައެވެ.
އެކަން އެ ގޮތަށް އޮތް ނަމަވެސް އިމްރާނާ މަޝްވަރާާ ކުރިކަން ގަބޫލުކުރެއްވޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެއީ މިކަމުގެ ދިފާޢުގަ އިމްރާން ތެދުވާތީކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
''ޤާސިމް އެބަ ބުނުއްވާ ތިމަންނައަކާ މަޝްވަރާއެއް ނުކުރެއޭ. ރައީސް މައުމޫން އެބަ ވިދާޅުވޭ ތިމަންނައަކާ މަޝްވަރާއެއް ނުކުރެއޭ. އެކަމު އިމްރާނާ މަޝްވަރާާ ކުރިކަން އަޅުގަނޑަށް ގަބޫލުކުރެވޭ މިހާރު. އެއީ މިކަމުގެ ދިފާޢުގަ އިމްރާން ތެދުވާތީ.
އެހެންވީމަ އިމްރާނަށް ދަންނަވައިލަން ބޭނުންވަނީ ޕީޕީއެމް/ޕީއެންސީގެ ވާހަކަ ރައްޔިތުންގެ ފަރާތުން މި ދައްކަނީކީ އަޅުގަނޑުމެން އެއްވެސް އެއްޗެއް ސާބިތުކުރަން ދައްކާ ވާހަކައެއް ނޫނޭ. މިލްކުވެރިކަން ހޯދަން ދައްކާ ވާހަކައެއް ވެސް ނޫން.''
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރައީސް ޞާލިޙް ސިޓީ ފޮނުއްވީ ޤާނޫނުއަސާސީއާ ޚިލާފަށެވެ. އަދި ޤާނޫނާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވާ ސިޓީއަކަށް އިހުތިރާމެއް ނުކުރައްވާނެ ކަމަށާއި, ކިތަންމެ ކޯފާވިޔަސް ޕީޕީއެމްގެ ވެރިކަމެއްގައި އެ ނިންމުން ބޮލާލައި ޖަހާނެކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.