އެއާ އިންޑިއާ ހާދިސާއާ ގުޅިގެން ރައީސްގެ ތައުޒިޔާ ފޮނުއްވައިފި

އެއާ އިންޑިއާގެ ބޯޓެއް ރަންވޭ މަތިން ކަހާލައިގެން ވެއްޓި ހިނގި ހާދިސާ އާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފި އެވެ.
ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއާ އިންޑިއާގެ ފްލައިޓު ވެއްޓުނު ޚަބަރު އެއްސެވީ ހިތާމައާ އެކު ކަމަށެވެ. އެ ހާދިސާގައި އަސަރުކުރި މީހުންގެ އާއިލާތަކަށް ރައީސް ވަނީ ތައުޒިޔާ ފޮނުއްވާފައެވެ.
ދުބާއީން ފުރައިގެން، އިންޑިއާގެ ކެރެލާ ސްޓޭޓްގެ ކާލިކަޓުގެ އެއާޕޯޓަށް ދަތުރުކުރި އެއާ އިންޑިއާ އެކްސްޕްރެސްގެ ފްލައިޓެއް ރަންވޭ މަތިން ކަހާލައި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ.
191 ފަސިންޖަރުންނާއެކު ދުބާއީ އިން ކެރެލާގެ ކޮޒިކޮޑް އެއާޕޯޓަށް ޖެއްސި ފުލައިޓުން ދަތުރުކުރި މީހުންގެ ތެރެއިން މިހާތަނަށް 18 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި އެ ބޯޓުގެ ދެ ޕައިލެޓުން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.