ޕާކިސްތާނުގެ އިޤްތިޞާދު ހަމައަށް އަޅުވަން އަބަދުވެސް އެހީވާނެ ކަމަށް ޗައިނާއިން ބުނެފި
ޕާކިސްތާނުގެ އިގްތިސާދު ހަމައަކަށް އެޅުމަށް ޗައިނާއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށް ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެއެވެ.
ޗައިނާގެ ރައީސް މިހެން ވިދާޅުވީ، ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ރައީސް ޝީގެ އަރިހަށް ކުރެއްވި ޒިޔާރުގައި ކުރެއްވި މަޝްވަރާގެ ތެރެއިންނެވެ
ޝަރީފް ޗައިނާއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގެ އެންމެ ފަހު ދުވަސް ކަމަށްވާ ބުދަ ދުވަހު ބެއިޖިންގްގެ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި ދެ ލީޑަރުން ބައްދަލުކުރެއްވި އިރު، މިއީ މިދިޔަ އޭޕްރީލް މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު ފުރަތަމަ ފަހަރަށް ކުރެއްވި ދަތުރުފުޅެކެވެ.
ޝީ ވިދާޅުވީ 60 ބިލިއަން ޑޮލަރުގެ އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓެއް ކަމަށްވާ ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕީއީސީ) ތަރައްގީ ކުރުމުގައި ދެ އަވަށްޓެރި ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ޖެހޭ ކަމަށާއި ޕާކިސްތާނުގެ ބަލޫޗިސްތާން ޕްރޮވިންސްގައި ގްވާދާރު ކަނޑުގެ ބަނދަރު އެޅުމުގެ މަސައްކަތް އަވަސް ކުރަން ޖެހޭ ކަމަށެވެ.
ޝަރީފް ވަނީ، ދާދި ފަހުން ފެންބޮޑުވުމުގެ ސަބަބުން 1700 އަށް ވުރެ ގިނަ މީހުން މަރުވެ، ގާތްގަނޑަކަށް 33 މިލިއަނަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނު ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ ރިލީފް އެންޑް ރިހެބިލިޓޭޝަން މަސައްކަތަށް ޗައިނާއިން ވެދިން އަގުހުރި އެހީތެރިކަމަށް ޝީއަށް ޝުކުރު އަދާކުރައްވާފައެވެ.
އެމަނިކުފާނުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ސީޕީއީސީގެ މަސައްކަތާއި ރޭލްވޭ ލައިނެއް އެޅުމުގެ މަސައްކަތާއި ސްޓްރެޓެޖިކް މުހިންމު އެކި މަޝްރޫއުތަކާ ބެހޭ ގޮތުން ލީޑަރުން ވާހަކަ ދެއްކެވި ކަމަށެވެ.
އޭގެ ފަހުން ބުދަ ދުވަހު ޝަރީފް ވަނީ ޗައިނާގެ ޚާރިޖީ ވަޒީރު ލީ ކެކިއާންގްއާ ވެސް ބައްދަލުކުރައްވާފައެވެ.
ތާރީޚީ ބައިވެރިން ކަމަށްވާ ޕާކިސްތާނާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިވެފައިވަނީ ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައެވެ. އެ ދުވަސްވަރަކީ ވޮޝިންޓަނާއެކު އިސްލާމްއާބާދުގެ ގުޅުން މަޑުމަޑުން ފިނިވެގެން ދިޔަ ދުވަސްވަރެކެވެ.