ފަނޑިޔާރުންނަށް ފާރަލި މައްސަލައިގައި ސްޕްރީމް ކޯޓުގެ އެސްޖީ މަޤާމުން ވަކިކޮށްފި
ކެމެރާ ހަރުކޮށްގެން ފަނޑިޔާރުންނަށް ފާރަލުމުން ސަސްޕެންޑްކޮށްފައި ހުރި ސްޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ.ޙުސައިން ފާއިޒް މަޤާމުން ވަކިކޮށްފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އިއްޔެ ބުނީ ފާއިޒް މަޤާމުން ވަކިކުރަން ނިންމީ ސްޕްރީމް ކޯޓުގެ ސެކިއުރިޓީ ހަރުދަނާކުރުމަށްކަމަށް ބުނެ ފަނޑިޔާރުންނާއި މުވައްޒަފުންގެ ހަރަކާތްތަކަށް ފާރަލެވޭ ގޮތަށް ކޯޓުތެރޭގައި ސީސީޓީވީ ކެމެރާ ހަރުކުރި ކަމަށާއި, އޭނާގެ ކޮޓަރީގައި ކެމެރާތަކުގެ ލައިވް ފީޑް ލިބޭނެ ގޮތް ހަދައި އޭގެ ބޭނުންކުރިކަމަށް ތަޙްޤީޤަށް ސާބިތުވާތީ ކަމަށެވެ. އަދި ކެމެރާ އެޅުމުގެ މަސައްކަތަށް ދެލައްކަ ރުފިޔާއަށްވުރެ ބޮޑު އަދަދެއް ޚަރަދުކޮށްފައިވާއިރު އެކަން ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބުނާ ގޮތަށް ސްޓޭޓްމަންޓް އޮފް ރިކްވަޔަމަންޓް ތައްޔާރުނުކޮށް ސެކިއުރިޓީ ބެލެހެއްޓުމުގެ މަގުސަދާ ޚިލާފަށް ކަމަށް ވެސް ޑީޖޭއޭއިން ބުންޏެވެ.
މި އަމަލު ކޮށްފައިވަނީ ޒިންމާދާރުކަން ކުޑަގޮތެއްގައި ކަމަށްވާތީ ސުޕްރީމް ކޯޓުގެ އިދާރީ އިސްވެރިޔާގެ ހައިސިއްޔަތުން އޭނާއަށް ކުރެވޭ އިތުބާރު މިހާރު ގެއްލިފައިވާކަމަށް ވެސް ޑީޖޭއޭއިން ބުންޏެވެ.
2019 ގައި އެސްޖީއަކަށް އައްޔަންކުރި ފާއިޒަށް ކުރެވުނު މި ތުހުމަތާ ގުޅިގެން އޭނާ ސަސްޕެންޑް ކުރީ މިދިޔަ މާޗުގައެވެ.